ބަންގްލަދޭޝަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ ދެ މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ, ފެންބޮޑުވުމާ ގުޅިގެން ބަައެއް ރަށްތަކުގައި ޢާންމުންގެ ގެދޮރާއި ޢުމްރަނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި, ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތިން މިލިޔަނަށް ވުރެ ގިނަ މީހުން ތާށިވެފައިވާ ކަމުގައެވެ.
ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން މަސައްކަތް ކުރަމުންނެވެ. ބަންގްލަދޭޝްގެ ފެންބޮޑުވުމާ ގުޅޭ އިންޒާރު ދޭ މަރުކަޒު (އެފްއެފްޑަބްލިޔުސީ)ން ބުނީ ކުރިއަށް އޮތް 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި, އިތުރު ސަރަޙައްދުތަކެއްގައި ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ފޭނީ, މޯލޯބީބާޖާރު, ހޯބީގޮންޖް, ކުމިއްލާ އަދި ޗޮއްޓޮގްރާމް ހިމެނެއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުތަކުން ދެމޭ ކޯރުތަކުގެ ފެންގަނޑު ބަންޑުންވެ, މަގުތަކާއި ހަލިމަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މި ކަމާ ގުޅިގެން, ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް, އެ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ރައްޔިތުން ބުނީ, ފާއިތުވި 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މި ފަދަ މަންޒަރެއް ފެނިފައި ނުވާ ކަމުގައެވެ.
ބަންގްލަދޭޝަށް ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހުމާ ގުޅިގެން ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ 3.5 މިލިޔަނެއްހާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބެލެވޭ ކަމުގައި ވޯލްޑް ބޭންކުން 2015ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ހާމަ ކޮށްފައިވެއެވެ. ސައިންސްވެރިން ބުނީ, އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން ބައެއް ޤައުމުތަކަށް ވާރޭވެހޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމުގައެވެ.
ބަންގްލަދޭޝްގެ ބައެއް ސަރަޙައްދުތަކުގައި ކުއްލިއަކަށް ފެންބޮޑުވެފައި ވަނީ, އިންޑިޔާގައި ހުރި ޑޭމްތަކެއްގެ ދޮރުތަކެއް ހުޅުވައިލުމާ ގުޅިގެން ކަމަށް ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ތުހުމަތު ކުރެއެވެ. އަދި, މި ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ދަރިވަރުންގެ ބަޔަކު ވަނީ ވެރިރަށް ދާކާގައި މުޒާހަރާތަކެއް ވެސް ބާއްވާފައެވެ. ނަމަވެސް, އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.
"ގުމްތީ ކޯރު އިންޑިޔާއާއި ބަންގްލަދޭޝްގެ ތެރެއިން ވެސް ދެމޭ އިރު, އެ ކޯރު ދެމޭ ސަރަޙައްދުތަކަށް ފާއިތުވި ދުވަސްތަކުގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހިފައިވާ ކަން ފާހަގަ ކުރަން ޖެހޭ. ބަންގްލަދޭޝްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައި ވަނީ ގުމްތީ ކޯރުގެ ޑޭމް ހުންނަ ހިސާބަށްވުރެ ތިރި ބިންތަކަށް ވާރޭވެހުމާ ގުޅިގެން،" އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ގުމްތީ ކޯރަކީ އިންޑިޔާގެ އިރުއުތުރުގައި އޮންނަ ތްރިޕޫރާ ސްޓޭޓްގެ ތެރެއިން ވެސް ދެމޭ ކޯރެކެވެ. ފާއިތުވި ތިން ދުވަހު މެދުކެނޑުމެއް ނެތި ވާރޭވެހުމާ ގުޅިގެން އެ ސަރަޙައްދުގައި ވެސް ވަނީ ފެންބޮޑުވެފައެެވެ. އަދި, ތްރިޕޫރާގައި ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި 12 މީހުން މަރުވި ކަމުގައި އިންޑިޔާގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
"[ފެންބޮޑުވުމުގެ] އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައި އަދި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރަން މި ދަނީ މަސައްކަތް ކުރަމުން،" އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފިޝަލެއް ކަމުގައިވާ ސުމަން ދޭބް ވިދާޅުވިއެވެ.
އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހް ވިދާޅުވީ, ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކާރިސާތަކާ ބެހޭ އިދާރާގެ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި, ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް ބޯޓުތަކާއި ހެލިކޮޕްޓަރުތައް ވެސް ފޮނުވާފައިވާ ކަމުގައެވެ.
"އިންޑިޔާއާއި ބަންގްލަދޭޝްގެ ތެރެއިން ދެމޭ ކޯރުތައް އޮންނަ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދެ ޤައުމުން ވެސް ހިއްސާ ކުރަން ޖެހޭ. ދެ ޤައުމުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ, ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭ. އެ ކަންކަމާ ކުރިމަތިލާން ޖެހޭނީ ދެ ޤައުމުން ގުޅިގެން،" އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.