ލުބްނާންގެ ޙިޒްބުالله ޖަމާޢަތުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށް ޙަމަލާ ދޭން ޙިޒްބުاللهން ވަނީ އެންމެ ފަހުގެ ޒަމާނީ އަަސްކަރީ ޑްރޯންތަކާއި ރޮކެޓުތައް ބޭނުން ކޮށްފައެވެ. އެ ޖަމާޢަތުން ޙަމަލާ ދޭން ފެށުމުން ޔަހޫދީންގެ ރަށްތަކުގައި ވަނީ އިންޒާރުގެ ރަނގަބީލު ޖަހަން ފަށާފައެވެ. އަދި, ޔަހޫދީން ވަނީ ރައްކާތެރި ކަން ހޯދުމަށް ބިންގަރާސްތަކަށް ވަދެ ފިލާފައެވެ.
ޖުލައި މަހު ފަހުކޮޅު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވައިގެ ޙަމަލާއެއްދީ ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލާފައެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ދީފައިވެއެވެ.
ޝުކްރު ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهން ދީފައިވާ ޙަމަލާތަކަކީ, މީގެ ދިހަ މަސް ކުރިން ދެ ފަރާތުގެ މެދުގައި ޙަމަލާތައް ބަދަލު ކުރަން ފެށި ފަހުން ޙިޒްބުاللهން ދީފައިވާ އެންމެ ބޮޑު އަދި ނުރައްކާތެރި ޙަމަލާތަކެވެ. ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ޙިޒްބުاللهން މިސައިލްތަކާއި ޑްރޯންތައް އުދުއްސައިލުމުގެ ކުރިން ޔަހޫދީ ފައުޖުގެ 100އެއްހާ އަސްކަރީ މަތިންދާބޯޓު ވަނީ ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި, އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ, ޙިޒްބުاللهގެ އަމާޒުތަކަށް ބޮންއަޅަން ފަށާފައެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ ގިނަ ޢަދަދެއްގެ ހަތިޔާރުތަކެއް ނައްތައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
ޙިޒްބުاللهގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީ ދައުލަތުގެ އުތުރާއި މެދުތެރޭ ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ 11 އަސްކަރީ މަރުކަޒަކަށެވެ. ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޑްރޯނާއި ކަތުޔޫޝާ މަރުކާގެ 320 ވަރަކަށް ރޮކެޓް ބޭނުން ކުރިއެވެ. އެއީ ޝުކްރު ޝަހީދު ކޮށްލުމުން ބަދަލު ހިފުމުގެ ގޮތުން ފަށާފައިވާ އަސްކަރީ ޙަރަކާތުގެ ފުރަތަމަ ފިޔަވަހި ކަމަށް ބުނެ, ޔަހޫދީންނަށް އިތުރު ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ވަނީ ދީފައެވެ.
ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ރަށްތަކުގައި ވަނީ ކުއްލި ޙާލަތު އިޢުލާނު ކޮށްފައެވެ. އަދި, ވެރިރަށް ތެލް އަވީވުގެ ބެން ގޫރިޔޮން ވައިގެ ބަނދަރުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑައިލައި, މަތިންދާބޯޓުތައް ގްރައުންޑު ކުރިއެވެ. އެ ވައިގެ ބަނދަރުން އަލުން ޚިދުމަތް ދޭން ފަށާފައި ވަނީ ދޮޅު ގަޑިއިރު ފަހުންނެވެ.
ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި ތިބި މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދޭން ފެށުމާ އެކު, އެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަން ފެށިއެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީން ދިރިއުޅޭ އުތުރުގެ ރަށްތަކަށެވެ. އަދި, އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށް, ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ ޑްރޯންތަކާއި ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލަން މަސައްކަތް ފަށާފައެވެ. ޔަހޫދީންގެ އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ މައި އިދާރާއާއި ހަސްފަތާލުތައް ވެސް ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.
ޙިޒްބުاللهން އެންމެ ފަހުން ދިން ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ޔަހޫދީން ކަށަވަރު ކޮށްދީފައެއް ނެތެވެ. ޙަމަލާތައް ފެށުމާ އެކު, ޔަހޫދީ ދަޢުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އޭނާގެ ހަނގުރާމައިގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކަށް ހުސްވި މަހު ދިން ރޮކެޓު ޙަމަލާއެއްގައި ޢާންމުންގެ 12 މީހުން މަރައިލާފައިވެއެވެ. ނަމަވެސް, އެ ޙަމަލާގެ ޒިންމާ އުފުލަން ޙިޒްބުاللهން ވަނީ ދެކޮޅު ހަދާފައެވެ.
ޔަހޫދީންގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ ޙިޒްބުاللهން ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ލުބްނާނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގައެވެ. ނަމަވެސް, ޙިޒްބުاللهއާ ދެކޮޅަށް ހަނގުރާމައެއް ފަށަން ޔަހޫދީން ބޭނުންނުވާ ކަމަށާއި, އެ ފަދަ ހަނގުރާމައަކަށް ތައްޔާރު ނޫން ކަމުގައި ވެސް އޭނާ ބުންޏެވެ.
ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގައިވާ ރަށްތަކުގެ 40 ސަރަޙައްދަކަށް ބޮން އަޅާފައިވެއެވެ. އޭގެ ތެރެއިން ޚިޔާމަށް ދިން ޙަމަލާއެއްގައި ޙިޒްބުاللهއަށް ވާގިވެރިވާ މުޖާހިދުންގެ ޖަމާޢަތް, އަމަލުގެ މުޖާހިދެއް ޝަހީދު ކޮށްލިއެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލު ކޮށްފައިވާ ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިތުރަށް ބޮޑުވެފައެވެ. ނަމަވެސް, ޙިޒްބުاللهގެ މުޖާހިދުން ތިބީ ފަސް ޖެހޭ ގޮތަކަށް ނޫނެވެ.