ޚަބަރު

އިޤްތިޞާދީ މައްސަލަތައް ޙައްލު ކުރެވޭނީ ނުޤަބޫލު ސިޔާސަތުތަކެއް ތަންފީޒު ކޮށްގެން: ސްޓާމަރ


އިނގިރޭސިވިލާތަށް މި ވަގުތު ކުރިމަތިވެފައި އޮތް މައްސަލަަތައް ޙައްލު ކުރެވޭނީ ރައްޔިތުންގެ މެދުގައި މަޤުބޫލުކަން ކުޑަ ފިޔަވަޅުތަކާއި ސިޔާސަތުތަކެއް ތަންފީޒު ކޮށްގެން ކަމުގައި ބޮޑުވަޒީރު ކީރް ސްޓާމަރ ވިދާޅުވެއްޖެއެވެ. ޑައުނިންގ ސްޓްރީޓްގެ ރޯސް ގާޑްންގައި ވާހަކަފުޅު ދައްކަވަމުން ސްޓާމަރ ވަނީ, އިނގިރޭސިވިލާތަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތަށް ޤައުމު ވައްޓައިލާފައި ވަނީ ކުރިން ވެރިކަން ކުރި ކޮންޒަރވެޓިވް ޕާޓީން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ސްޓާމަރ ވިދާޅުވީ ޢާންމު ރައްޔިތުންނަށް މައްސަލަތަކުގެ ޙަޤީޤަތް ފޮރުވުމުގެ ބަދަލުގައި އެއީ ސާފުކޮށް ޤައުމުގެ ހާލަތު ކިޔައިދޭން ޖެހިފައިވާ ދަނޑިވަޅެއް ކަމަށާއި, ކަންކަން ރަނގަޅުވުމުގެ ކުރިން ހާލަތު އިތުރަށް ގޯސްވާނެ ކަން އެންމެން ވެސް ޤަބޫލު ކުރަން ޖެހޭނެ ކަމުގައެވެ. އަދި, އަދުގެ ހާލަތުން އަރައިގަނެވޭނީ ޢާންމުންގެ މެދުގައި މަޤުބޫލު ކަން ކުޑަ ފިޔަވަޅުތަކެއް ތަންފީޒު ކޮށްގެން ކަމަށާއި, އޭގެ ތެރޭގައި މުއްސަނދިން ދައްކަން ޖެހޭ ޓެކުސް ބޮޑު ކުރުމާއި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުން ހިމެނޭ ކަމުގައެވެ.

ޖުލައި މަހު ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުވި ސްޓާމަރ ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މީހުންނާއި, އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ދާދި ފަހުން އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ހަމަނުޖެހުން ބޮޑު މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ސްޓާމަރ ވިދާޅުވީ, އެއީ ކޮންޒަރވެޓިވް ޕާޓީން އަމަލު ކުރަމުން ދިޔަ އެންމެން ރުއްސަން މަސައްކަތް ކުރުމުގެ ސިޔާސަތުގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމުގައެވެ.

ކޮންޒަރވެޓިވް ޕާޓީއަށް ބަހުގެ ޙަމަލާތައް އަމާޒު ކުރައްވަމުން ސްޓާމަރ ވަނީ, އެ ޕާޓީން ޤައުމު 29 ބިލިޔަން އެމެރިކާ ޑޮލަރުން ދަރަނިވެރި ކޮށްލާފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އަދި, އެ ކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ތެލުގެ ސަބްސިޑީ ކުޑަކުރަން މަޖުބޫރުވި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އިދިކޮޅު ކޮންޒަރވެޓިވް ޕާޓީން ބުނަނީ, ވެރިކަން ކުރާ ލޭބަރ ޕާޓީން ޤައުމުގެ އިޤުތިޞާދީ އަދި މާލީ ހާލަތުގެ މައްސަލަތަކުގެ ވާހަކަތައް ކަންބޮޑުކޮށްގެން ފަތުރަމުންދާ ކަމުގައެވެ. އަދި, އެއީ ޓެކުސްތައް ބޮޑު ކުރަން ސްޓާމަރގެ ސަރުކާރުން ދައްކަމުންދާ ބަހަނާތަކެއް ކަމަށާއި, އަދި ލޭބަރ ޕާޓީގެ ކެމްޕޭން ވަޢުދުތަކާ ދިމާ އިދިކޮޅު ވާހަކަތަކެއް ކަމަށް ވެސް ކޮންޒަރވެޓުން ތުހުމަތު ކުރެއެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ސްޓާމަރ ވިދާޅުވީ, ކެމްޕޭންގައި ވެފައިވާ ވަޢުދުތައް ފުއްދަވަން ޢަޒުމު ކަނޑައަޅުއްވައިގެން ހުންނެވި ކަމުގައެވެ. ނަމަވެސް, ކުރިމަގުގައި ޤައުމުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން, ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި މަޤުބޫލު ކަން ކުޑަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމުގައެވެ.

