އިންޑިޔާގެ ޞިއްޙީ ދާއިރާގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަން ހަރުދަނާ ކުރުމަށް ލަފާދޭނެ ޚާއްޞަ ޓާސްކް ފޯހެއް އެ ޤައުމުގެ ސުޕްރީމް ކޯޓުން އެކުލަވައިލައިފިއެވެ. އެ ކަމަށް ޚާއްޞަ ޓާސްކް ފޯހެއް އެކުލަވައިލާފައި ވަނީ, ހުޅަނގު ބަންގާލް ސްޓޭޓްގެ ވެރިރަށް ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގައި ވަޒީފާ އަދާކުރަމުން ދިޔަ 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލުމުންނެވެ.
ޑޮކްޓަރުގެ ހަށިގަނޑު ފެނިފައި ވަނީ އޮގަސްޓު 9ވަނަ ދުވަހު މެޑިކަލް ކޮލެޖުގެ ތެރެއިންނެވެ. އޭނާ މަރައިލާފައި ވަނީ ރޭޕު ކުރުމަށް ފަހުގައި ކަން ކަލްކަތާގެ ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި, އިންޑިޔާގެ މައި ތަޙުޤީޤީ އިދާރާ, ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ން ދަނީ އެ ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން, އަންހެނުންނާއި އަންހެން ކުދިންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަަވަރު ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައި އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. އަދި, ހަސްފަތާލުތަކާއި ކުލިނިކުތަކުގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ވަނީ, އެ ކަމަށް ބާރު އެޅުމުގެ ގޮތުން އިހުތިޖާޖަށް ނިކުމެފައެވެ. އިހުތިޖާޖާ ގުޅިގެން ޞިއްޙީ ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު, މި ވަގުތު ފޯރުކޮށްދެމުން ދަނީ ކުއްލި ފަރުވާގެ ޚިދުމަތްތައް އެކަންޏެވެ.
"ވަޒީފާ އަދާ ކުރާ ތަނަށް އަންހެނުން ދިޔުމުން އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށް ނުދިނުމަކީ އެ މީހުންގެ އަސާސީ ޙައްޤެއް ކަމުގައިވާ ހަމަހަމަ ކަމުގެ ޙައްޤު ނިގުޅައިގަތުން،" އިންޑިޔާގެ އުއްތަމަފަނޑިޔާރު ޑީވައި ޗަންދްރަޗޫރް ވިދާޅުވިއެވެ. ޞިއްޙީ ދާއިރާގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސުޕްރީމް ކޯޓުން ޓާސްކް ފޯހެއް އެކުލަވައިލާފައި ވަނީ ޑޮކްޓަރުންގެ ބައިވެރިވުމާ އެކުގައެވެ. އެ ޓާސްކް ފޯހަށް މަތިކޮށްފައިވާ ޒިންމާއަކީ, ޞިއްޙީ ދާއިރާއަކީ އަންހެނުންނަށް ވަޒީފާ އަދާ ކުރަން ރައްކާތެރި ދާއިރާއަކަށް ހެދުމަށް އިސްލާޙުތަކެއް ހުށަހެޅުމެވެ.
ނަމަވެސް, އިހުތިޖާޖު ކުރަމުންދާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ދަނީ އިހުތިޖާޖު ހުއްޓައިލަން ދެކޮޅު ހަދަމުންނެވެ. "ޤާނޫނު އިސްލާޙު ކޮށްގެން މި ކަން ހައްލެއް ނުކުރެވޭނެ. މުޅި ނިޒާމަށް ބޮޑެތި އިސްލާޙުތަކެއް ގެންނަން ޖެހޭ،" ޑޮކްޓަރު ކަން ކިޔަވަމުންދާ މީހުންނާއި ޖޫނިއަރ ޑޮކްޓަރުންގެ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ އިދާރާއިން ބުނީ, ޓާސްކް ފޯހެއް އެކުލަވައިލި ނަމަވެސް, މި ކަމުގެ އަޑީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމުގައިވާ ޞިއްޙީ ދާއިރާގެ ބަޖެޓު ކުޑަވުމާއި, އެ ދާއިރާގައި ވަޒީފާ އަދާ ކުރާ މީހުންގެ ޢަދަދު މަދުވުމުގެ މައްސަލައަށް ހައްލެއް ލިބިގެން ގޮސްފައި ނުވާ ކަމުގައެވެ.
ކަލްކަތާ ޑޮކްޓަރުގެ މަރާ ގުޅިގެން ކުރަމުންދާ ތަޙުޤީޤުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ސީބީއައިގެ މައްޗަށް އަމުރު ކޮށްފައެވެ. އަދި, އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި, އެ ތަނުގައި ވަޒީފާ އަދާ ކުރާ އަންހެން ޑޮކްޓަރުން ބޭނުންވެއްޖެ ހިނދެެއްގައި, އެ މީހުންނަށް ހަށިފާރަވެރިން ފޯރުކޮށްދިނުމަށް އިންޑިޔާގެ ޕެރެމިލިޓަރީ އަސްކަރިއްޔާއަށް އަންގާފައެވެ. ސުޕްރީމް ކޯޓުން އެ ކަމަށް އަމުރު ކޮށްފައި ވަނީ, އާރްޖީ ކާރް މެޑިކަލް ކޮލެޖަށް ބަޔަކު ގެއްލުން ދިނުމާ ގުޅިގެންނެވެ.
އޭގެ އިތުރުން, ހަސްފަތާލުތަކުގައި އަންހެން މުވައްޒަފުންނަށް ޚާއްޞަ ކޮޓަރިތަކެއް ކަނޑައަޅައި, ޑޮކްޓަރު ކަން ކިޔަވައިދޭ ޔުނިވަރސިޓީތަކާއި މެޑިކަލް ކޮލުޖުތަކާއި ކެމްޕަސްތަކުގައި އަލިކަން ރަނގަޅުކޮށް, ސީސީޓީވީ ކެމެރާ ހަރު ކުރުމާއި, ކޮންމެ ތަނެއްގައި އަންހެނުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ވިލަރެސްކޮށް އޮޑިޓު ކުރާނެ ޕެނަލެއް އެކުލަވައިލަން ލަފާ ދިނުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ޓާސްކް ފޯހަށް އިރުޝާދު ދީފައެވެ.
ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ހަރުދަނާ ކުރެވޭނެ ފިޔަވަޅުތަކާ ބެހޭ ވަގުތީ ރިޕޯޓެއް އެ ޓާސްކްފޯހުން ތިން ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ. އަދި, ފައިނަލް ރިޕޯޓު ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. ކަލްކަތާ ޑޮކްޓަރުގެ މަރާ ގުޅިގެން ކުރަމުންދާ އިހުތިޖާޖު ހުއްޓައިލައި, މެދުކަނޑަައިލާފައިވާ ޞިއްޙީ ޚިދުމަތްތައް އަލުން ފެށުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޑޮކްޓަރުގެ މަރަށް ފަހު ވެސް އިންޑިޔާގައި ޖިންސީ ގޯނާގެ ބޮޑު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ވިޔަފާރީގެ ވެރިރަށް މުމްބާއީގައި ހިނގި ހާދިސާގައި, މަދަރުސާއެއްގައި ވަޒީފާ އަދާ ކުރާ މަސައްކަތު މީހަކު ވަނީ ހަތަރު އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައެވެ. އެ ކުށުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާއިރު, އެތަކެއް ހާސް ބަޔަކު ވަނީ މަހަރާޝްޓްރާ ސްޓޭޓްގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށް, ރޭލު ދަތުރުފަތުރުގެ ޚިދުމަތް ހުއްޓުވައިލާފައެވެ.