ޚަބަރު

ކޫރްސްކަށް ޙަމަލާ ދިނީ ހަނގުރާމަ ހުއްޓުވުމުގެ ޕްލޭންގެ ދަށުން: ޒެލެންސްކީ


ރަޝިޔާގެ ހުޅަނގުގައި އޮންނަ ކޫރްސްކަށް ޔޫކްރެއިންގެ ސިފައިން ފޮނުވައި ހަނގުރާމަ ފުޅާކޮށްފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލަމުންދާ ބޮޑު ރޭވުމެއްގެ ދަށުން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ވެރިރަށް ކީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އޭނާ އެކުލަވައިލައްވަމުން ގެންދަވާ ރޭވުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންނާ ވެސް ހިއްސާ ކުރައްވާނެ ކަމުގައެވެ.

ޒެލެންސްކީ ވިދާޅުވީ, ހަނގުރާމައަށް ނިމުމެއް ގެނެވޭނީ ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ބާއްވައިގެން ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. ނަމަވެސް, އޭގެ ކުރިން ޔޫކްރެއިން އޮތް މަޤާމު ވަރުގަދަ ކުރަން ޖެހޭ ކަމަށާއި, އެއިރުން މަޝްވަރާތަކުގައި އެ ޤައުމަށް ލިބޭ ބާރާއި ފުރުޞަތު ބޮޑުވެގެންދާނެ ކަމުގައެވެ.

ޔޫކްރެއިންގެ ސިފައިން ކޫރްސްކަށް އަރައި ހަނގުރާމަ ފުޅާ ކޮށްފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ. ޔޫކްރެއިނުން ބުނީ, އެ ސަރަޙައްދުގެ 100އަށްވުރެ ގިނަ އަވަށަށް އަތްގަދަ ކޮށްފައިވާނެ ކަމަށާއި, ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު 1,200 އަކަ ކިލޯމީޓަރަށް ބޮޑުކޮށްފައިވާ ކަމުގައެވެ. ކޫރްސްކަށް އަރާފައިވާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސަން ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުގެ ރޭވުމުގެ އެންމެ މުހިންމު މަޤުޞަދަކީ ހަނގުރާމަ ހުއްޓައިލަން ރަޝިޔާއަށް މަޖުބޫރު ކުރުވުން. އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެއީ. ޔޫކްރެއިނަށް އޮތް އެންމެ އިންސާފުވެރި ގޮތަކީ ވެސް އެއީ،" ޒެލެންސްކީ ވިދާޅުވިއެވެ. އެ ޕްލޭންގެ ދަށުން ކޫރްސްކުގައި ޢުދުވާނެއް ހިންގަމުން ދިޔަ ނަމަވެސް, އިޤުތިޞާދީ އަދި ޚާރިޖީ ދާއިރާއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ވެސް ރޭވުމުގައި ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ އެކުލައްވައިލައްވާފައިވާ ރޭވުމުގެ އިތުރު ތަފްސީލު ހާމަ ކުރައްވާފައި ނެތް ނަމަވެސް, އޭނާ ވިދާޅުވީ ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު އަދި ނައިބު ރައީސާ ކަމަލާ ހެރިސްގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެ ރޭވުން ހިއްސާ ކުރައްވާނެ ކަމުގައެވެ.

ކުރިއަށް އޮތް ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި, އެ ދަތުރުފުޅުގައި ރައީސް ޖޯ ބައިޑަންނާ އަލުން ބައްދަލު ކުރެއްވުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ މެދު މަޝްވަރާ ކުރުމަށް ސުލްޙައިގެ ބައްދަލުވުމެއް ބާއްވަން ޔޫކްރެއިނުން ހުށަހަޅާފައިވެއެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޔޫކްރެއިނުން ވަނީ ރަޝިޔާއަށް ދަޢުވަތު އަރުވާފައެވެ.

ސުވިޓްޒަލެންޑުގައި އެ ކަމާ ގުޅޭ ގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރަޝިޔާއިން ބައިވެރިވެފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, ރަޝިޔާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޗައިނާއާއި އިންޑިޔާގެ ތެރެއިން ޗައިނާއިން ވެސް ބައްދަލުވުމުގައި ބައިވެރިއެއް ނުވެއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވިދާޅުވީ ޔޫކްރެއިނާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައެވެ.

ނަމަވެސް, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙަ ގާއިމު ކުރަން އިންޑިޔާއިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. ދާދިފަހުން ކީވަށް ވަޑައިގަންނަވައި ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިިމިޔަރ ޕުޓިންއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި, ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވެ, ހަނގުރާމަ ހުއްޓައިލަން ގޮވައިލައްވާފައެވެ.

ޔޫކްރެެއިނާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންވާ ކަން ޕުޓިން ކުރިން ހާމަ ކުރައްވާފައިވެއެވެ. ނަމަވެސް, އެ ކަމަށް ޝަރުޠުތަކެއް ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަކީ އެ ޤައުމުގެ ބިންތަކެއްގެ ގޮތުގައި ޔޫކްރެއިނުން ބަލައިގަތުމާއި, ނޭޓޯގެ މެންބަރު ކަން ހޯދަން ކީވުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުން ހިމެނެއެވެ.

ނަމަވެސް, ޔޫކްރެއިނުން ދަނީ އެ ޝަރުޠުތަކަށް އިންކާރު ކުރަމުންނެވެ. ޔޫކްރެއިނުން ބުނީ, މަޝްވަރާތަކުގައި ބައިވެރި ވާނީ އެ ޤައުމަށް އަރައިގަނެފައިވާ ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ބިންތައް މިނިވަންކޮށް, އެ ޤައުމުން ފޭބުމުން ކަމުގައެވެ. އޭގެ އިތުރުން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ކްރައިމިޔާ މިނިވަން ކުރަން ވެސް ޔޫކްރެއިނުން ވަނީ ގޮވައިލާފައެވެ.

ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް އަރައިގަނެ, ރަޝިޔާއިން އެ ސަރަޙައްދަށް އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. އަދި, 2022 ފެބުރުވަރީ 24ވަނަ ދުވަހު ފެށި ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން 18 އިންސައްތައަށް ވެރިވެގަނެފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ.