ޚަބަރު

ތޫފާން ޝަންޝަނާ ގުޅިގެން ޖަޕާނުގެ އެތަކެއް މިލިޔަން ބަޔަކަށް ނުރައްކާ


ބާރުގަދަ ތޫފާނެއް ކަމުގައިވާ ޝަންޝަން ޖަޕާނުގެ ހުޅަނގުދެކުނުގައި އޮން ކްޔޫޝޫ ޕްރިފެކްޗަރގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން, ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް އެތަކެއް މިލިޔަން މީހުންނަށް އިރުޝާދު ދީފިއެވެ. ތޫފާނާ އެކު ވައިބާރުގެ ޖަޕާނުގެ ހުޅަނގުދެކުނުގައިވާ ރަށްތަކަށް މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގޮތުން, ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު, ވައިގެ އުދުހުންތަކަށް ވަނީ ބުރޫ އަރާފައެވެ. އަދި, ގިނަ ޢަދަދެއްގެ ކާރުޚާނާތައް ވަނީ ބަންދު ކުރަން ޖެހިފައެވެ.

ޝަންޝަނާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މިހާތަނަށް ތިން މީހުންގެ ފުރާނަ ގެއްލިފައިވާ ކަމުގައި ޖަޕާނުގެ އިދާރާތަކުން ހާމަ ކުރިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު, މިއީ ތާރީޚުގައި ވެސް އެ ސަރަޙައްދަށް އަރާފައިވާ އެންމެ ބާރުގަދަ އަދި ނުރައްކާތެރި ތޫފާނަށްވުމުގެ ފުރުޞަތު އޮތް ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަ ކުރިއެވެ. އަދި, ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް 5.2 މިލިޔަން މީހުންނަށް ވަނީ އިރުޝާދު ދީފައެވެ.

ތޫފާނާ ގުޅިގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޖަޕާނުގެ ކްޔޫޝޫގެ ރަށެއް ކަމުގައިވާ މިޔަޒަކީއަށެވެ. ތޫފާނާ އެކު ޖެހެމުންދާ ބާރު ވަޔާ އެކު އެ ރަށުގެ ގިނަ ޢަދަދެއްގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. ބައެއް އިމާރާތްތަކުގެ ކުޑަދޮރުތައް ހަލާކުވެ, ފާރުތައް ވެއްޓިފައެވެ. "އަހަރެންގެ އުމުރުން ހޭދަވި 31 އަހަރުގައި ވެސް މިހާ ވައިބާރުވި ދުވަހެއް ހަނދާނުގައި ނެތް،" އެ ރަށުގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ތޫފާން ޝަންޝަނާ ގުޅިގެން ގަޑިއަކު 180 ކިލޯމީޓަރަށް ވައި ބާރުވެފައިވާ ކަމުގައެވެ. ތޫފާން މި ވަގުތު އޮތީ ނަގަސަކީ ޕްރިފެކްޗަރގެ އުންޒެނާ ހިސާބުގައެވެ. އަދި, ގަޑިއަކު 15 ކިލޯމީޓަރުގެ ބާރުމިނުގައި ތޫފާން އުތުރުގެ ރަށްތަކާ ދިމާލަށް ދަތުރު ކުރަމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އަދި, ކުރިއަށް އޮތް ދަވަސްތަކުގައި ވެރިރަށް ތޯކްޔޯގެ އިތުރުން އެ ޤައުމުގެ މެދާއި އިރުމަތީގެ ރަށްތަކަށް ތޫފާން އަރާނެ ކަމަށް ވެސް އެ އިދާރާއިން ހާމަކުރިއެވެ.

ތޫފާނުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ގެއްލުންވެ, ހަތް ޕްރިފެކްޗަރެއްގެ 230,000 ގޭބީސީއަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައި ކްޔޫޝޫ އިލެކްޓްރިކް ޕަވަރ ކުންފުނިން ހާމަ ކުރިއެވެ. ނަމަވެސް, ތޫފާނާ ގުޅިގެން ސަތުސުމަސެންދައިގައި ހުންނަ ސެންދައި ނިއުކްލިޔަރ އިންޖީނުގެއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ.

ޖަޕާން ސަރުކާރުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮސިމަސަ ހަޔަސީ ވިދާޅުވީ, ތޫފާނާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި ތިން މީހަކު މަރުވެފައިވާއިރު, އިތުރު މީހަކު ގެއްލިގެން ހޯދަމުންދާ ކަމުގައެވެ. ޖަޕާނުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ, 45 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމުގައެވެ.

ތޫފާނާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ވައިގެ އުދުހުންތަކަށެވެ. ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ އޭއެންއޭ ހޯލްޑިންގްސާއި ޖަޕާން އެއަރލައިންސުން ބުނީ މިހާތަނަށް 800އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހިފައިވާ ކަމުގައެވެ. މީގެ އިތުރުން, ބަައެއް ސަރަޙައްދުތަކުގައި ބަހުގެ ޚިދުމަތް މެދުކަނޑައިލާފައިވާ ކަމުގައި އެ ޤައުމުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. މި މަހުގެ ކުރީކޮޅުގައި ވެސް ބާރުގަދަ ތޫފާނެއް ކަމުގައިވާ އަމްޕިރު އެ ޤައުމުގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނެއެވެ.