ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުން: ޤާހިރާ މަޝްވަރާތަކުގައި ކުރިއެރުމެއް ނެތް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި އެއްވެސް ކުރިއެއް ލިބިފައި ނެތް ކަމުގައި ފަލަސްޠީނުން ހާމަކޮށްފިއެވެ. ޤާހިރާގައި ފަށާފައިވާ މަޝްވަރާތަކުގެ ޙަމާސުން ބައިވެރި ނުވި ނަމަވެސް, ވާހަކަތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށް ޙަމާސްގެ އިސްވެރިންގެ ވަފުދެއް ވަނީ ޤާހިރާއަށް ދަތުރު ކޮށްފައެވެ.

ޤާހިރާގައި ބޭއްވި މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ, މުޖާހިދުންނާއި ޔަހޫދީންނަށް ގޮތް ދޫކުރުމަށް ބާރު އެޅުމަށެވެ. "ޤާހިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ނެތް. ޔަހޫދީން ދަނީ ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ދޫކޮށްލަން ދެކޮޅު ހަދަމުން،" މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ ފަލަސްޠީނުގެ ވެރިއަކު ބުންޏެވެ. ފިލަޑެލްފީ ކޮރިޑޯއަކީ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގެވެ. ޢުދުވާން ހުއްޓައިލުމާ އެކު, އެ ތަނުގެ ބާރުތައް ދޫކޮށްލަން ޙަމާސުން ދަނީ ޔަހޫދީންނަށް ބާރު އަޅަމުންނެވެ. ފިލަޑެލްފީ ކޮރިޑޯ މި ވަގުތު އޮތީ ޔަހޫދީންގެ އަތްދަށުގައެވެ.

ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް އަލުން ފަށާފައި ވަނީ ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންގެ އިންސާނީ ޙާލަތު ދަށު ދަރަޖަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ފުރަބަންދާ ގުޅިގެން ފައިދާހުރި ކާނާ ލިބުން ދަތިވެ, މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް ޢާންމުވެ، ނުރައްކާތެރި ބަލިތައް ދަނީ ފެތުރެމުންނެވެ. އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ޕޯލިޔޯ ބަލި ހިމެނެއެވެ.

ޤާހިރާގައި މަޝްވަރާތައް ކުރިއަށް ދިޔަ ދަނޑިވަޅުގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ޢާންމުންނަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގައި 71 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ޤާހިރާގައި މަޝްވަރާތައް ކުރިއަށް ދަނީ މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާގެ މަންދޫބުންގެ މެދުގައެވެ. އެ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރު ގުޅިގެންނެވެ. އެ ބައްދަލުވުންތަކަށް ފަހު, ވާހަކަތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިޞްރާއި ޤަޠަރުގެ މަންދޫބުން ވަނީ ޙަމާސްގެ ވެރިންނާ ބައްދަލު ކޮށްފައެވެ.

މި ވަގުތު ދެ ފަރާތުގެ ދެމެދުގައި އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ފިލަޑެލްފިޔާ ކޮރިޑޯއާ މެދު އަމަލު ކުރާނެ ގޮތެއް ހިމެނެއެވެ. ޔަހޫދީން ބޭނުން ވަނީ, މިހާރު ވެސް އެ މީހުން އަތްގަދަ ކޮށްފައިވާ ސަރަޙައްދީ ރޮނގުގެ ބާރުތައް ޢުދުވާން ހުއްޓައިލުމަށް ފަހު ވެސް ދެމެހެއްޓުމަށެވެ. ނަމަވެސް, ޙަމާސުން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގުގެ ދިގުމިނަކީ 14.5 ކިލޯމީޓަރެވެ.

މޭ މަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރާ އެކު އެއްގަމު މަގުން ރަފަޙަށް އަރައި, ސަރަޙައްދީ ރޮނގާއި ސަރަޙައްދީ ހުރަހަށް އަތްގަދަ ކޮށްފައެވެ. ޔަހޫދީން ބޭނުން ވަނީ ޢުދުވާންތައް ހުއްޓައިލި ނަމަވެސް, ފިލަޑެލްފީ ކޮރިޑޯގެ މައްޗަށް ބާރު ހިންގުމެވެ. ނަމަވެސް, ޔަހޫދީންގެ ސަރުކާރުގެ ތެރޭގައި ވެސް އެ ކަމާ މެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, މިޞްރު މަގުން ޣައްޒާއަށް ހަތިޔާރު އެތެރެކުރުން ހުއްޓުވަން އެ ތަނުގައި ޔަހޫދީ ސިފައިން ތިބެން ޖެހޭނެ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ ދިފާޢީ އިދާރާތަކުން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ.

އޭގެ އިތުރުން, އަސީރުން ބަދަލު ކުރުމުގައި ދެ ފަރާތުގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. ޙަމާސުން ބުނީ, ޖުލައި 2ގައި އެއްބަސްވެފައިވާ ތާވަލާ އެއްގޮތަށް އަސީރުން މިނިވަން ކުރަން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް, ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ނަތަންޔާހޫ ބޭނުން ވަނީ އެއްބަސްވުމުގައިވާ ޢަދަދުތަކަށް އުނިއިތުރު ގެންނާށެވެ. އަދި, ޢުދުވާން ހުއްޓައިލުމަށް ފަހު, ޣައްޒާގެ ރައްޔިތުންނަށް އެ ސަހަރުގެ ތެރޭގައި ދަތުރު ކުރުމަށް ހުރަސް އަޅަން ވެސް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,334އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,356އަށް އުފުލިފައެވެ.