ޚަބަރު

ދަޔިރް އަލް-ބަލަޙް ހުސް ކުރަން އަންގައި, ޔަހުދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތަކެއް ދީފި


ފަލަސްޠީނުގެ ޣައްޒާގެ މެދުތެރޭގައި އޮންނަ ދަޔިރް އަލް-ބަލަޙް ހުސް ކުރަން ޔަހޫދީ ފައުޖުން އެންގުމާ އެކު, އެ ރަށުގެ ރައްޔިތުންނާއި ރެފިއުޖީން އެ ސަރަޙައްދުން ފައިބަން ފަށައިފިއެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޣައްޒާގައި ރެފިއުޖީން ދިރިއުޅޭ ގިނަ ޢަދަދެއްގެ ސަރަޙައްދުތަކެއް ހުސް ކުރަން ޔަހޫދީ ފައުޖުން ވަނީ އަންގާފައެވެ. އަދި, އެ އެންގުންތަކަށް ފަހު ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުތަކަށް ބޮން އަޅަން ފަށާފައެވެ.

ދަޔިރް އަލް-ބަލަޙްގެ އޮފިޝަލުން ބުނީ, ޔަހޫދީ ފައުޖުގެ އެންގުމާ އެކު, އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެ ސަރަޙައްދަށް ހިޖުރަ ކޮށްފައިވާ 250,000އަށްވުރެ ގިނަ މީހުން އެ ރަށް ދޫކޮށް ފައިބާފައިވާ ކަމުގައެވެ. އެ ކަމާ މެދު ފަލަސްޠީނުގެ އިދާރާތަކުގެ އިތުރުން އދއާއި އެހީދޭ ޖަމާޢަތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ދަޔިރް އަލް-ބަލަޙް ހުސް ކުރަން އެންގުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ އެ ރަށަށް ވެސް ބޮން އަޅަން ފަށާފައެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ކަންކޮޅުތަކަށް ދިން ރަޙުމު ކުޑަ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ 30 މީހުން ޝަހީދުކޮށްލައި, 66 މީހުން ޒަޚަމު ކޮށްލާފައެވެ. ދަޔިރް އަލް-ބަލަޙުން ފައިބަން މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން ދެ މީހުންނަކީ އެ ރަށް ދޫކޮށް ރައްކާތެރި ހިސާބަކަށް ދަތުރު ކުރަން މަސައްކަތް ކުރި ދެ މީހުންނެވެ.

އަދި, އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ހުރި މަދަރުސާއަކަށް ބޮންއަޅައި ޔަހޫދީ ފައުޖުން ވަނީ އިތުރު ދެ މީހުން ޝަހީދު ކޮށްލާފައެވެ. ޣައްޒާގެ ދެކުނުގައި އޮތް ރަފަޙަށް ދިން ޙަމަލާތަކުގައި އިތުރު ތިން މީހުން ޝަހީދު ކޮށްލާފައިވާއިރު, ޚާން ޔޫނިސަށް ޙަމަލާދީ އިތުރު ހަތް މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރެއިން ދެ މީހުން ޝަހީދު ކޮށްލާފައި ވަނީ މަދަރުސާއަކަށް ބޮންއަޅައެވެ. އެއަށްފަހު, ޔަހޫދީ ފައުޖުން ވަނީ ޣައްޒާ ސިޓީގައި ފޭލިގެތަކުގައި ދިރިއުޅެމުން ދިޔަ ރެފިއުޖީންގެ ބަޔަކަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއްދީ ހަ މީޙުން ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ދަޔިރް އަލް-ބަލަޙް ހުސް ކުރަން އެންގުމާ އެކު, އަލް-އަޤްޞާ ހަސްފަތާލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އެ ތަނުގައި މި ވަގުތު އެތަކެއް ހާސް ރެފިއުޖީން ތިބި ކަމަށް ވެސް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެެވެ. އެއީ, ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން އެހީތެރިކަން ފޯރުކޮށްދޭ ހަސްފަތާލެކެވެ.

އެ ޖަމުޢިއްޔާއިން ބުނީ, އެ ހަސްފަތާލު ހުރި ސަރަޙައްދަށް ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައިވާ ކަމުގައެވެ. "އެ ކަމާ ގުޅިގެން, [ޔަހޫދީންގެ ޙަމަލާތަކުގައި] ޒަޚަމުވާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތްތައް ހުއްޓައިލުމަށް ފަހު, ފުރާނައަށް ނުރައްކާވާ ހާލަތުގައި އޮތް ބަލި މީހުންގެ ފަރުވާގެ ކަންކަމަށް އިސްކަންދޭން ވަނީ މަޖުބޫރުވެފައި،" އެމްއެސްއެފުން ބުންޏެވެ.

އެ ތަނުގައި ފަރުވާ ދެމުން ދިޔަ 650 ބަލި މީހުންގެ ތެރެއިން 100 މީހުން ފިޔަވައި އެހެން އެންމެން ރައްކާތެރި ހިސާބުތަކަށް މިހާރު ބަދަލު ކޮށްފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. ހަސްފަތާލުގައި ބާކީ ތިބި ބަލި މީހުންގެ ތެރެއިން ހަތް މީހުން ތިބީ އައިސީޔޫގައެވެ. "މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ހާލަތެއް ނޫން. އަލް-އަޤްޞާ ހަސްފަތާލު ފުރިފައި އޮންނަތާ މިހާރު ދެ ހަފުތާ ވެއްޖެ. ދެ ފަރާތުން ވެސް މިއީ ހަސްފަތާލެއް ކަން ދަނެ, އެ ކަމަށް އިޙުތިރާމު ކުރަން ޖެހޭނެ،" އެމްއެސްއެފުން ބުންޏެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވެސް ވަނީ, އަލް-އަޤްޞާ ހަސްފަތާލުގައި މި ވަގުތު ތިބި 100އެއްހާ ބަލި މީހުންގެ ފުރާނަ ސަލާމަތް ކޮށްދޭން ގޮވައިލާފައެވެ. ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި ޖިހާދު ކުރަމުންދާ ޙަމާސް އަދި އިސްލާމިކް ޖިހާދު ޖަމާޢަތުން ބުނީ, ދަޔިރް އަލް-ބަލަޙަށް އެއްގަމު މަގުން އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނަށް އަމާޒުކޮށް އެންޓި-ޓޭންކު ރޮކެޓާއި މޯޓަރު ބަޑީގެ ވަރުގަދަ ޙަމަލާތަކެއްދީ, އެ މީހުން ފަހަތަށް ޖައްސަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ދަޔިރް އަލް-ބަލަޙް ހުސް ކުރަން ޔަހޫދީ ފައުޖުން އެންގުމަށް ފަހު އެ ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަން ފަށާފައި މި ވަނީ, ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް, އެ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމަސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މި ވަގުތު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ މައްސަލައަކީ, ޢުދުވާން ހުއްޓައިލުމަށް ފަހު ފިލަޑެލްފީ ކޮރިޑޯއަށް ބާރު ހިންގާނެ ފަރާތެއްގެ މެދުގައި އުފެދިފައިވާ ދެބަސްވުމެވެ. ފިލަޑެލްފީ ކޮރިޑޯއަކީ މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގެވެ. އެ ތަނަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ފައުޖުން ބުނީ, ޢުދުވާން ހުއްޓައިލި ނަމަވެސް, އެ ތަނުގެ ކޮންޓްރޯލް ދޫކޮށްލަން ބޭނުން ނުވާ ކަމުގައެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,435އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,534އަށް އުފުލިފައެވެ.