ޔަހޫދީންގެ އަޅުވެތި ކަމަށް ކެތް ނުކުރެވިގެން ފަލަސްޡީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް ދިން ކުއްލި ޙަމަލާތަކުގެ ޒިންމާ ފުރިހަމައަށް އުފުލާ ކަމުގައި ޔަހޫދީންގެ ޖާސޫސީ އިދާރާގެ ވެރިޔާ މޭޖަރ ޖެނެރަލް އަޚަވޯން ޚަލީވާ ބުނެފިއެވެ. އޭނާ މިހެން ބުނެފައި ވަނީ ޔަހޫދީންގެ އަސްކަރިއްޔާގައި 38 އަހަރު މަސައްކަތް ކުރުމަށް ފަހު ރިޓަޔަރ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ, ޙަމާސްގެ މުޖާހިދުންނަށް އެހާ ފަސޭހަ ކަމާ އެކު ޔަހޫދީންގެ ރަށްތަކަށް އަރައި އަސްކަރީ ޙަރަކާތެއް ހިންގިފައި ވަނީ އޭނާއަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ފޭލުވުމުން ކަމުގައެވެ. ރިޓަޔަރ ކުރަން ނިންމާފައިވާ ކަން ޚަލީވާ އިޢުލާނު ކޮށްފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއިރު ވެސް އޭނާ ބުނަމުން ގޮސްފައި ވަނީ, ޙަމާސުން ދީފައިވާ ކުއްލި ޙަމަލާ ދިފާޢު ކުރަން އޭނާ ނުކުޅެދިފައިވާ ކަމުގައެވެ.
"ޖާސޫސީ އިދާރާ ފޭލުވީ އަހަރެންގެ ސަބަބުން،" ޚަލީވާ ބުންޏެވެ. އަދި, ޙަމާސަށް އެހާ ފަސޭހަކަމާ އެކު ޔަހޫދީންގެ ރަށްތަކަށް އަރައި ވަރުގަދަ އަދި ނުރައްކާތެރި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ފުރުޞަތު ލިބުނު ގޮތް ދެނެގަތުމަށް ދިރާސާ ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލާފައެވެ.
ދުނިޔޭގައި އޮތް އެންމެ ޒަމާނީ, އެންމެ ބާރުގަދަ އަދި އެންމެ މަތީ ފަންތީގެ ޖާސޫސީ އިދާރާ އޮތީ ޔަހޫދީ ދައުލަތުގައި ކަމަށް އެ މީހުން އަމިއްލައަށް ވަކާލާތު ކުރެއެވެ. އަދި, އެ މީހުންނަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި, ޔަހޫދީ ދައުލަތަށް ކުއްލި ޙަމަލާއެއް ދިނުމަކީ ކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށް ބުނެ އެ މީހުން ދިޔައީ ފޮނިކަނޑަމުންނެވެ. ނަމަވެސް, 2023 އޮކްޓޫބަރު 7ގައި އެ މަންޒަރު ބަދަލުކޮށްލައި, ޔަހޫދީންގެ ދުނިޔެއަށް ކަޅު ވިލާތަކެއް ވެރި ކުރުވީ, އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ޔަހޫދީންގެ ޖާސޫސީ އިދާރާއާއި ބާރުގަދަ އަސްކަރިއްޔާގެ އަގުވައްޓައިލައި, ލަދުގަންނަވައިލީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނެވެ.
އެ ދުވަހުގެ ފަތިހުގެ ވަގުތުގައި ފެށި އަސްކަރީ ޙަރަކާރުގައި ޙަމާސް އަދި އިސްލާމިކް ޖިހާދުގެ މުޖާހިދުންގެ ބިޔަ ލަޝްކަރަކުން ވަނީ ޔަހޫދީންގެ ދަޢުލަތުގެ ދެކުނުން އޮތް ރަށްތަކަށް އަރައިގަނެފައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ, އެ މީހުންނަށް ސިހުން ގެނުވައި, ފަހަތަށް ޖައްސާފައެވެ. މުޖާހިދުން ޔަހޫދީންގެ ރަށްތަކުން ފޭބީ, 250އެއްހާ ޔަހޫދީން ރަހީނު ކުރުމަށް ފަހު, އެ މީހުން ގޮވައިގެންނެވެ. އެއީ, ތާރީޚުގައި ވެސް ޔަހޫދީންނަށް ކުރިމަތިލާން ޖެހުނު އެންމެ ލަދުވެތި ހާދިސާއެވެ.
ޚަލީވާގެ އިތުރުން އެ ދުވަހު ޙަމާސުން ދީފައިވާ ހިތްވަރުގަދަ ޙަމަލާއިން ޔަހޫދީން ދިފާޢު ކުރުމުގައި ފޭލުވި ކަން ގަބޫލުކޮށް, އެ ކަމުގެ ޒިންމާ އުފުލާ ކަމަށް ބުނެފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ފައުޖުގެ އިސް ކޮމާންޑަރު, ލެފްޓިނެންޓް-ޖެނެރަލް ހަރްޓްޒީ ޚަލަވީއާއި, ދާޚިލީ ޖާސޫސީ އިދާރާގެ ވެރިޔާ ޜޮނާން ބާރް ހިމެނެއެވެ.
ފަަލަސްޠީނުގެ މުޖާހިދުންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފަށާފައެވެ. އަދި, ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވިއެވެ. މީގެ އިތުރުން, ޣައްޒާގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތެލާއި, ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރަން ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ.
ޔަހުދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށާއި އެޕާޓްމަންޓް އިމާރާތްތަކަށެވެ. އަދި, މިސްކިތްތަކާއި ޞިއްޙީ މަރުކަޒުތަކަށެވެ. ރެފިއުޖީ ކޭމްޕުތަކާއި ފޭލިގެތައް ޖަހާފައިވާ ސަރަޙައްދުތަކަށެވެ. މީގެ އިތުރުން މިސްކިތްތަކާއި, އދގެ އޮފީސްތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ބެލުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޯރު ކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތަކާއި މިސައިލްތަކެވެ.
އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,265އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,144އަށް އުފުލިފައެވެ.