ޚަބަރު

ލީބިޔާގެ މަސްރަޙް އަނެއްކާ ވެސް ހޫނުވުމުން އދން ކަންބޮޑުވުން ފާޅުކޮށްފި


ލީބިޔާގެ މަސްރަޙް ހޫނުވެ, އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ލަޝްކަރުތައް ރުކުރުވައިލަން ފެށުމާ ގުޅިގެން އދން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ލީބިޔާގައި ހުންނަ އދގެ މިޝަނުން ބުނީ, ވެރިރަށް ޠަރާބުލުސްގައި އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ލަޝްކަރުތައް ރުކުރުވައިލާފައިވާ ކަމުގައެވެ. އެއާ އެކު, ލީބިޔާގެ ދާޚިލީ މަސްރަޙް ހޫނުވެ, ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެދުގައި އަނެއްކާ ވެސް ޙަމަލާ ބަދަލު ކުރަން ފަށާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ތެލުގެ ގޮތުން މުއްސަނދި ކަން ލިބިފައިވާ ލީބިޔާގެ އިންތިޚާބީ ސަރުކާރު ނޭޓޯއާއި ހުޅަނގުން އަޑީގައި އޮވެ ވައްޓައިލާފައި ވަނީ 2011ވަނަ އަހަރުއެވެ. އަދި, 2014ވަނަ އަހަރަށް ފަހު ލީބިޔާގައި ހަމަޖެހުން ގާއިމު ކުރެވިފައެއް ނުވެއެވެ. ނޭޓޯއާއި ހުޅަނގުން ބަލައިގަނެފައިވާ ގުޅިފައިވާ ސަރުކާރު (ޖީއެންޔޫ)ން ވެރިކަން ކުރަނީ ވެރިރަށް ޠަރާބުލުސްގައެވެ. ޖީއެންޔޫގެ އަސްކަރިއްޔާއާއި ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތީ އެ ޤައުމުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކެވެ.

ޖީއެންޔޫ ސަރުކާރުގައި ހިމެނޭ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެދުގައި ވެސް ކޯޅުން ބޮޑުވެ, ދޭތެރެދޭތެރެއިން ޙަމަލާތައް ބަދަލު ކޮށްފައިވެއެވެ. ލީބިޔާގެ އިރުމަތީގައި ވެރިކަން ކުރަނީ ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ)ގެ ކޮމާންޑަރު ޚަލީފާ ޙަފްތަރެވެ. ލީބިޔާގެ ޤާނޫނު ހަދާ މަޖިލިސް އޮތީ އޭނާގެ ބާރުގެ ދަށުގައެވެ.

ލީބިޔާގެ ދާޚިލީ މަސްރަޙު މި ވަގުތު ގޯސްވެފައި ވަނީ އެ ޤައުމުގެ މަރުކަޒީ ބޭންކު, ސެންޓްރަލް ބޭންކް އޮފް ލީބިޔާ (ސީބީއެލް)ގެ ގަވަރުނަރު ޞާދިޤު އަލް-ކަބީރު އެ މަޤާމުން ދުރު ކުރަން ވާދަވެރި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހުށަހެޅުމުންނެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމުން އަލް-ކަބީރު ވަކި ކުރަން ހުށަހަޅުއްވާފައި ވަނީ ވެރިކަން ކުރާ ރިޔާސީ ކައުންސިލްގެ ވެރިޔާ މުޙައްމަދު އަލް-މަންފީއެވެ. ނަމަވެސް, އެލްއެންއީގެ ބާރުގެ ދަށުގައި އޮތް ޤާނޫނު ހަދާ މަޖިލީހުން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. އެ ކަމާ މެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން, ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ލަޝްކަރުތައް ރުކުރުވައިލައި ހަނގުރާމައަށް ތައްޔާރުވެފައެވެ.

އަލް-ކަބީރުގެ ބަދަލުގައި އެ މަޤާމަށް ޢައްޔަން ކުރަން ހަތިޔާރު އެޅި ޖަމާޢަތްތަކުން ހުށަހަޅާފައި ވަނީ މުޙައްމަދު އަލް-ޝުކްރީގެ ނަމެވެ. ނަމަވެސް އޭނާ ވިދާޅުވީ, ޖީއެންޔޫގެ ސަރުކާރާއި އެލްއެންއޭގެ ބާރުގެ ދަށުގައި އޮތް ޤާނޫނު ހަދާ މަޖިލީހުގެ ރުހުމާ ނުލައި އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވަން އުޒުރުވެރިވާ ކަމުގައެވެ.

އެ ކަމާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވުމާ އެކު ލީބިޔާގައި ހުންނަ އދގެ މިޝަންގެ ވެރިޔާގެ ނައިބު ސްޓެފަނީ ކޯރީ ވިދާޅުވީ ލީބިޔާގެ ސިޔާސީ އަދި އަސްކަރީ ހާލަތު ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ކަމުގައެވެ. އޭނާ ވަނީ ލީބިޔާގެ މަސްރަޙުގެ އެންމެ ފަހުގެ މަޢުލޫމާތު އދގެ ސަލާމަތީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ.

"ދެ ފަރާތުން އަސްކަރީ ބާރުވެރިކަން ދައްކައި ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި ޙަމަލާ ބަދަލު ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން, އަދި ޙަމަލާ ބަދަލު ކުރަން ފަށައިފި ނަމަ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެގެން ދާނެ," ކޯރީ ވިދާޅުވިއެވެ.

ޖީއެންޔޫއާއި އެލްއެންއޭގެ ފައުޖުތަކާ ދެމެދު ސުލްޙަ ގާއިމުކޮށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ 2020ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް, ސުލްޙައާއި ހަމަޖެހުން ގާއިމުކޮށް, ދެ ފަރާތުން ގުޅިގެން އިންތިޚާބެއް ބާއްވަން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވިފައެއް ނެތެވެ. ދެ ފަރާތުން ވެސް ދަނީ, ލީބިޔާގެ ޤުދުރަތީ ވަސީލަތްތަކަށް ބާރު ފޯރުވަން މަސައްކަތް ކުރަމުންނެވެ.

ހުސްވި ޖުލައި މަހުގެ ތެރޭގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ލީބިޔާގެ ހުޅަނގުއުތުރުގައިވާ ބައެއް ސަރަޙައްދުތަކަށް އަރައިގަނެފައެވެ. އަދި, އެލްއެންއޭގެ ލަޝްކަރުން ވަނީ އެ ޤައުމުގެ ހުޅަނގުދެކުނުގައިވާ ބިންތަކަށް ވެރިވެގަނެފައެވެ. އެލްއެންއޭން މިހާރު ގޮވައިލަމުން ދަނީ ޖީއެންޔޫގެ ސަރުކާރާއި ރިޔާސީ ކައުންސިލް އުވައިލުމަށެވެ. އަދި, ބޭރު ދުނިޔެއިން ބަލައިގަނެފައިވާ ޤާނޫނު ހަދާ މަޖިލިސް, ހައި ސްޓޭޓް ކައުންސިލްގެ ތެރޭގައި ވެސް ވަނީ ކޯޅުންގަނޑު ބޮޑުވެފައެވެ.