ތުރުކީވިލާތާ އެކު އަލުން ގުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތުގައި ކުރިއެރުމެއް ލިބިފައި ނުވާ ކަން ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛް އަލް-އަސަދު ހާމަ ކުރައްވައިފިއެވެ.
ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު ސިޔާސީ ގުޅުން ކަނޑައިލާފައި ވަނީ, 2011ވަނަ އަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމައެއް ފެށުމާ ގުޅިގެންނެވެ. އެ ހަނގުރާމައިގައި ތުރުކީވިލާތުން ތާޢީދުކޮށް ވާގިވެރިވެފައި ވަނީ އަސަދުގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ހަތިޔާރު އުފުލި ޖަމާޢަތްތަކަށެވެ. އަސަދު ގަބޫލު ކުރާ ގޮތުގައި, އޭނާގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކާއި, އެ ޖަމާޢަތްތަކަށް ވާގިވެރިވާ އެ ޤައުމުގެ ރައްޔިތުންނަކީ ނިރުބަވެރިންނެވެ.
"ނެގޯޝިއޭޓަރުން ހެޔޮ ނިޔަތުގައި ކުރަމުންދާ މަސައްކަތުން މިއަދާ ހަމައަށް އެ ކަމުގައި [ގުޅުން އަލުން ގާއިމު ކުރަން ކުރަމުންދާ މަޝްވަރާތަކުގައި] ކުރިއެރުމެއް ނުލިބޭ. މި ކަމަށް އޮތް ޙައްލަކީ ހާމަކަން ބޮޑުކޮށް މަސައްކަތް ކުރުން. މި ހާލަތު މެދުވެރިވާން ކުރިމަތިވި ސަބަބުތައް ނައްތައިލުން،" ސޫރިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަޤުރީރެއްގައި އަސަދު ވިދާޅުވިއެވެ. ސޫރިޔާއާއި ތުރުކީވިލާތާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމު ކުރަން ބާރު އަޅަމުން ދަނީ ރަޝިޔާއާއި އީރާނުގެ އިތުރުން ޢިރާޤުންނެވެ.
ސޫރިޔާއާއި ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގުގައިވާ ގިނަ ރަށްތައް މި ވަގުތު އޮތީ އަސަދުގެ ސަރުކާރާ ދެކޮޅު ޖަމާޢަތްތަކުގެ ބާރުގެ ދަށުގައެވެ. އެ ސަރަޙައްދުގައި އަމަން ބެލެހެއްޓުމަށް, އަދި ސަރަޙައްދީ ރޮނގުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރަން ތުރުކީވިލާތާއި ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި, ސަރަޙައްދީ ރޮނގު ކައިރީގައިވާ ސޫރިޔާގެ ރަށްތަކުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ތުރުކީވިލާތުގެ އަސްކަރިއްޔާގެ ސިފައިން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެ ކަމާ ގުޅޭ ގޮތުން އަސަދު ވިދާޅުވީ, ސޫރިޔާގެ ބިމުގައި ތުރުކީވިލާތުގެ އަސްކަރިއްޔާއިން ޙަރަކާތްތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި, ތުރުކީވިލާތުގެ ސިފައިން ވަގުތުން ސޫރިޔާއިން ފައިބަން ޖެހޭ ކަމުގައެވެ. ނަމަވެސް އެއީ, ދެ ޤައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމު ކުރަން މަޝްވަރާ ކުރުމަށް އޮތް ހުރަހެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އެންމެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އަސަދަށް ގޮވައިލައްވާފައެވެ. އަދި, ޖުލައި މަހުގެ ތެރޭގައި އުރްދުޣާން ވަނީ ތުރުކީވިލާތަށް ވަޑައިގެންނެވުމުގެ ދަޢުވަތު އަސަދަށް އަރުވާފައެވެ. ނަމަވެސް, އަސަދު އެ ދަޢުވަތު ގަބޫލު ކުރައްވާފައިވާ ކަން ސާފެއް ނޫނެވެ.
މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި އުރްދުޣާނާއި އަސަދު ބައްދަލު ކުރައްވާނެ ކަމަށް ތުރުކީވިލާތުގެ ނޫހަކުން ދާދި ފަހުން ބުނެފައިވެއެވެ. ނަމަވެސް, ތުރުކީވިލާތުގެ ޚާރިޖީ ދާއިރާގެ ވެރިއަކު ވަނީ އެ ރިޕޯޓު ދޮގު ކޮށްފައެވެ. އެ ދެ ބޭފުޅުންގެ މެދުގައި ބައްދަލުވުމެއް ބާއްވައި, އެންމެ މަތީ ފަންތީގައި ސުލްޙައިގެ މަޝްވަރާތައް ފެށުމަށް އެންމެ ބޮޑަށް ބާރު އަޅަމުން ދަނީ ރަޝިޔާއިންނެވެ. ދެ ބޭފުޅުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަން ޢިރާޤުން ވެސް ވަނީ ޖުލައި މަހު ހާމަ ކޮށްފައެވެ.
ސޫރިޔާގެ އިރުއުތުރުގައި އޮންނަ ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގެ މަސައްކަތް ތުރުކީވިލާތާއި ރަޝިޔާގެ އަސްކަރިއްޔާ ގުޅިގެން ފަށާފައި ވަނީ ހުސްވި ހަފުތާގައެވެ. އެ ސަރަޙައްދުގެ އަމަން ބެލެހެއްޓުމަށް ތުރުކީވިލާތާއި ރަޝިޔާއިން ހިންގަމުން ދިޔަ އޮޕަރޭޝަން ޕީސް ސްޕްރިންގ މެދުކަނޑައިލާފައި ވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ.
ތުރުކީވިލާތުން ބުނީ, އޮޕަރޭޝަން މެދުކަނޑައިލާފައި ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމުގައެވެ. ނަމަވެސް, އެ ކަމުގެ ތަފުސީލު ހާމަ ކޮށްފައެއް ނުވެއެވެ. ތުރުކީވިލާތުގެ އަސްކަރިއްޔާއިން އެ ސަރަޙައްދުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަމުން ދަނީ ކުރުދީން ހިމެނޭ ހަތިޔާރު އެޅި ޖަމާޢަތް, ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)ގެ ހަނގުރާމަވެރިންނާ ދެކޮޅަށެވެ. އެއީ, ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)އާ ގުޅުން އޮތް ޖަމާޢަތެއް ކަމަށް ތުރުކީވިލާތުން ގަބޫލު ކުރެއެވެ.