ޚަބަރު

އިންޑިޔާއާއި ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


އިންޑިޔާއާއި ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ފަށައިފިއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އިންޑިޔާގެ ހުޅަނގުގައި އޮތް ގުޖްރާޓް ސްޓޭޓަށެވެ. އެ ސްޓޭޓްގެ ރަށްތަކުގައި ފެންބޮޑުވެފައިވާއިރު, ކަރަންޓުގެ ޚިދުމަތް ދިނުމާށް ބޭނުން ކުރާ ވަސީލަތްތަކަށް ގެއްލުންވެ, އެތަކެއް ސަތޭކަ ބަޔަކަށް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 28އަށް އުފުލިފައިވާ ކަމުގައެވެ. އަދި, ގުޖްރާތްގެ އައްސޭރިފަށުގެ ރަށްތަކުގައި ދިރިއުޅޭ 18,000އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. ވިއްސާރައާ ގުޅިގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ގުޖްރާތުގެ ޖަމްނަގަރަށެވެ.

ފެންބޮޑުވުމާ ގުޅިގެން ޖަމްނަގަރުގައި ހުންނަ ރިލަޔަންސް ކުންފުނީގެ ތެޔޮ ސާފު ކުރާ ކާރުޚާނާއެއްގެ އިތުރުން ވާދިނާރުގައި ރަޝިޔާގެ ކުންފުންޏަކުން ހިންގާ ރޮސްނިޔެފްތް ކާރުޚާނާގެ މަސައްކަތްތަކަށް ވަނީ ބުރޫ އަރާފައެވެ. ފެންބޮޑުވެފައިވާ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އިންޑިޔާގެ އަސްކަރިއްޔާއިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގުޖްރާތުގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގެ ތެރޭގައި ބަހަރޫޗް, ކާޗް އަދި ސޯރާޝްޓްރާ ހިމެނެއެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނީ, އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހެމުން ދަނީ އެ ސަރަޙައްދުގައި އުފެދިފައިވާ އެޓްމޮސްފެރިކް ޑިޕްރެޝަނެއްގެ ސަބަބުން ކަމުގައެވެ. މި ވިއްސާރައިގެ އަސަރު ޕާކިސްތާނުގެ ދެެކުނުގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ރަށް, ކަރާޗީގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ޕާކިސްތާނުގެ ދެކުނު ސިންދް ޕުރޮވިންސުގެ އޮފިޝަލުން ބުނީ, ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އަދި, އިތުރު ސަރަޙައްދުތަކެއްގައި ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައެވެ. 2022ވަނަ އަހަރު ވެސް ކަރާޗީއަށް ބޮޑު ވިއްސާރައެއް ކުރިމަތިވެ, ބޮޑު ސަރަޙައްދުތަކެއްގައި ފެންބޮޑުވިއެވެ.