ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަނީ


ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން, އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން ނިންމާފައިވާ ކަން އެ ޤައުމުން އިޢުލާނު ކޮށްފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައިޑަން ވިދާޅުވީ ޔޫކްރެއިންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާއިން އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން ފާސް ކޮށްފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިނާއި ޔޫކްރެއިންގެ ދިފާޢީ ވަޒީރު ރުސްތަމް އުމަރޮވް ވަނީ މަޝްވަރާ ކުރައްވާފައެވެ. އޮސްޓިން ވިދާޅުވީ, އަަސްކަރީ އެހީގެ ޕެކޭޖުގެ އަގު 125 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައެވެ. އޭގެ ތެރޭގައި ވައިގެ ދިފާޢަށް ބޭނުންވާ މިސައިލާއި, ޑްރޯންތަކުން ދިފާޢުވާން ބޭނުންކުރާނެ ސާމާނާގެ އިތުރުން އަސްކަރީ އުޅަނދުފަހަރަށް ޙަމަލާ ދޭން ބޭނުން ކުރާނެ ހަތިޔާރު ހިމެނޭނެއެވެ.

ޒެލެންސްކީއާ ވާހަކަފުޅު ދައްކަވަމުން ބައިޑަން ވަނީ, ޔޫކްރެއިންގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. "އިޢުލާނު ކޮށްފައިވާ އަސްކަރީ އެހީގެ ޕެކޭޖުގައި ހިމެނޭ ހަތިޔާރުތަކަށް ޔޫކްރެއިން ވަނީ ބޭނުން ޖެހިފައި. ޚާއްޞަ ގޮތެއްގައި, ވައިގެ ދިފާޢަށް ބޭނުންވާ މިސައިލްތަކަކީ ޔޫކްރެއިންގެ ރަށްތަކާއި މުޖުތަމަޢުގެ ރައްކާތެރި ކަން ކަށަވަރު ކުރަން ބޭނުން ތަކެތި،" ބައިޑަނާ ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާފައިވާ ހަތިޔާރުގެ އަގު 50 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީގެ އައު ޕެކޭޖެއް ފޮނުވާނެ ކަން އިޢުލާނު ކޮށްފައި މި ވަނީ, ރަޝިޔާގެ ރަށްތަކަށް އަރައިގަނެ, ޔޫކްރެއިންގެ ސިފައިން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ. ރަޝިޔާއަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ލަޝްކަރު ބަލިކޮށް, ފަހަތަށް ޖައްސަން އެ ޤައުމުގެ ސިފައިން ދަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ 400އެއްހާ ފަރާތަކާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ. އޭގެ ތެރޭގައި ރަޝިޔާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުނިތަކާއި އަމިއްލަ ފަރުދުން ހިމެނެއެވެ. އޭގެ ތެރޭގައި ޗައިނާގެ ބައެއް ކުންފުނިތައް ހިމެނޭ ކަން ފާހަގަ ކުރެވެއެވެ.

ރަޝިޔާގެ އަސްކަރީ އަދި ދިފާޢީ ދާއިރާ ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޗައިނާގެ ކުންފުނިތަކަށް މީގެ ކުރިން ވެސް އެމެރިކާއިން އިންޒާރު ދީފައިވެއެވެ. އަދި, ރަޝިޔާގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ޗައިނާގެ ކުންފުނިތަކާއި ފަރުދުންނާ ދެކޮޅަށް އެމެރިކާއިން މީގެ ކުރިން ވެސް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.

އެމެރިކާއިން އެންމެ ފަހުން ފިޔަވަޅުތައް އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ރަޝިޔާއަށް އެކި ބާވަތްތަކުގެ މެޝިނަރީއާއި މައިކްރޯއިލެކްޓްރޯނިކްސް ސާމާނު ކަނޑު މަގުން ފޮނުވާ ޗައިނާގެ ކުންފުނިތައް ހިމެނޭ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން, ރަޝިޔާއިން ހަތިޔާރު ހޯދަން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކާއި ފަރުދުންގެ އިތުރުން, ރަޝިޔާގެ މަހުޖަނުންނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުން ރެކުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކާއި ފަރުދުން ހިމެނޭ ކަމުގައި އެމެެރިކާގެ ޓްރެޜަރީއާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

"ރަޝިޔާގެ މުޅި އިޤުތިޞާދަކީ ކްރެމްލިންގެ އަސްކަރީ ލަނޑުދަނޑިތައް ކުރިއަރުވަން ބޭނުން ކުރާ ވަސީލަތަކަށް ބަދަލު ކޮށްލައިފި. ރަޝިޔާއަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށް ނުދޭ ކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކުންފުނިތަކާއި, މާލީ އިދާރާތަކާއި, ސަރުކާރުތަކުން ކަށަވަރު ކުރަން ޖެހޭނެ،" އެމެރިކާގެ ޓްރެޜަރީ ވަޒީރުގެ ނައިބު ވޮލީ އަޑެޔަމޯ ވިދާޅުވިއެެވެ.

މީގެ އިތުރުން އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލް ލިސްޓަށް ވެސް 123 ކުންފުންޏެއް ވަނީ އިތުރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ 63 ކުންފުންޏަކާއި ޗައިނާގެ 42 ކުންފުންޏެކެވެ. އެ ލިސްޓުގައި ހިމެނޭ ކުންފުނިތަކުން އެމެރިކާއިން މުދާ ބޭރު ކުރުމުގެ ކުރިން ޚާއްޞަ ހުއްދަތަކެއް ހޯދަން ޖެހޭނެއެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެމެރިކާގެ މި ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާފައެވެ. އެ ފިޔަވަޅުތަކާ އެކު, ރަޝިޔާގެ އަސްކަރިއްޔާ އިތުރަށް ބަލިކަށިވެގެންދާނެ ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

ޗައިނާއިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ކުށްވެރި ކޮށްފައެވެ. ވޮޝިންގޓަނުގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ލިޔު ޕަންގްޔޫ ވިދާާޅުވީ މި ފަދަ ފިޔަވަޅުތަކާ ޗައިނާއިން ދެކޮޅު ކަމުގައެވެ. އަދި, ޗައިނާއާއި ރަޝިޔާއާ ދެމެދު ކުރާ ޢާންމު ވިޔަފާރިއަށް ހުރަސް އަޅައިގެން ނުވާނެ ކަމުގައެވެ. މިއީ, ޗައިނާގެ އަގުވައްޓައިލަން އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ.

ރަޝިޔާއިން ވަނީ 2014ވަނަ އަހަރު ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް އަރައިގަނެ, އެ ސަރަޙައްދަށް އަތްގަދަ ކޮށްފައެވެ. އަދި, 2022 ފެބުރުވަރީ 24ވަނަ ދުވަހު ހަނގުރާމަ ފަށައި, ޔޫކްރެއިންގެ ބިމުން 18 އިންސައްތައަށް ވެރިވެގަނެފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ.