ޚަބަރު

އީރާނާއި އެކްސިސްގެ ފުށުން ޔަހޫދީންނަށް އޮތް ނުރައްކާ އަދިވެސް ވަރަށް ބޮޑު: ޕެންޓެގަން


އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގެ ފުށުން ޔަހޫދީންނަށް އޮތް ނުރައްކާތެރި ކަން އަދިވެސް ވަރަށް ބޮޑު ކަމަށާއި, މަސްރަޙު ވަރަށް ގާތުން ބަލަމުންދާ ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނެފިއެވެ. އެމެރިކާއިން މިހެން ބުނެފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޔަހޫދީންގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ޙިޒްބުاللهން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ, ޔަހޫދީ ފައުޖުން އެ ޖަމާޢަތުގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމުން, އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

"އީރާނުގެ ބައެއް އިސް އޮފިޝަލުން ފާޅުކޮށް ބުނެފައިވާ ބަސްތަކާއި ދީފައިވާ އިންޒާރުތަކަށް އަލިއަޅުވައިލަން. އަޅުގަނޑުމެން މި ދަނީ އީރާނުން ޙަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތުމުން މަސްރަޙު ވަރަށް ގާތުން ބަލަމުން،" ޕެންޓެގަންގެ ތަރުޖަމާނު, އެއަރ ފޯސް މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވިދާޅުވިއެވެ.

އީރާނާއި ޔަހޫދީންނާ ދެމެދު އޮތް މަސްރަޙު ހޫނުވީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެ ޢުދުވާނުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ.

އެ ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް, އީރާނުން ގަބޫލު ކުރާ ގޮތުގައި ޔަހޫދީ ފައުޖުން ވަނީ އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެފައެވެ. އަދި, އެ ޤައުމުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކޮށްފައެވެ. އެ ކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ އިތުރުން އެކްސިސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ދީފައެވެ.

އެ އިންޒާރުތަކާ ގުޅިގެން އެންމެ ފުރަތަމަ ތެޅިފޮޅެން ފެށީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއިންނެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދޭން ފޫގަޅައިގެން އޮތް އެމެރިކާއިން ވަނީ މެދުއިރުމަތީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި, އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރާއި, ސްޓްރައިކް ގުރޫޕަކާއި ނުރައްކާތެރި ހަތިޔާރު އުފުލާ ސަބްމެރިނެއް އެ ސަރަޙައްދަށް ފޮނުވާފައެވެ.

ޔަހޫދީންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ވެސް ވަނީ އީރާނުގެ ފުށުން ޔަހޫދީންނަށް އޮތް ނުރައްކާތެރި ކަން އިހުނަށްވުރެ ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. އަދި, އީރާނުން ދީފާނެ ޙަމަލާއަކުން ޔަހޫދީން ހިމާޔަތް ކޮށްދޭން އޭނާ ވަނީ އެމެރިކާއަށް ގޮވައިލާފައެވެ. އޭނާ އެ ކަމަށް ގޮވައިލާފައި ވަނީ, މެދުއިރުމައްޗަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން އަދި ވައިގެ ސިފައިންގެ އިސް ކޮމާންޑަރު ސީކިޔު ބްރައުންއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަމުން ދަނީ ޣައްޒާ ޢުދުވާނާ ގުޅިގެންނެވެ. މި ހަފުތާގެ ތެރޭގައި ޙިޒްބުاللهން ވަނީ ގިނަ ޢަދަދެއްގެ އަސްކަރީ ޑްރޯނާއި ކަތްޔޫޝާ މަރުކާގެ 320 ރޮކެޓު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އަދި, ޔަހޫދީ ފައުޖުން ވަނީ 100އެއްހާ އަސްކަރީ މަތިންދާބޯޓު ލުބްނާނަށް ފޮނުވައި, ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅާފައެވެ.

އީރާނުން ބުނީ, ޙިޒްބުاللهގެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކާ އެކު, ޔަހޫދީންގެ ދިފާޢީ ކަންކަން ބަލިކަށިވެފައިވާ މިންވަރު މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި, މުޅި މެދުއިރުމަތީގައި ޔަހޫދީންނާ ދެކޮޅު އޮއިވަރެއް ފެށިފައިވާ ކަމަށާއި, މުޅި މެދުއިރުމަތި ޔަހޫދީންނާ ދެކޮޅަށް ތެދުވެފައިވާ ކަމުގައެވެ.

"އެމެރިކާގެ ފުރިހަމަ އެހީތެރިކަމާ އެކުގައި ވެސް އެކްސިސުން އިސްރާއީލަށް ޙަމަލާ ދޭނެ ވަގުތާއި ގޮތް ދެނެގަނެވިފައެއް ނެތް. އިސްރާއީލުގެ ދިފާޢީ ކަންކަން ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި،" އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވިއެވެ. ޔަހޫދީން އަޅުވެތި ކޮށްފައިވާ ސަރަޙައްދުތަކުގައި ޔަހޫދީ ފައުޖަށް އޮތް ނުރައްކާތެރިކަން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޣައްޒާ ޢުދުވާނާއި ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެއް ފަޅީގައި އޮތީ އީރާނާއި އެ ޤައުމުން ވާގިވެރިވާ އެކްސިސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބިޔަ, ބޮޑު ލަޝްކަރެވެ. އަނެއް ފަޅީގައި އޮތީ ޔަހޫދީންނާއި އެ މީހުންގެ މަދަދުގާރު, އެމެރިކާއެވެ.

ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވިދާޅުވީ, ޔަހޫދީންނަށް ދީފައިވާ ޙަމަލާތަކަކީ ބަދަލު ހިފުމުގެ ފުރަތަމަ މަރުޙަލާ ކަމުގައެވެ. އަދި, އެ ޙަމަލާތަކުގައި ޔަހޫދީންގެ އަސްކަރީ އަމާޒުތަކަށް ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ފަހު, އިތުރު ޙަމަލާތައް ދިނުމާ މެދު ގޮތެއް ނިންމާނެ ކަމުގައެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ދިފާޢީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކޮށްފައިވެއެވެ.