ޒަޔަނިސްޓުގެ ދަޢުލަތާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނަށް އަމާޒުކޮށް އީރާނުން ދީފާނެ ކޮންމެ ޙަމަލާއަކުން ޔަހޫދީން ދިފާޢު ކޮށްދޭން އެމެރިކާއިން ތައްޔާރީ ޙާލަތެއްގައި އޮތް ކަން އެ ޤައުމުން ހާމަ ކޮށްފިއެވެ.
ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައި ވަނީ ޔަހޫދީ ފައުޖުން ޖުލައި މަހުގެ ފަހުކޮޅު އެ ޤައުމުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދިނުމާ ގުޅިގެންނެވެ. އެ ޙަމަލާގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އެ ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް, އީރާނުން ގަބޫލު ކުރާ ގޮތުގައި ޔަހޫދީ ފައުޖުން ވަނީ އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެފައެވެ. އަދި, އެ ޤައުމުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކޮށްފައެވެ.
އެ ޙަމަލާއާ ގުޅިގެން ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ދިނުމުން އެމެރިކާއިން ވަނީ ޔަހޫދީންގެ ދިފާޢުގައި ތެދުވެފައެވެ. އަދި, އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން މެދުއިރުމައްޗަށް ބޮޑު ލަޝްކަރެއް ފޮނުވާފައެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ, އީރާނުން ދީފާނެ ކޮންމެ ޙަމަލާއަކުން ޔަހޫދީން ޙިމާޔަތް ކޮށްދޭން އެމެރިކާއިން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް އުންމީދަކީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކާމިޔާބުވެ, ޢުދުވާންތައް އަވަހަށް ހުއްޓައިލުން ކަމުގައެވެ. ޢުދުވާންތައް ހުއްޓައިލައިފި ނަމަ, ޔަހޫދީންނަށް ޙަމަލާ ދޭނެ ކަމަށް ބުނެ ދީފައިވާ އިންޒާރު އަނބުރާ ގެންދިޔުމާ މެދު ވިސްނާނެ ކަން އީރާނުން ކުރިން ހާމަ ކޮށްފައިވެއެވެ.
ކަރބީ ވިދާޅުވީ, ޔަހޫދީންނަށް ޙަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ދީފައިވާ އިންޒާރު ވަރަށް ސީރިޔަސް ކޮށް ބަލައިގަނެފައިވާ ކަމުގައެވެ. ނަމަވެސް, އީރާނުން ޙަމަލާތައް ފަށާނެ ވަގުތު ދެނެގަންނަން ނޭނގޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ޙަމަލާތަކެއް ދިނުމަށް އެ މީހުން [އީރާނުން] މިހާރު ވެސް ތައްޔާރީ ހާލަތެއްގައި އޮތް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. [މެދުއިރުމަތީގައި] ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ އެ ސަބަބާ ގުޅިގެން،" ކަރބީ ވިދާޅުވިއެވެ. އެމެރިކާއިން ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ ދެ މަނަވަރަކާއި, ސްޓްރައިކް ގުރޫޕެއްގެ އިތުރުން ނުރައްކާތެރި ހަތިޔާރު އުފުލާ ސަބްމެރިނެއް ވެސް މެދުއިރުމައްޗަށް ފޮނުވާފައެވެ.
"އަޅުގަނޑުމެން އީރާންގެ ވެރިންނަށް އަބަދު ވެސް ދެމުން މި ދަނީ އެއް މެސެޖެއް. އެ މެސެޖަކަށް ބަދަލެއް ނާދޭ. ފުރަތަމަ މެސެޖަޖީ: އެ ފަދަ ކަމެއް [ޔަހޫދީންނަށް ޙަމަލާ ދިނުން ފަދަ ކަމެއް] ނުކުރާށޭ. މަސްރަޙު އިތުރަށް ހައްސާސް ކުރުމުގެ އެއްވެސް ބޭނުމެއް ނެތޭ. ސަރަޙައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ އެއްވެސް މަޤުޞަދެއް ނެތޭ. ދެވަނަ މެސެޖަކީ: އިސްރާއީލް ޙިމާޔަތް ކޮށްދޭން އަޅުގަނޑުމެން މި އޮތީ ފުރިހަމައަށް ތައްޔާރަށޭ،" އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ދެ މަނަވަރު މި ވަގުތު ހަރަކާތްތެރިވަމުން ދާއިރު އެފް-22 މަރުކާގެ ގިނަ ޢަދަދެއްގެ އަސްކަރީ މަތިންދާބޯޓު ވެސް ވަނީ އެ ސަރަޙައްދަށް ފޮނުވާފައެވެ. ކަރބީ ވިދާޅުވީ "ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ނަމަ އެ ލަޝްކަރު އެ ސަރަޙައްދުގައި ދެމި ތިބޭނެ" ކަމުގައެވެ.
ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ބާއްވަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުން ގުޅިގެން އެމެރިކާގެ އެހީތެރިކަމާ އެކުގައެެވެ. ކަރބީ ވިދާޅުވީ, އެންމެ ފަހުން މިޞްރުގެ ވެރިރަށް ޤާހިރާގައި ބާއްވާފައިވާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. އަދި, ޣައްޒާގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ވަރަށް އަވަހަށް ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
"ދެ ފަރާތުން ވެސް ދަނީ މަޝްވަރާތަކުގައި އެއްބާރުލުން ދެމުން. އެއީ ރަނގަޅު ފާލެއް. މަޝްވަރާތަކުގެ އައު ބުރެއް [ޤަޠަރުގެ ވެރިރަށް] ދަވްޙާގައި ފަށަން ތައްޔާރުވުމަކީ ލިބުނު ކުރިއެރުމެއް. އެއީ ގޯސް ކަމެއް ނޫން. އޭގެ މާނައަކީ, ދެ ފަރާތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރޭ. ހައްލުތަކެއް ހޯދޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތޭ،" ކަރބީ ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,534އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,778އަށް އުފުލިފައެވެ.