ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާގެ ބޮޑެތި ރަށްތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި, ސާފު ބޯފެން ރައްކާ ކުރުމަށް 300 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރު ވެއްޖެއެވެ. ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ހިންގާ މަޝްރޫޢު އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން ހަތް ރަށަށެވެ. އޭގެ ތެރޭގައި ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގެ އިތުރުން ޗެންނާއީއާއި ބެންގަލޫރު ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށްތަކުގައިވާ ޤުދުރަތީ ފެންގަނޑުތަކުގެ ސައިޒު ބޮޑުކޮށް, ފެން ހިންދާ ނިޒާމު ފުޅާކޮށް ބޮޑު ކުރެވޭނެއެވެ.
ވިއްސާރަ މޫސުމުގައި ފެންބޮޑުވެ, ކޮންމެ އަހަރަކު ވެސް އިންޑިޔާގެ ބޮޑެތި ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އަދި, ޢުމްރާނީ ތަރައްޤީގެ ސަބަބުން ޤުދުރަތީ ފެންގަނޑުތަކުގެ ސައިޒު ކުޑަވެ, ސާފު ބޯފެން ރައްކާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން, ކުނީގެ މައްސަލައަކީ ފެން ހިންދާ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ސާފު ބޯފެން ލިބުމުގައި އޮތް ދަތިތަކުގެ ސަބަބުން އިންޑިޔާގެ އިޤުތިޞާދީ ކުރިއެރުން މަޑު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ ރެޓިންގ އޭޖެންސީ, މޫޑީޒުން ދާދި ފަހުން އިންޑިޔާއަށް އިންޒާރު ކުރިއެވެ. މިހާރު މި ހިނގާ މާލީ އަހަރުގައި އިންޑިޔާގެ އިޤުތިޞާދީ ކުރިއެރުން 7.2 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
އިންޑިޔާގެ ކާރިސާތަކާ ބެހޭ އިދާރާ, ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މެންބަރު ކްރިޝިން އެސް ވަތުސް ވިދާޅުވީ ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅުމެއް ނިންމާފައިވާ ކަމުގައެވެ. "މިއީ, ބޮޑެތި ރަށްތަކުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫޢަށް ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ވަތުސް ވިދާޅުވީ, އެ މަޝްރޫޢުގެ ދަށުން މުމްބާއީއާއި ޗެންނާއީ އަދި ކަލްކަތާގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ކޮންމެ ރަށަކަށް 5 ބިލިޔަން ރުޕީސް ޚަރަދު ކުރާނެ ކަމުގައެވެ. އަދި, އަހެންދްއާބާދާއި, ހައިދްރާބާދުގެ އިތުރުން ޕުނޭގެ ތެރެއިން ކޮންމެ ރަށަކަށް 2.5 ބިލިޔަން ރުޕީސް ހޭދަ ކުރާނެ ކަމުގައެވެ. ނަމަވެސް, ވެރިރަށް ނިއު ދެއްލީއަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރަން މި މަޝްރޫޢުގެ ދަށުން ފައިސާ ކަނޑައަޅާފައި ނުވާ ކަމަށާއި, މަޝްރޫޢު ހިންގާނެ ރަށްތައް ކަނޑައަޅާފައި ވަނީ, ފެންބޮޑުވުމުގެ ހާދިސާތަކުގައި ލިބޭ ގެއްލުމަށް ބަލާފައި ކަމުގައި ވަތުސް ވިދާޅުވިއެވެ.
ވިއްސާރަ މޫސުމުގައި ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވާ ގެއްލުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އިންޑިޔާގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް, ދިގު މުއްދަތުގެ ހައްލުތަކެއް ހޯދަން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައި ވެސް ވަތުސް ވިދާޅުވިއެވެ. އެއް ސަބަބަކީ, މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ވިއްސާރަ މޫސުމުގައި ބައެއް ސަރަޙައްދުތަކަށް ވާރޭ ވެހޭ މިންވަރު އިތުރުވުމެވެ. ޖުލައި 8ވަނަ ދުވަހު މުމްބާއީއަށް އެންމެ ހަ ގަޑިއިރުގެ ތެރޭގައި 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
"އެއްވެސް ރަށަކަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިއްޖެ ނަމަ އެ ރަށެއްގައި ފެންބޮޑުވެ, ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ. އެ ކަން ހައްލު ކުރުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭނެ. އަދި, އެ ކަން ކާމިޔާބު ކުރަން މުޅި ސަރުކާރުގެ ބައިވެރިން ބޭނުންވާނެ،" ވަތުސް ވިދާޅުވިއެވެ.