ޚަބަރު

އާސަހަރާގެ މަސައްކަތް ސެޕްޓެމްބަރު މަހު ނިމޭނެ: މޭޔަރު އާޒިމް


  • އާސަހަރާ މަރާމާތަށް ބަންދުކުރީ މިދިޔަ އަހަރު މޭ މަހު

  • މިސްކިތަށް 3200 އަކަފޫޓު ވަނީ އިތުރުކޮށްފައި

އާސަހަރާގެ މަސައްކަތް މިފެށޭ ސެޕްޓެމްބަރު މަހު މުޅިން ނިމޭނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާސަހަރާ މަރާމާތުކުރަން، އެތަން ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މޭމަހުގައެވެ.

އާސަހަރާގެ މަސައްކަތުގައި އެތަނުގައި މިސްކިތް މުޅިން މަރާމާތު ކުރުމާއި ޖަނާޒާތަކަށް ދާ މީހުން މަޑުކޮށްލުމަށް ޚާއްސަ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. އާސަހަރާގެ މަސައްކަތް މެދުކެނޑިފައިވަނިކޮށް އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ ފަހުކޮޅުއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަޝްރޫޢުގެ މައިގަނޑު ބޮޑެތި މަސައްކަތްތައް ނިމިފައިވާކަމަށާއި ސެޕްޓެމްބަރުމަހު މުޅި މަޝްރޫޢު ނިމޭނެކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް އާސަހަރާގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކުރީ މިދިޔަ އަހަރުގެ މޭމަހުއެވެ. މާލެ އާސަހަރާ މަރާމާތަށް ބަންދުކުރިނަމަވެސް، މަސައްކަތްތައް ލަސްވެގެންދިޔައީ ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތައް ގެނައުމާ ގުޅިގެންކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. އެގޮތުން އާސަހަރާގައި ހުރި މިސްކިތުގެ ޖާގަ އިތުރުކުރުމާއި އާސަހަރާއަށް ޖަނާޒާއަށް ޒިޔާރަތްކުރާ މީހުން މަޑުކުރާ ސަރަޙައްދަށްވެސް ބޮޑެތި ބަދަލު ގެނެސްފައެވެ.

މިސްކިތުގެ މަސައްކަތް ނިމޭއިރު 3200 އަކަފޫޓު، މިސްކިތަށް އިތުރުވާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފާހަނާއަކާއި އަންހެނުންނަށް ޚާއްސަ ފާޚާނާތަކާއި ވުޟޫކުރާ ބައެއް ހިމެނޭނެއެވެ. މީގެއިތުރުން ޖަނާޒާއަށް އެތަނަށްދާ މީހުން މަޑުކޮށްލާނެ ޚާއްސަ ސަރަޙައްދެއްވެސް ހިމެނޭނެއެވެ. މީގެކުރީގައި ޖަނާޒާއަށްދާ މީހުން މަޑުކޮށްލާނެ ވަކި ޚާއްސަ ސަރަޙައްދެއް އާސަހަރާގައި ނުހުރެއެވެ.

މާލޭގެ އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢުއަށް 11.6 މިލިއަން ރުފިޔާ ހޭދަކުރެއެވެ. ފިނިޝިން މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށެވެ.

މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމުގެ ޚިދުމަތް ނުދެވުމުގެ ސަބަބުން އާއްމުންނަށް އޭގެ ދަތިކަން އަންނަނީ ކުރިމަތިވަމުންނެވެ. މާލޭގައި މަރުވާ މީހުންގެ ޖަނާޒާއާއި ވަޅުލުމުގެ ކަންކަން ހުޅުމާލޭގައި ކުރިއަށްގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.