ޚަބަރު

ގެބޯންނާއި ޔުގާންޑާއިން އެމްޕޮކްސްގެ އިތުރު ކޭސްތަކެއް ފެނިއްޖެ


ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ މީހަކު ގެބޯނުން ފެނިއްޖެއެވެ. އެއީ, އެފްރިކާ ބައްރުގެ މެދުތެރޭގައި, އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ގެބޯނުން އެމްޕޮކްސް ޖެހިފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ. ގެބޯނުން ބަލި ޖެހިފައިވާ މީހަކު ދެނެގަނެވިފައިވާއިރު, ޔުގާންޑާއިން ވެސް ވަނީ ބަލި ޖެހިފައިވާ އިތުރު ދެ މީހުން ފެނިފައެވެ.

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ބިރު ހީވުމާ އެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ, ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. އަދި, އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ވަނީ, އެފްރިކާ ބައްރުގައި ވެސް ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައެވެ.

އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. އެ ޤައުމުގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފަށާފައި ވަނީ ބަލީގެ އައު ވޭރިއެއްޓެއް ކަމުގައިވާ ކްލޭޑް 1ބީގެ ސަބަބުން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކުރިއެވެ. އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރޭ ބައްޔެއް ކަމަށް ކުރިން ދެނެގަނެވިފައިވީ ނަމަވެސް, ކޮންގޯގައި އައު ވޭރިއެންޓުގެ ސަބަބުން ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ގެބޯންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ ޤައުމުގައި ބަލި ޖެހިފައިވާ ކަން ދެނެގަނެވިފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއްގެ ފުށުން ކަމުގައެވެ. އޭނާއަކީ, ޔުގާންޑާއަށް ދަތުރު ކުރުމަށް ފަހު ދާދި ފަހުން އެނބުރި ޤައުމަށް އައި މީހެއް ކަމުގައި ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. އޭނާއަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވުނީ, ހުންއައުމާއި ހަށިގަނޑުގައި ދޮސްގަނެފައިވާ ފޮޅުތަކެއް ނެގުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އެއީ, އެމްޕޮކްސްގެ އަލާމާތްތަަކުގެ ތެރެއިން ހިމެނޭ ބައެއް ކަންކަމެވެ.

ޔުގާންޑާގައި މި ނުރައްކާތެރި ބަލި ޖެހިފައިވާ އިތުރު ދެ މީހަކު ދެނެގަނެވުމާ އެކު, އެ ޤައުމުން ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ ހަތަރަކަށް އުފުލިފައެވެ. ޔުގާންޑާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެ ދެ މީހުންނަށް ބަލި ޖެހިފައި ވަނީ ކްލޭޑް 1ބީ ވޭރިއެންޓުގެ ސަބަބުން ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ.

ޔުގާންޑާއިން މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފެނިގެން ރިޕޯޓު ކޮށްފައި ވަނީ ޖުލައި 24ވަނަ ދުވަހުއެވެ. ބަލި ޖެހިފައިވާ ދެ މީހުން ދެނެގަނެވިފައި ވަނީ ކޮންގޯގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށަކުންނެވެ. ފަހުން ބަލި ޖެހިފައިވާ ކަން ދެނެގަނެވިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ ލޮރީ ދުއްވާ މީހެއް ކަމުގައި އެ ޤައުމުގެ ޞިއްޙީ ވަޒީރު އިމަނުއެލް އައިނެބްޔޫނާ ވިދާޅުވިއެވެ. އެ ދެ މީހުން މިހާރު އެކަހެރި ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

2023 ޖަނަވަރީގައި ކޮންގޯގައި އެމްޕޮކްސް ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ ބަލީގައި މަރުވެފައެވެ. މިއީ, އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ޢާންމުކޮށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް, ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ސައިންސްވެރިންނަށް އެންމެ ފުރަތަމަ މި ބަލި ދެނެގަނެވިފައި ވަނީ 1958ވަނަ އަހަރުއެވެ. މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ވެސް ކޮންގޯއިންނެވެ. އެއީ, ރާމާމަކުނުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޢާންމު ގޮތެއްގައި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ.

ނަމަވެސް, 2022ވަނަ އަހަރު މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން މި ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އެމްޕޮކްސަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. އެމްޕޮކްސް ޖެހިފައިވާ މީހުންގެ ފުށުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ހީކެރުވުމާއި, ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި, ބައެއް މީހުންގެ މޫނާއި, އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ.