ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ދެ ޤައުމުން ހައްުޔަރު ކޮށްފައިވާ އަސީރުންގެ ތެރެއިން ބަޔެއް މީހުން މިނިވަން ކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގެ ޕުރޮގުރާމު ވިލަރެސް ކޮށްފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ންނެވެ. އެ ޕުރޮގުރާމުގެ ދަށުން ކޮންމެ ޤައުމަކުން އަނެއް ޤައުމުގެ 115 އަސީރުނުް މިނިވަން ކުރިއެވެ.
މިއީ, ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ހުޅަނގު ކޫރްސްކް ސަރަޙައްދަށް އަރައި, ހަނގުރާމަ ފުޅާކުރި ފަހުން ދެ ޤައުމުގެ ދެމެދުގައި އަަސީރުން ބަދަލު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޔޫކްރެއިން ސިފައިން ކޫރްސްކަށް އަރައި, އެ ސަރަޙައްދުގެ ރަށްތަކަށް އަތްގަދަ ކުރަން ފަށާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ. ޔޫކްރެއިންގެ ލަޝްކަރުން ވެރިވެގަނެފައިވާ އަވަށްތައް މިނިވަން ކުރަން ރަޝިޔާގެ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, އަސީރުން ބަދަލު ކުރުމުގެ ޕުރޮގުރާމުގެ ދަށުން ޔޫކްރެއިނުން މިނިވަން ކޮށްފައި ވަނީ ކޫރްސްކް ސަރަޙައްދުގައި ޔޫކްރެއިންގެ ސިފައިން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ރަޝިޔާ ސިފައިންގެ ބަޔެއް ކަމުގައެވެ. ޔޫކްރެއިނުން މިނިވަން ކުރި ރަޝިޔާގެ ސިފައިން މިހާރު ވަނީ ބެލަރޫސަށް ގެންގޮސްފައެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, މިނިވަން ކޮށްފައިވާ ސިފައިންގެ ޞިއްޙީ ހާލަތު ވަޒަން ކުރުމަށް ބެލަރޫސްގައި ޓެސްޓުތައް ހަދާނެ ކަމުގައެވެ. އަދި, ދެ ޤައުމުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގައި ޔޫއޭއީން ފޯރުކޮށްދީފައިވާ އެހީތެރި ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ވަނީ, ރަޝިޔާއިން ހައްޔަރު ކޮށްފައިވާ އެ ޤައުމުގެ އަސްކަރިއްޔާގެ 115 ސިފައިން މިނިވަން ކުރުމުން އުފާ ފާޅު ކުރައްވާފައެވެ. އަދި, ރަޝިޔާއިން މިނިވަން ކޮށްފައިވާ ސިފައިންގެ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ޝާއިޢު ކުރައްވާފައެވެ. ޔޫކްރެއިންގެ ސަަރަޙައްދީ ރޮނގު ބަލަހައްޓާ ފައުުޖާއި, ނޭޝަނަލް ގާޑުގެ އިތުރުން ކަނޑުގެ ސިފައިންނާއި އަސްކަރިއްޔާގެ ސިފައިން އޭގެ ތެރޭގައި ހިމެނޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ބުނީ, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އަސީރުން ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 1,788 މީހުން މިނިވަން ކުރެވިފައިވާ ކަމުގައެވެ. މިއީ, 2022ވަަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން ދެ ޤައުމުގެ ދެމެދުގައި އަސީރުން ބަދަލު ކޮށްފައިވާ ހަތްވަނަ ފަހަރެވެ.
ޔޫއޭއީއަކީ ރަޝިޔާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. ނަމަވެސް, އެއީ ހުޅަނގުން, ޚާއްޞަ ގޮތެއްގައި އެމެރިކާއިން ގަޔާވާ ކަމެއް ނޫނެވެ. ޔޫއޭއީން ދަނީ ޔޫކްރެއިންގެ ސަރުކާރާ އެކު ވެސް ގުޅުންތައް ހަރުދަނާ ކުރަމުންނެވެ. އަދި, އަސީރުން ބަދަލު ކުރުމުގެ ޕުރޮގުރާމު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައި މި ވަނީ, އެ ގުޅުންތަކުގެ ސަބަބުން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އަސީރުން ބަދަލު ކޮށްފައިވީ ނަމަވެސް, ދެ ޤައުމުގެ ފައުޖުތަކުން ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ. ޔޫކްރެއިންގެ ސިފައިން އަދިވެސް ދަނީ ރަޝިޔާގެ ކޫރްކްސް ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި, އިތުރު އަވަށްތަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި, ކޫރްސްކްގެ 1,200 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަޙައްދެއް މި ވަގުތު އޮތީ އެ މީހުންގެ ބާރުގެ ދަށުގައެެވެ.
އަނެއްކޮޅުން, ރަޝިޔާއިން ދަނީ ޔޫކްރެއިންގެ އިރުމަތީގައިވާ އިތުރު ރަށްތަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިންގެ ބިމުން 18 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު ވެރިވެގަނެފައިވާ ބިމެކެވެ.