ރަތް ކަނޑުން ދަތުރު ކުރަމުން ދަނިކޮށް ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ދިން ޙަމަލާތަކުގައި ގެއްލުންވެ އޮޔާ ގެންދަން ފަށާފައިވާ ތެޔޮ ޓޭންކަރުގައި ތިބި ފަޅުވެރިންނާއި އެ އުޅަނދު ސަލާމަތް ކުރުމުގެ ފުރުޞަތު ދޭން އެ ޖަމާޢަތުން އެއްބަސްވެއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ އދއަށް އީރާނުން ކަނޑައަޅާފައި ހުންނަ މިޝަނުންނެވެ. ގްރީސްގެ ދިދަ ޖަހައިގެން ދަތުރުކުރާ ސޫނިޔަންގެ ނަން ދީފައިވާ ތެޔޮ ޓޭންކަރަށް ދީފައިވާ ޙަމަލާތަކުގެ ޒިންމާ ޙޫޘީން ވަނީ އުފުލާފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ސޫނިޔަން ސަލާމަތް ނުކުރެވިއްޖެ ނަމަ ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އެ އުޅަނދަށް ޙޫޘީން ޙަމަލާ ދީފައި ވަނީ 150,000 ޓަނުގެ ތެޔޮ ބަރު ކޮށްގެން ދަތުރު ކުރަމުން ދަނިކޮށެވެ. އެ އުޅަނދުން ކަނޑަށް ތެޔޮ ފައިބައިފި ނަމަ, ތާރީޚުގައި ވެސް ކުރިމަތިނުވާ ފަދަ ނުރައްކާތެރި ކާރިސާއަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.
"ޙަމަލާތައް ވަގުތީ ގޮތުން ހުއްޓައިލައި, އެ އުޅަނދާއި އޭގައި ތިބި ފަޅުވެރިން ސަލާމަތް ކުރުމުގެ ފުރުޞަތު ދިނުމަށް ވަރަށް ގިނަ ޤައުމުތަކުން ވަނީ ޙޫޘީންގެ ކިބައިން އެދިފައި. އިންސާނިއްޔަތަށް ޓަކައި, އަދި ތިމާވެށްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ޙޫޘީން ވަނީ އެ ކަމުގެ ފުރުޞަތު ދޭން ނިންމާފައި," އދއަށް އީރާނުން ކަނޑައަޅާފައި ހުންނަ މިޝަނުން ބުންޏެވެ.
ޙޫޘީންގެ ތަރުޖަމާނު މުޙައްމަދު ޢަބްދުއްސަލާމް ވިދާޅުވީ, ސޫނިޔަންގައި ތިބި ފަޅުވެރިންނާއި އުޅަނދު ސަލާމަތް ކުރުމުގެ ފުރުޞަތު ދޭން އެ ޖަމާޢަތުން އެއްބަސްވި ނަމަވެސް, ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ޙަރަކާތް މެދުކަނޑަައިލާފައި ނުވާނެ ކަމުގައެވެ. އަދި, ސޫނިޔަން ސަލާމަތް ކުރުމުގެ ފުރުޞަތު ދީފައި ވާނީ, ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ކަމަށް އެދި ގޮވަލަމުންދާތީ ކަމުގައެވެ.
ސޫނިޔަނަށް ޙޫޘީން ޙަމަލާ ދީފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް އަލް-ޙުދަޔިދާގެ ރަށް ބޭރުން ދަތުރު ކުރަމުން ދަނިކޮށް ހުސްވި ހަފުތާގައެވެ. ޙޫޘީންގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އުޅަނދުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވީ ނަމަވެސް, އެއްވެސް ފަޅުވެރިއެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ޙަމަލާތަކާ ގުޅިގެން އުޅަނދުން ކަނޑަށް ތެޔޮ ލީކުވާން ފަށާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް, އެއްވެސް ރަސްމީ އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ޔަހޫދީންނާ ދެކޮޅަށް ޙޫޘީން އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ 2023 ނޮވެންބަރުގައެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުންނާއި, ޢުދުވާންތައް ހުއްޓައިލަން ބާރު އެޅުމުގެ ގޮތުން ހިންގަމުންދާ ޙަރަކާތެކެވެ. ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުފަހަރާއި, ޒަޔަނިސްޓުންގެ ދަޢުލަތަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ.
ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑު އަދި އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙޫޘީންގެ ޙަމަލާތަކުގައި 30 ވަރަކަށް އުޅަނދަށް ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރެއިން ދެ އާގުބޯޓު ވަނީ ފެތިފައެވެ.
ޙޫޘީންގެ ނުރައްކާތެރި ޙަމަލާތަކުން ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކޮށްދިނުމަށް އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ތެދުވެފައިވެއެވެ. އަދި, އިނގިރޭސިވިލާތާ ގުޅިގެން ރަތް ކަނޑު ސަރަޙައްދަށް އަސްކަރީ މަނަވަރުތަކެއް ފޮނުވާފައެވެ. އަދި, ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ވައިގެ ޙަމަލާތައް ދޭން ފަށާފައެވެ. އެ ކަމާ ގުޅިގެން ޙޫޘީން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކުގެ އިތުރުން އެ ދެ ޤައުމަށް ނިސްބަތްވާ އުޅަނދުފަހަރަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.