ޔޫކްރެއިނުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. އެއީ, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މޮސްކޯއަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ މޮސްކޯއަށް ޙަމަލާ ދޭން ޔޫކްރެއިނުން ބޭނުން ކުރި 11 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.
ރަޝިޔާއަށް ޙަމަލާ ދޭން ޔޫކްރެއިނުން ޖުމުލަ 45 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަ ކުރިއެވެ. އޭގެ ތެރެއިން 11 ޑްރޯން ބޭނުން ކޮށްފައި ވަނީ މޮސްކޯއަށް ޙަމަލާ ދިނުމަށެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ބްރިޔަންސްކަށް ޙަމަލާ ދިނުމަށް ބޭނުން ކުރި 23 ޑްރޯނާއި, ބިޔެލްގޮރޮދަށް ޙަމަލާ ދޭން ބޭނުން ކުރި ހަ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި, ކަލޫގާއަށް ޙަމަލާ ދޭން ތިން ޑްރޯނާއި ކޫރްސްކަށް ޙަމަލާ ދޭން ބޭނުން ކުރި ދެ ޑްރޯނެއް ވެސް ވަނީ ދިފާޢު ކޮށްފައެވެ.
މޮސްކޯއަށް ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނީ, ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައި, ރަޝިޔާގެ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިން ސިފައިން ކޫރްސްކަށް އަރާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ. ޔޫކްރެއިންގެ އަތްދަށުން ކޫރްސްކް ދިފާޢު ކުރަން ރަޝިޔާގެ އަސްކަރިއްޔާއިން ހަނގުރާމަ ކުރަމުންދާއިރު, ޔޫކްރެއިންގެ ފައުޖުތަކުން ދަނީ އެ މީހުން އަތްގަދަ ކޮށްފައިވާ ސަރަޙައްދު ބޮޑު ކުރަން މަސައްކަތް ކުރަމުންނެވެ.
ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން މީގެ ކުރިން ވެސް އަސްކަރީ ޑްރޯން ބޭނުން ކޮށްފައިވާއިރު, މޮސްކޯއަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ މަދު ފަހަރަކުއެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރަޝިޔާގެ ތެލާއި ގޭސް އުފައްދާ ކާރުޚާނާތަކާއި އެ ތަކެތި ރައްކާ ކުރާ ގުދަންތަކަށެވެ.
މޮސްކޯއަކީ 21 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. މޮސްކޯގެ މޭޔަރު ސެރްގިޔޭ ސައިބިޔާނިން ވިދާޅުވީ, އެ ރަށަށް ޙަމަލާ ދޭން ޔޫކްރެއިނުން ބޭނުން ކުރި ޑްރޯންތައް ވައްޓައިލާފައި ވަނީ މޮސްކޯގެ ރަށް ބޭރުގައި އޮތް ޕަދޮލްސްކް ކައިރިން ކަމުގައެވެ. އެއީ, ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނާ 38 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެވެ.
"މިއީ އަސްކަރީ ޑްރޯންތަކެއް ބޭނުން ކޮށްގެން މޮސްކޯއަށް ދީފައިވާ އެންމެ ބޮޑު ޙަމަލާތައް. ނަމަވެސް, މޮސްކޯ ވަށައިގެން ގާއިމު ކޮށްފައިވާ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން ހުރިހާ ޑްރޯންތަކެއް ވަނީ ދިފާޢު ކުރެވިފައި،" ސައިބިޔާނިން ވިދާޅުވިއެވެ.
ޔޫކްރެއިންގެ ޑްރޯން ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް ސައިބިޔާނިން ވިދާޅުވިއެވެ. ރަޝިޔާގެ ހުޅަނގުދެކުނުގައި އޮތް ބްރިޔަންސްކަށް ދިން ޙަމަލާތަކުގައި ވެސް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި, އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އަލެކްސާންދްރަ ބަގާމާސް ވިދާޅުވިއެވެ.
ރަޝިޔާގެ ހުޅަނގުއުތުރު ރަސްތޯފް ސަރަޙައްދުގެ ގަވަރުނަރު ވަސީލީ ގުއޮލޮބިއެފް ވިދާޅުވީ, އެ ސަރަޙައްދަށް ޙަމަލާ ދޭން ޔޫކްރެއިނުން މިސައިލްތަކެއް ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި, މިސައިލްތައް ވެސް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމަށާއި, އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެސް-300 މަރުކާގެ މިސައިލްތަކެއް ބޭނުން ކޮށްގެން ރަސްތޯފް ސަރަޙައްދަށް ޙަމަލާތަކެއް އަމާޒު ކޮށްފައިވާނެ ކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޔޫކްރެއިނުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އެންމެ ފަހުން ޑްރޯން ޙަމަލާތަކެއް ދީފައި ވަނީ ހުސްވި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެ ފަހަރު މޮސްކޯއަށް ޙަމަލާ ދޭން ބޭނުން ކުރި އަށް ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާއިރު, އެއީ ރަޝިޔާ ރުޅިއަރުވަން ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ސިފަ ކުރައްވާފައެވެ.
މޮސްކޯއަށް ޙަމަލާ ދޭން ޔޫކްރެއިނުން މަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ބޮޑުވަަޒީރު ލީ ޗިއަންގް މޮސްކޯއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައެވެ. ދަތުރުފުޅުގައި ލީ ވަނީ ޕުޓިންއާ ކްރެމްލިންގައި ބައްދަލު ކުރައްވާފައެވެ.
މޮސްކޯއަށް ޙަމަލާތަކެއް ދޭން ޔޫކްރެއިނުން މަސައްކަތް ކުރި ނަމަވެސް, އެ ރަށުގެ ރައްޔިތުންގެ ހިތްތަކުން ހާސް ކަން ފެނިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް, ޑްރޯން ޙަމަލާތަކާ ގުޅިގެން މޮސްކޯގެ ބައެއް ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. އޭގެ ތެރޭގައި ވުނޫކަވާއާއި, ދޮމާޖިޔަދަވާގެ އިތުރުން ޜޫކޮވްސްކީ ވައިގެ ބަނދަރު ހިމެނެއެވެ.
މޮސްކޯއަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައިވާ ދަނޑިވަޅުގައި ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގެ އިރުމަތީގައިވާ އިތުރު ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިންގެ ބިމުގެ 18 އިންސައްތަ މިހާރު ވެސް އޮތީ ރަޝިޔާގެ ސިފައިންގެ އަތްދަށުގައެވެ.
އޭގެ ބަދަލުގައި ޔޫކްރެއިނުން ވެސް ދަނީ, ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ބޭރުގެ ބާރަކުން ރަޝިޔާއަށް ދެމުންދާ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތައް ކޫރްސްކް ސަރަޙައްދަށް އަމާޒު ކުރަމުންނެވެ. ކޫރްސްކް ސަރަަޙައްދުގައި ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ މަޢުލޫމާތު ހާމަކުރާ ރަޝިޔާގެ ބްލޮގަރުން ބުނީ, ޔޫކްރެއިން ސިފައިން 450 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާ ކަމުގައެވެ.