ޚަބަރު

އިންޑޮނީޝިޔާގެ ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާތަކެއް


އިންޑޮނީޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެންބަރުން އިންތިޚާބާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ދެކޮޅު ހެދުމުގެ ގޮތުން އެތަކެއް ހާސް ބަޔަކު މަގުތަކަށް ނިކުމެ, ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ. ޤާނޫނު ހަދާ މަޖިލީހުގައި ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރު ތަމްސީލު ކުރައްވާ މެންބަރުން އިންތިޚާބާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހަޅާފައި ވަނީ, ސަރަޙައްދީ އިންތިޚާބުތަކުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ޝަރުޠުތަކަށް ބަދަލު ގެނައުމުގެ ބޭނުމުގައެވެ. އިސްލާޙުތަކާ ދެކޮޅަށް އަޑު އުފުލުގެ ގޮތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައި ވަނީ ވެރިރަށް ޖަކަރްތާގައި ހުންނަ އިންތިޚާބާ ބެހޭ އިދާރާގެ މައި އޮފީސް ދޮށަށެވެ.

އެ ކަމާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުން ތުހުމަތު ކުރާ ގޮތުގައި, ވިޑޯޑޯގެ ފަރާތުން އެ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާފައި ވަނީ އަމިއްލަ ސިޔާސީ މަސްލަޙަތު އިސްކުރައްވައި, ފައިދާ ހޯއްދެވުމުގެ ބޭނުމުގައެވެ. އަދި, ބޭނުމަކީ މެދުތެރޭ ޖާވާގެ ސަރަޙައްދީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުޞަތު އޭނާގެ ދަރިކަލުންނަށް ފަހިކޮށްދިނުމާއި, ވެރިރަށް ޖަކަރްތާގެ ގަވަރުނަރު ކަމުގެ މަޤާމަށް, ސަރުކާރާ ދެކޮޅު ކެނޑިޑޭޓަކަށް ވާދަ ކުރުމުގެ ފުރުޞަތު ހަނި ކުރުން ކަމުގައި މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރެއެވެ.

އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ރޫޅައިލަން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. މި ގޮތުން, ކަރުނަ ގޭސް ބޭނުންކޮށް, މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފެން ޖަހާފައިވާއިރު, އޭގެ ތެރެއިން 301 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާވި ނަމަވެސް, އަނިޔާވި މީހުންގެ ޢަދަދު ސާފެއް ނޫނެވެ. ޤާނޫނަށް ހުށަހެޅި އިސްލާޙުތަކާ ދެކޮޅަށް މުޒާހަރާތައް ފެށުމާ އެކު, ޤާނޫނު ހަދާ މަޖިލީހުން ވަނީ އެ ޤާނޫނާ މެދު ބަހުސް ކުރުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.

ޖޯކޯއަށް ތާޢީދު ކުރާ މެންބަރުން އިންތިޚާބާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހަޅާފައި ވަނީ, އެ ޤައުމުގެ އިންތިޚާބީ-ރައީސް ޕްރަބޯވޯ ސުބިއަންތޯގެ ސިޔާސީ ބާރުތައް އިތުރު ކޮށްދިނުމުގެ ގޮތުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. ދިފާޢީ ވަޒީރު ކަމުގެ މަޤާމު މިހާރު ފުރުއްވަމުން ގެންދަވާ ޕްރަބޯވޯއަށް ފެބުރުވަރީ މަހު ބޭއްވި އިންތިޚާބުގައި ކާމިޔާބީ ލިބިވަޑައިގަތީ ޖޯކޯގެ ނުފޫޒާއި އެހީތެރިކަމުގެ ސަބަބުން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ރައީސް ކަމުގެ މަޤާމާ ޕްރަބޯވޯ ހަވާލުވެ ވަޑައިގަންނަވާނީ އޮކްޓޫބަރު މަހުއެވެ.

ޖޯކޯއަށް ތާޢީދު ކުރާ މެންބަރުން އިންތިޚާބާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހަޅާފައިވާ މި ދަނޑިވަޅުގައި, އިންޑޮނީޝިޔާގެ ދުސްތޫރީ ކޯޓުން އޮގަސްޓު 20ވަނަ ދުވަހު ވަނީ, ސަރަޙައްދީ އިންތިޚާބުތަކުގައި ވާދަ ކުރެވޭނީ އުމުރުން 30 ފުރިފައިވާ މީހުންނަށް ކަމުގައި ކަނޑައަޅައި, ޙުކުމް ކޮށްފައެވެ. ނަަމަވެސް, ޖޯކޯގެ މެންބަރުން ޤާނޫނަށް އިސްލާޙު ހުށަހަޅާފައި ވަނީ އެ ކަން ބަދަލު ކުރުމަށެވެ.

ދުސްތޫރީ ކޯޓުގެ ޙުކުމާ އެކު, ޕްރަބޯވޯއާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަނީސް ބަސްވެޑާނަށް ޖަކަރްތާގެ ގަވަރުނަރު ކަމުގެ މަޤާމަށް އަލުން ކުރިމަތި ލެއްވޭނެއެވެ. 2017ން 2022އަށް އޭނާ ވަނީ އެ މަޤާމު ފުރުއްވާފައެވެ. ނަމަވެސް, ދުސްތޫރީ ކޯޓުގެ ޙުކުމާ އެކު ޖޯކޯގެ 29 އަހަރުގެ ދަރިކަލުން ކައެސަންގ ޕަންގާރަޕަށް ސަރަޙައްދީ އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ. އޭނާއަށް އިންތިޚާބުގައި ވާދަ ކުރެއްވޭނީ އުމުރުން 30 އަހަރު ފުރުމުންނެވެ.

އިންތިޚާބާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާ ދެކޮޅަށް އަޑު އުފުލުމަށް ވެރިރަށް ޖަކަރްތާގެ އިތުރުން މެޑާން, މަކަސަރް އަދި ސުރަބަޔާގެ މަގުތަކަށް ވެސް އެތަކެއް ސަތޭކަ ބަޔަކު ވަނީ ޖަމާވެފައެވެ. އޭގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ކަން ފާހަގަ ކުރެވެއެވެ. އެ ރަށްތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާއަށް ގަލާއި ފުޅި ފަދަ ތަކެތި އުކައި, ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ރައީސް ކަމުގެ މަޤާމާ ޕްރަބޯވޯ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޖޯކޯ ސިޔާސީ މައިދާނުގައި އަދާ ކުރައްވާނެ ދައުރު ސާފު ނޫން ކަމުގައެވެ. ނަމަވެސް, ޤާނޫނު ހަދާ މަޖިލީހުގައި އޭނާގެ ސަރުކާރު ތަމްސީލު ކުރާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ގޮލްލާރް ޕާޓީގައި އޭނާއަކީ ނުފޫޒު ގަދަ ބޭފުޅެކެވެ. އަދި, އެ ޕާޓީގެ އެންމެ މަތީ މަޤާމަށް ދާދި ފަހުން އިންތިޚާބު ކޮށްފައިވާ ބަހްލިލް ލަހަޑަލިޔާއަކީ އޭނާގެ ވަރަށް އަރިސް ބޭފުޅެއް ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

އިންތިޚާބާ ބެހޭ ޤާނޫނަށް ޖޯކޯއަށް ތާޢީދު ކުރާ މެންބަރުން ހުށަހަޅާފައިވާ އިސްލާޙުތަކާ ގުޅިގެން ފެށި މުޒާހަރާތަކާ މެދު ޖޯޖޯ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް, އިންޑޮނީޝިޔާގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް އިތުބާރު ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.