ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ސޫރިޔާއާއި ލުބްނާނަށް ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައި, އިތުރު ބަޔަކު ޒަޚަމު ކޮށްލައިފިއެވެ. ލުބްނާންގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި އެ ޤައުމުގެ މުޖާހިދުންގެެ ޖަމާޢަތް, ޙިޒްބުاللهގެ އަށް މެންބަރުންގެ އިތުރުން ތުއްތު ކުއްޖަކު ޝަހީދު ކޮށްލާފައިވެއެވެ.
ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ފަހަކަށް އައިސް, ދެ ޤައުމުގެ ދެމެދުގައި ޙަމަލާތައް ބަދަލު ކުރުން އިތުރުވެ, ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޔަހޫދީ ފައުޖުން ލުބްނާނަށް އެންމެ ފަހުން ދިން ޙަމަލާތަކުގައި ތުއްތު ކުއްޖަކު ޝަހީދު ކޮށްލާފައި ވަނީ އަޔިތާ ކިޔާ އަވަށެއްގައެވެ. އެއީ, ޔަހޫދީ ދައުލަތުގެ ސަރަޙައްދީ ރޮނގާ 14 ކިލޯމީޓަރު ދުރުގައި އޮތް އަވަށެކެވެ. އެ ޙަމަލާގައި ޙިޒްބުاللهގެ މުޖާހިދެއް ވެސް ޝަހީދު ކޮށްލިއެވެ. އެ ޖަމާޢަތުގެ އިތުރު މެންބަރުންތަކެއް ޝަހީދު ކޮށްލާފައި ވަނީ އައިތާރޫން ކިޔާ ރަށެއްގެ އިތުރުން ލުބްނާންގެ ދެކުނުގައި އޮތް ރަށްތަކަށް ދިން ޙަމަލާތަކުގައެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށް ރޮކެޓާއި އާޓިލަރީ ބަޑީގެ ޙަމަލާތަކެއް ދީފައެވެ. ޔަހޫދީ ފައުޖުން ވެސް ވަނީ ޙިޒްބުاللهން ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
ލުބްނާންގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ މެދުތެރޭގައި އޮތް ސަރަޙައްދަކަށް ދިން ވައިގެ ޙަމަލާތަކެއްގައި ހަތް މީހުން ޒަޚަމު ކޮށްލާފައެވެ. ސޫރިޔާގެ ދިފާޢީ އިދާރާއިން ބުނީ, އެ ޤައުމަށް ޙަމަލާ ދޭން ޔަހޫދީ ފައުޖުން ބޭނުން ކޮށްފައިވާ ބައެއް ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމުވެފައި ވަނީ ޢާންމުންނަށެވެ.
ސޫރިޔާއަށް ދީފައިވާ ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ދެކޮޅު ހެދި ނަމަވެސް, އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ ޔަހުދީން ކަމީ ސިއްރެއް ނޫނެވެ. ސޫރިޔާގެ ސަރުކާރާއި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކޮމާންޑަރުންނާއި ސިފައިންގެ އިތުރުން އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމާޒުތަކަށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ޔަހޫދީ ފައުޖުން ކުރިން އެއްބަސްވެފައިވެއެވެ.
ޔަހޫދީ ފައުޖުން ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެ, އެ ޤައުމުުގެ ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ 2011ވަނަ އަހަރު އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުނު ފަހުންނެވެ. އަދި, އޭގެ 10 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމަށް ފަހު, ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ އިތުރުން ލުބްނާންގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތައް ވެސް އިތުރުކޮށްފައެވެ.
ޣައްޒާ ޢުދުވާން ފެށި ފަހުން ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 600އަށް އުފުލިފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ 400އެއްހާ މުޖާހިދުންގެ އިތުރުން ޢާންމުންގެ 130އަށްވުރެ ގިނަ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުގެ ގިނަ ޙަމަލާތަކެއް ލުބްނާންގެ މަދަނީ ސަލާމަތާ ބެހޭ ޚިދުމަތްތަކާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކަށް އަމާޒު ކުރާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,265އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,144އަށް އުފުލިފައެވެ.