"އޮކްޓޫބަރުގައި ކުރިއަށް އޮތީ ބަޖެޓުގެ ކަންކަން, އެއީ ފަސޭހެ ކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް އިތުރު ގޮތެއް ނެތް… ބައިމަތި ފުޅާ މީހުން [މަހުޖަނުންނާއި މުއްސަނދިން] މި ކަމުގައި އުފުލަން ޖެހޭ ޒިންމާ ބޮޑުވާނެ. އަޅުގަނޑުމެންނަށް ވާރުތަވެފައި ވަނީ އިޤުތިޞާދީ އަނދަވަޅެއް. އެހެންވެ, ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ. އޭގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޤައުމުގެ ހާލަތު ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުން،" ސްޓާމަރ ވިދާޅުވިއެވެ.

ސްޓާމަރ އެ ވާހަކަތައް ދައްކަވާފައި ވަނީ, ޑައުނިންގ ސްޓްރީޓްގެ ރޯސް ގާޑްންގައި ޢާންމު ރައްޔިތުންގެ ގުރޫޕަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ކޮންޒަރވެޓިވް ޕާޓީގެ ވެރިކަމުގައި ވެސް ރޯސް ގާޑްން ވަނީ އިނގިރޭސިވިލާތުގެ ނޫސްތަކުގެ ސުރިޚީތަކަށް އަރާފައެވެ. ނަމަވެސް, އެ ފަހަރު ޚަބަރުތަކުން ހާމަވެގެން ދިޔައީ, ކޮވިޑް-19ގެ ބަލިމަޑު ކަމާއި ފުރަބަންދުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ސަރުކާރުން އެ ތަނުގައި ބޭއްވި ޕާޓީތަކުގެ ޚަބަރުތަކެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ސްޓާމަރ ވިދާޅުވީ, ބޮރިސްގެ ސަރުކާރުގެ އެ އަމަލުތަކާ އެކު ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދިޔަ ކަމުގައެވެ.

އިނގިރޭސިވިލާތުގެ އިޤުތިޞާދީ ހާލަތައް ނަޒަރު ހިންގައިލާއިރު, 1960ގެ އަހަރުތަކުގައި ނުއުފުލޭ މިންވަރަކަށް އެ ޤައުމުގެ ޕަބްލިކް ސެކްޓަރ ދަރަނި އޮތީ އުފުލިފައެވެ. އަދި, ޓެކުސްތަކުގެ މިންވަރު ވަނީ ފާއިތުވި 80 ވަރަކަށް އަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ. ސްޓާމަރގެ މާލީ ވަޒީރު ރޭޗެލް ރީވްސް ވިދާޅުވީ, ކޮންޒަރވެޓުންގެ ވެރިކަމުގައި އާމްދަނީއާ ނުބައްދަލު މިންވަރަކަށް ޚަރަދު ކޮށްފައިވާ ކަމުގައެވެ. އަދި, އެ ކަމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ޚަރަދުތައް ކުޑަ ކުރުން ނޫން އިތުރު ގޮތެއް ސަރުކާރަށް ނެތް ކަމުގައެވެ.

"މުޒާހަރާތައް ހުއްޓުވަން ވެސް އަޅުގަނޑަށް ޖެހުނީ ޢާންމުންގެ އެހީތެރިކަމަށް އެދެން. ޤައުމު ދަތުރު ކުރަމުންދާ މިސްރާބު ހަމަ މަގަށް އަޅުވަން ވެސް އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެން ޖެހޭ ބޮޑު އެދުމެއް އެބައޮތް. އެއީ, ކުރިއަށް އޮތް ދުވަސްތަކުގައި ތަންފީޒު ކުރާ ނުޤަބޫލު ސިޔާސަތުތަކަކީ, ކުރިމަގުގައި ޤައުމު ހަމަ މަގަށް އަޅުވަން އަޅާ ފިޔަވަޅުތަކެއް ކަން ޤަބޫލު ކުރައްވާށޭ. އަދި, އެއީ އެ ކަމަށް އޮތް ހަމައެކަނި ޙައްލު ކަން ޤަބޫލު ކުރައްވާށޭ،" ސްޓާމަރ އެދިވަޑައިގެންނެވިއެވެ.