ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖައްސައިފި


މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖައްސައިފިއެވެ. 

ކުރިން ޗެލްސީއާއި ރިއަލް މެޑްރިޑަށް ކޯޗް ކޮށްދީފައިވާ މޮރީނިއޯ މެންޗެސްޓަރ ޔުނައިޓެޑް ގެންގޮސްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންކަމަށް ރިޕޯޓްތައް ބުނެއެވެ. ޔުނައިޓެޑުން ރަސްމީކޮށް މޮރީނިއޯ ކޯޗްކަމަށް ހަމަޖެއްސިކަން އިޢުލާންކޮށްފައިނުވާއިރު، މޮރީނިއޯ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި މީޑިއާ އަށް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޔުނައިޓެޑުން މޮރީނިއޯ އެޓީމުގެ ކޯޗަކަށް ހަމަޖެއްސީ ފާއިތުވި ދެ އަހަރު އެ ޓީމަށް ކޯޗުކޮށްދިން ނެދަލެންޑްސްގެ ލުއި ވެން ހާލް ވަކިކުރުމަށްފަހުއެވެ. ވެން ހާލް މި ސީޒަނުގައި ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ނަމަވެސް އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑްގެ ކުޅުން ވަނީ ދަށްވެފައެވެ. 

މޮރީނިއޯ ޗެލްސީ ކޯޗުކަމުން ވަކިކުރީ މިދިޔަ ޑިސެމްބަރުމަހުގައެވެ. އޭނާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު، އެ ޓީމަށް ސީޒަނުގެ ބާކީބައި އިރުޝާދު ދިނީ ގޫސް ހިޑިންއެވެ. މޮރީނިއޯ ޔުނައިޓެޑާއި ހަވާލުވުމުން އޭނާ އަށް އެޓީމުގެ ކުރީގެ ތަރިން ވަނީ މަރުހަބާ ކިޔައިފައެވެ.