ދުނިޔެ

އައިއެސް ޖަމާއަތުގެ އިސް ލީޑަރެއް، އެމެރިކާއިން މަރާލައިފި


ހައްދުފަހަނަޅާފައިވާ ޓެރެރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުގެ އިސް ލީޑަރެއް މަރާލާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެ ޖަމާއަތުގެ އިސް ލީޑަރެއް މަރާލާފައި މިވަނީ، އެ ޖަމާއަތުން އަތްގަދަކޮށްފައިވާ އިރާޤުގެ ރަށެއްކަމަށްވާ ފައްލޫޖާ މިނިވަން ކުރުމަށް އިރާޤާއި އެމެރިކާއިން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގައެވެ.

އިރާޤުގެ މެދުތެރޭގެ މުހިއްމު ރަށެއްކަމަށްވާ ފައްލޫޖާއަށް ހައްދުފަހަނަޅާފައިވާ ޓެރެރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުން އަތްގަދަކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. ޓެރެރިސްޓުންގެ އަތްދަށަށް ފައްލޫޖާ ވެއްޓުން ވެގެންދިޔައީ އެ ޖަމާއަތަށް ލިބުނު ވަރަށް ބޮޑު ބާރަކަށެވެ. އަދި، އެއަށްފަހު ފެނިގެންދިޔައީ އިސްލާމް ދީނުގެ ނަމުގައި އެ ޖަމާއަތުން އިރާޤާއި ސޫރިޔާގައި ޚިލާފާތެއް އުފެއްދުމުގެ މަސައްކަތް ފެށި ޚަބަރެވެ. އަދި އެއަށްފަހު އެ ޖަމާއަތުން ދިޔައީ އިރާޤާއި ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް އަތްގަދަކޮށް، އެ ޖަމާއަތުގެ ބާރު އިތުރަށް ފުޅާކުރަމުންނެވެ. ނަމަވެސް، އެ ޖަމާއަތުން ހޯދަމުންދިޔަ ކުރިއެރުންތަކަށް މިހާރު މިވަނީ ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައެވެ.

އިރާޤުގައި އައިއެސް ޖަމާއަތުން އަތްގަދަކޮށްފައިވާ ސަރަހައްދުތައް މިނިވަންކުރުމަށް އިރާޤާއި އެމެރިކާ އަދި ހުޅަނގުގެ ބާރުތަކުން މިހާރުދަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން އިރާޤު ސިފައިންނާއި ގުޅިފައިވާ އެމެރިކާގެ ފައުޖުތަކުން މިހާރުދަނީ ފައްލޫޖާއަށް އަތްގަދަކޮށްފައިވާ އައިއެސް ޖަމާއަތުގެ ޓެރެރިސްޓުންނާއި ހަނގުރާމަ ކުރަމުންނެވެ.

އައިއެސް ޖަމާއަތާއި ދެކޮޅަށް އިރާޤު ސިފައިން ބިމުގެ މަގުން ހަމަލާތައް އަމާޒު ކުރަމުންދާއިރު، އެ ޖަމާއަތަށްވަނީ އެމެރިކާގެ ވައިގެ އުޅަނދުތަކުގެ ހަމަލާތަކާއިވެސް ކުރިމަތިލާން ޖެހިފައެވެ. ފާއިތުވި 4 ދުވަހުގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިންވަނީ އައިއެސް ހަނގުރާމަވެރިންގެ އަމާޒުތަކަށް ވިއްސަށްވުރެ ގިނަ ހަމަލާ އަމާޒުކޮށްފައެވެ. މި ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ ހަތްދިހައަށްވުރެ ގިނަ ޓެރެރިސްޓުން މަރުވެފައިވާކަމަށް އެމެރިކާއިން ބުނެއެވެ. އަދި މީގެ ތެރޭގައި ފައްލޫޖާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ އިސް ކޮމާންޑަރުވެސް ހިމެނޭކަމަށް އެމެރިކާއިން ބުނެއެވެ. މި ހަނގުރާމައިގައި އިރާޤާއި އެމެރިކާ ސިފައިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދިޔަ ނަމަވެސް، ޓެރެރިސްޓުންގެ އަތުން ފައްލޫޖާ މިނިވަންކުރެވޭނެ ވަކި ތާރީޚެއް ބުނަން އަދި ދައްޗެވެ.

ފައްލޫޖާގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އެ ރަށުގައި ފަންސާސް ހާހަށްވުރެ ގިނަ އަދަދެއްގެ ޢާއްމުންވަނީ ބަންދުވެ، ޙާލުގައި ޖެހިފައެވެ. ފައްލޫޖާގެ ގިނަ ސަރަހައްދުތަކުން މިހާރު ކާނާއާއި ސާފު ބޯފެން ހުސްވެފައިވާކަމަށް އދ.އިން ބުނެއެވެ. އަދި، އައިއެސް ޖަމާއަތާއި ގުޅެން ދެކޮޅު ހަދާ ގިނަ އަދަދެއްގެ ބަޔަކު އެ ޖަމާއަތުގެ ޓެރެރިސްޓުންގެ ޝިކާރައަކަށްވެ، މަރާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް އދ.އިން ބުނެއެވެ. މީގެ ތެރޭގައި ގިނައީ ފިރިހެނުންނާއި ޒުވާން އުމުރުގެ ފިރިހެން ކުދިންނެވެ. ނަމަވެސް، އައިއެސް ޖަމާއަތުގެ އަތްދަށުން ފައްލޫޖާ މިނިވަންކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާނެކަން އިރާޤު ސަރުކާރުން އިޢުލާނުކުރުމާއިއެކު، އެތައް ސަތޭކަ ޢާއިލާއެއް އެ ރަށް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވެއެވެ.