އޮސްޓްރޭލިޔާގައި މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ދޭ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަން ހާމަ ކޮށްފިއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ބުނީ, ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން, 2025 އަހަރު އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލު ކުރުމަށް ވިސާ ދޫކުރާނީ 270,000 ދަރިވަރުންނަށް ކަމުގައެވެ.
ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލް ކުރަން އޮސްޓްރޭލިޔާ ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފަށާފައި ވަނީ, ގެދޮރުގެ ކުލި އުފުލިފައިވާ ދަނޑިވަޅެއްގައެވެ. އަދި, ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނާއި, އެ ޤައުމުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ދީފައިވާ ލުއިތައް އުވައިލަން ފަށާފައިވާ ވަގުތެއްގައެވެ. އެ ފިޔަވަޅުތައް އަޅަން ފަށާފައި ވަނީ, ބިދޭސީންގެ ޢަދަދު މަދުކޮށް, އެ ޤައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރު ކުރުމުގެ ގޮތުންނެވެ.
"ބަލިމަޑުކަމުގެ ކުރިއާ އަޅައިބަލާއިރު މި ވަގުތު ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރަމުންދާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ޢަދަދު ވަނީ 10 އިންސައްތަ އިތުރުވެފައި. އަދި, އަމިއްލަ ފަރާތްތަކުން ހިންގާ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ތިބި މީހުންގެ ޢަދަދު ވަނީ 50 އިންސައްތަ އުފުލިފައި،" ތަޢުލީމާ ބެހޭ ވަޒީރު ޖޭސަން ކްލެޔަރ ވިދާޅުވިއެވެ.
އޮސްޓްރޭލިޔާ ސަރުކާރުން އަޅާ އައު ފިޔަވަޅުތަކުގެ ދަށުން 2025ން ފެށިގެން ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރުމަށް ވިސާ ދޫކުރާނީ 145,000 ދަރިވަރުންނަށެވެ. އަދި, އަމިއްލަ ފަރާތްތަކުން ހިންގާ ތަޢުލީމާއި ތަމްރީނުދޭ މަޒުކަޒުތަކަށް ވަނުމުގެ ފުރުޞަތު ދޭނީ 95,000 މީހުންނަށެވެ. އެ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ޔުނިވަރސިޓީތަކާ ހިއްސާ ކުރާނެ ކަމުގައި ކްލެޔަރ ވިދާޅުވިއެވެ.
ނަމަވެސް, އެއީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީތަކުން ރުހޭ ނިންމުމެއް ނޫނެވެ. ޔުނިވަރސިޓީތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމުޢިއްޔާ, ޔުނިވަރސިޓީޒް އޮސްޓްރޭލިޔާއިން ބުނީ ސަރުކާރުގެ ނިންމުމާ އެކު މަތީ ތަޢުލީމުގެ ދާއިރާ ބުރަކި ޖެހިގެންދާނެ ކަމުގައެވެ.
"ބިދޭސީންގެ ޢަދަދުތައް ކޮންޓްރޯލް ކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަން އަޅުގަނޑުމެން ގަބޫލު ކުރަން. ނަމަވެސް, އެންމެ ދާއިރާއަކަށް އަމާޒުކޮށް ފިޔަވަޅުތައް އެޅުމަކީ ނުރައްކަލެއް. މަތީ ތަޢުލީމުގެ ދާއިރާއަކީ އިޤުތިޞާދުގެ ބޮޑު ބަޔެއް،" އެ ޖަމުޢިއްޔާގެ ޗެއަރމަން ޕްރޮފެސަރ ޑޭވިޑް ލޮއިޑް ވިދާޅުވިއެވެ.
ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމަކީ އޮސްޓްރޭލިޔާގެ އެކްސްޕޯޓު މާކެޓުގެ ހަަތަރުވަނައަށް އެންމެ ބޮޑު ވިޔާފާރިއެވެ. 2022-2023ގެ މާލީ އަހަރު, އެ ދާއިރާގެ އާމްދަނީ 24.7 ބިލިޔަން އެމެރިކާ ޑޮލަރަށް އެރިއެވެ. ނަމަވެސް, ބޭރު ޤައުމުތަކުގެ ދަރިވަރުންނާއި ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު އިތުރުވުމަކީ އޮސްޓްރޭލިޔާގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެކެވެ.
އަންނަ އަހަރު ޢާންމު އިންތިޚާބަކަށް ތައްޔާރުވަމުންދާ އޮސްޓްރޭލިޔާގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެންނަ ގޮތުގައި, ޢާންމު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ބޭރު ޤައުމުތަކުގެ ދަރިވަރުންނާއި ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެން ގެދޮރުގެ ބާޒާރުގެ އަގުތައް އުފުލިގެން ދިޔުން ހިމެނެއެވެ.
2023 ސެޕްޓެންބަރުގައި ޝާއިޢު ކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި, އޮސްޓްރޭލިޔާގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ޢަދަދު 548,000އަށް އަރައެވެ. އެއީ, އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 68 އިންސައްތައިގެ އިތުރުވުމެކެވެ. މަތީ ތަޢުލީމު ހާސިލު ކުރަން އެންމެ ގިނަ ޢަދަދެއްގެ ދަރިވަރުން އެ ޤައުމަށް ދަތުރު ކޮށްފައި ވަނީ އިންޑިޔާ, ޗައިނާ އަދި ފިލިޕީންސުންނެވެ.
އޮސްޓްރޭލިޔާއަށް މަތީ ތަޢުލީމު ހާސިލު ކުރަން ފުރުޞަތު ދޭ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހުސްވި މަހު ވެސް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެ ތެރޭގައި, ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ދޫ ކުރާ ވިސާގެ ފީތައް ދެގުނައަށް ބޮޑު ކުރުން ހިމެނެއެވެ. އަދި, ދިގު މުއްދަތަކަށް އެ ޤައުމުގައި މަޑު ކުރުމަށް ދަރިވަރުންނަށް އޮތް ޤާނޫނީ ފުރުޞަތުތައް ހަނި ކުރަން ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.