ޚަބަރު

ތަޢުލީމީ ދާއިރާގެ މައްސަލަތައް ޙައްލުކުރަން 9.5 މިލިޔަން ޑޮލަރުގެ ހިލޭ އެހީ


  • ހިލޭ އެހީގެ ދަށުން ސްކޫލުތައް ޤާއިމުކުރުމާއި، ތަޢުލީމީ ދާއިރާ ހިންގުން ހަރުދަނާ ކުރާނެ

ތަޢުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ލިބުނު 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ހޯދޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަން ( ޖީޕީއީ)ގެ ހިލޭ އެހީގެ ދަށުން ވަނީ ތަފާތު 3 ގްރާންޓެއް ހިމެނޭހެން 9.5 މިލިޔަން ޑޮލަރު ނުވަތަ 146.5 މިލިޔަން ރުފިޔާގެ އެހީ ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް ދީފައެވެ. މި އެހީގެ ދަށުން ތަޢުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.

މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، 10 އަހަރު ފާއިތުވެގެން ދިޔައިރު އޯލެވެލުން ފާސްވާ ދަރިވަރުންގެ އިންސައްތަ 50 އިންސައްތައަށްވުރެ މައްޗަށް ނާރާކަމަށެވެ. ތަޢުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު އެއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.



ވަޒީރު ވިދާޅުވީ އޭލެވެލް ނިންމާ ދަރިވަރުން ޔުނިވަރސިޓީ ތަޢުލީމާ ގުޅޭ ޢަދަދުވެސް ވަރަށް ދަށްކަމަށާއި، މިއީ ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ އަޅާލުނާ ދޫކޮށްލެވޭވަރަށްވުރެ ބޮޑު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި މައްސަލަ ފެށިގެން އަންނަނީ 2015ން ފެށިގެން 2024އާ ހަމައަށް. އަޅުގަނޑުމެން ބަލާއިރު ގްރޭޑް ތިނެއްގެ އިނގިރޭސި ފިޔަވާ އެހެން މާއްދާތައް ހުރީ ދަށްކޮށް. ދަރިވަރުންގެ ހިސާބާއި ލިޓްރެސީ މާއްދާއިން ފާސްވާ އިންސައްތަ ނުހިފެހެއްޓޭނަމަ އޭގެ އަސަރުކުރާނީ ސާނަވީ މަރުހަލާގެ ނަތީޖާއަށް. ޕްރިމައިރީގެ ނަތީޖާ ރަނގަޅުކޮށްގެން ނޫނީ ސާނަވީ މަރުހަލާގެ ނަތީޖާ ރަނގަޅު ނުކުރެވޭނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓީޗަރުންގެ ފެންވަރުން މަތިކޮށްގެން ނޫނީ ސަރުކާރުން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށާއި، އަދިވެސް ތަޢުލީމީ ދާއިރާއަށް 2700ށްވުރެ ގިނަ އަދަދަކަށް ޓީޗަރުން ބޭނުންވާކަމަށެވެ. ވަޒީރު ވަނީ މިކަންކަން ހައްލުކޮށް، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ލިބުނު ގްރާންޓްތަކުގެ ތަފްސީލު:

* ސިސްޓަމް ޓްރާންފޮމޭޝަން ގްރާންޓް: މި ގްރާންޓްގެ ޖުމްލަ ފައިސާގެ އަދަދަކީ 5 މިލިޔަން އެމެރިކާ ޑޮލަރު
* ސިސްޓަމް ކެޕޭސިޓީ ގްރާންޓް: މި ގްރާންޓްގެ ޖުމްލަ ފައިސާގެ އަދަދަކީ 1.5 މިލިޔަން އެމެރިކާ ޑޮލަރު
* މަލްޓިޕްލަޔަރ ގްރާންޓް: މި ގްރާންޓްގެ ޖުމްލަ ފައިސާގެ އަދަދަކީ 3 މިލިޔަން އެމެރިކާ ޑޮލަރު

މި އެހީގެ ދަށުން ސްކޫލުތައް ޤާއިމުކުރުމާއި، ތަޢުލީމީ ދާއިރާ ހިންގުމުގެ ހުނަރުވެރިން އުފެއްދުމާއި، ތަޢުލީމީ ދާއިރާގެ ޕްލޭނިންގ އަދި ފައިނޭންސިންގ ހަރުދަނާކުރުމުގެ މަސައްކަތްތައްކޮށް، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުން ތަމްރީނުކޮށް މައިދާނަށް ނެރުމުގެ މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ތަޢާރަފްކޮށް، ތަޢުލީމީ ދާއިރާގެ ޕޮލިސީތައް އެކަށައެޅުމުގައި ބޭނުންކުރަން ފަށާނެއެވެ.

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން އަކީ ދުނިޔޭގެ ފެންވަރުގައި ތަޢުލީމަށް ފަންޑު ކުރާ އެންމެ ބޮޑު އަމިއްލަ ޖަމާޢަތެވެ. ދިވެހިރާއްޖެއަކީ 2024 ޖަނަވަރީ 2026 ޑިސެމްބަރަށް ހިނގަމުންދާ ދައުރުގައި ޖީފީއީގެ ބޯޑް އޮފް ޑިރެކްޓަރސްގެ މެންބަރެކެވެ. އެގޮތުން ދިވެހިރާއްޖެ ހިމެނޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ބޯޑް މެންބަރުގެ ހައިސިއްޔަތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތައް ތަމްސީލު ކުރައްވަނީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.