ޚަބަރު

ޕާކިސްތާނުގައި ދިން ބޮމުގެ ޙަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެ


ޕާކިސްތާނުގައި ދިން ބޮމުގެ ޙަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެއެވެ. ބޮން ގޮއްވާލާފައި ވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގެ ޕިޝިން ސިޓީގައެވެ.

ޕިޝިން ސިޓީގެ ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަންޒޫރު ބުލެޑީއާ ވިދާޅުވީ ގޮއްވާލާފައި ވަނީ ރިމޯޓު ކޮންޓްރޯލް ބޮމެކެވެ. އެ ބޮން ގޮއްވާލާފައި ވަނީ ސައިކަލެއްގައި ހަރުކޮށްގެންނެވެ. އެ ހާދިސާގައި 16 މީހަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތް ފުލުހުން ހިމެނޭކަމަށް މަންޒޫރު ވިދާޅުވެއެވެ.

އެ ހާދިސާގައި މަރުވި ދެ ކުޑަކުދިންނަކީ ބޮން ގޮވި ވަގުތު، އެމަގުން ހިނގާފައި ދިޔަ ދެ ކުދިންނެވެ. ބޮން ގޮވުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ ޙަމަލާ ކުށްވެރިކުރައްވާފައެވެ. އަދި ޙަމަލާގައި ކުޑަކުދިން މަރުވުން އެ ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފައެވެ.

އެ ޙަމަލާ ދިނީ ކޮން ބައެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. އަދި އެ ޙަމަލާގެ ޒިންމާ ޕާކިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ.