ޚަބަރު

އދގެ އުޅަނދަކަށް ޙަމަލާދިނުމުން ޣައްޒާގައި އެހީ ބެހުން ހުއްޓައިލައިފި


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އދން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލައިފިއެވެ. އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ, ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑައިލާފައި ވަނީ އެ އިދާރާގެ ދެ އުޅަނދަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޙަމަލާ ދިނުމާ ގުޅިގެން ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ސިފައިން އދގެ ދެ އުޅަނދަކަށް ޙަމަލާ ދީފައި ވަނީ ޣައްޒާގައި އެ މީހުން ޖަހާފައިވާ ޣައިރު ޤާނޫނީ ޗެކްޕޮއިންޓެއް ކައިރިންނެވެ. ޑަބްލިޔުއެފްޕީން ބުނީ, އދގެ އުޅަނދުތަކެއް ކަން ސާފުކޮށް ފެންނަ ގޮތަށް ލިޔެފައިވާ ދެ އުޅަނދު ވާދީ ޣައްޒާ ބުރިޖު ކައިރީގައި އޮންނަ ޔަހޫދީ ފައުޖުގެ ޗެކްޕޮއިންޓު ކައިރިން ދަތުރު ކުރަމުން ގޮސްފައި ވަނީ ޔަހޫދީ ފައުޖުގެ ހުއްދައާ އެކުގައި ކަމުގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން އުޅަނދުތަކުގައި ތިބި އދގެ މުވައްޒަފުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

"މިއީ, ޔަހޫދީ ފައުޖުން ޑަބްލިޔުއެފްޕީގެ އުޅަނދުތަކާއި މުވައްޒަފުންނަށް އަމާޒުކޮށް ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫން. ނަމަވެސް, މިއީ އަންގަން ޖެހޭ ހުރިހާ ފަރާތަކަށް އަންގައި, ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ޙަމަލާ ދިން ފުރަތަމަ ފަހަރު،" ޔަހޫދީ ފައުޖުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޑަބްލިޔުއެފްޕީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޔަހޫދީ ފައުޖުން ވަނީ, ޑަބްލިޔުއެފްޕީގެ އުޅަނދުތަކަށް ޙަމަލާދިން ކަމުގެ ޒިންމާ އުފުލަން ދެކޮޅު ހަދާފައެވެ. ނަމަވެސް, އެ ހާދިސާ ތަޙުޤީޤު ކުރަމުންދާ ކަމަށް ޔަހޫދީ ފައުޖުން ބުންޏެވެ. އޭޕްރިލް މަހުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ އެހީދޭ ޖަމުޢިއްޔާއަކަށް ނިސްބަތްވާ އުޅަނދުތަކެއް ހިމެނޭ ގާފިލާއަކަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދިޔަ ވަރލްޑް ސެންޓްރަލް ކިޗަންގެ ގާފިލާއަށް ތިން ފަހަރު ވައިގެ ޙަމަލާތައްދީ, ޔަހޫދީ ފައުޖުން ވަނީ އެ ޖަމުޢިއްޔާގެ ހަތް މުވައްޒަފުން ޝަހީދު ކޮށްލާފައެވެ.

އިންސާނީ އެހީތެރިކަމުގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާއިން ބުނީ, ޣައްޒާގެ އެކި ކަންކޮޅުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކާ ގުޅިގެން އެ ސަހަރުގައި ހައިހޫނުގައި ޖައްސާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އިނގިރޭސިވިލާތާއި ސްވިޓްޒަލެންޑުން ވަނީ ގޮވައިލާފައެވެ.

"ޣައްޒާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޕޯލިޔޯ ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ބޭނުންވެފައިވާ ދަނޑިވަޅުގައި ޣައްޒާގައި އިންސާނިއްޔަތަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ހަރަކާތްތެރިވާ މުވައްޒަފުންގެ ފުރާނައަށް ނުރައްކާ ކުރަމުންދާ ކަމުގެ އިންޒާރު އދން ވަނީ ދީފައި،" އިނގިރޭސިވިލާތުން އދއަށް ކަނޑައަޅާފައި ހުންނަ މިޝަނުން ބުންޏެވެ.

ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕޯލިޔޯ ޣައްޒާގައި ފެތުރެން ފެށުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ދަނީ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ކެމްޕޭނުގެ ދަށުން 640,000 ކުޑަކުދިންނަށް ވެކްސިން ޖަހައިދޭން ނިންމާފައިވާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. ޕޯލިޔޯޯ ޖެހިފައިވާ 10 މަހުގެ ތުއްތު ކުއްޖަކު ޣައްޒާއިން ފެނިފައި މި ވަނީ 25 އަހަރަށް ފަހުންނެވެ.

ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރުކޮށް ވަރުގަދަ ކުރަން ޔަހޫދީ ފަޖުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 68އަށް އަރައެވެ. އަދި, އިތުރު 77 މީހަކު ވަނީ ޒަޚަމު ކޮށްލާފައެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,602އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,855އަށް އުފުލިފައެވެ.