ލުބްނާންގައި އދގެ ސުލްޙަ ބަލަހައްޓާ ސިފައިން ހަރަކާތްތެރިވާ މުއްދަތު އިތުރު ކުރަން އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. އެ ކަމާ މެދު ނެގި ވޯޓަށް ފުރިހަމަ އަޣުލަބިއްޔަތު ލިބިފައިވީ ނަމަވެސް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ މަޤުޞަދާއި މަސްއޫލިއްޔަތުތައް އިސްލާޙު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ މައިގަނޑު މަސްއޫލިއްޔަތަކީ ލުބްނާނާއި ޒަޔަނިސްޓު ދަޢުލަތާ ގުޅޭ ސަރަޙައްދީ ރޮނގުގެ އަމަންއަމާން ކަން ދެމެހެއްޓުމުގައެވެ.
އދއިން ލުބްނާނަށް ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވާފައި ވަނީ 1978ވަނަ އަހަރުއެވެ. އެ ފައުޖުގެ މަޤުޞަދާއި މަސްއޫލިއްޔަތުތަކުގެ އިތުރުން ލުބްނާންގައި ހަރަކާތްތެރިވާނެ މުއްދަތު އދގެ ސަލާމަތީ މަޖިލީހުން އަހަރަކު އެއް ފަހަރު މުރާޖަޢާ ކުރެއެވެ. އެ ފައުޖުން ލުބްނާންގައި ހަރަކާތްތެރިވާ މުއްދަތު އިތުރު ކުރަން ފާސްކޮށްފައި މި ވަނީ, އެ ކަމުގެ މުއްދަތު އޮގަސްޓު 31ވަނަ ދުވަހު ހަމަވާން ގާތްވުމާ ގުޅިގެންނެވެ.
"މިއަދު ނަގާފައިވާ ވޯޓުގެ ނަތީޖާއިން ހާމަވެގެން ދިޔައީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަސްލަޙަތު ލުބްނާނާ ގުޅިފައި އޮތް ކަން. އެއީ, ސުލްޙައާއި ހަމަޖެހުމަށް ސަލާމަތީ މަޖިލީހުގެ މެންބަރުން ދީފައިވާ ވޯޓެއް. އަދި, ހަނގުރާމައާއި ހަމަނުޖެހުމާ ދެކޮޅު, ސުލްޙަ އިސްކުރާ ލުބްނާންގެ ރައްޔިތުންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ އަމަލެއް،" ލުބްނާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ހާދީ ހާޝިމް ވިދާޅުވިއެވެ.
އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން ލުބްނާންގައި ހަރަކާތްތެރިވަމުންދާ މުއްދަތު ދަންމައިލަން ސަލާމަތީ މަޖިލީހުން ފާސް ކޮށްފައި މި ވަނީ, ލުބްނާނާއި ޒަޔަނިސްޓުންގެ ދަޢުލަތާ ދެމެދު ބޮޑު ނުތަނަވަސް ކަމެއް އުފެދި, ދެ ފަރާތުގެ މެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ލުބްނާންގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ.
މަސްރަޙު އިތުރަށް ހޫނުވެގެން ދިޔައީ, ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮންއަޅައި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ޙިޒްބުاللهން ވަނީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ އަސްކަރީ ޑްރޯނާއި ކަތުޔޫޝާ މަރުކާގެ 320 ރޮކެޓު ބޭނުން ކޮށްފައިވެއެވެ.
2006ވަނަ އަހަރު އދގެ ސަލާމަތީ މަޖިލީހުން ވަނީ ލުބްނާންގައި ހަރަކާތްތެރިވާ ސުލްޙަ ބަލަހައްޓާ ފައުޖުގެ މަސްއޫލިއްޔަތުތައް އިތުރަށް ފުޅާ ކޮށްފައެވެ. އަދި, އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަތިޔާރު ހޯދަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ޒިންމާ މަތި ކޮށްފައެވެ. އެ ނިންމުމާ ގުޅިގެން ލުބްނާންގެ އަސްކަރިއްޔާއާއި ޙިޒްބުاللهގެ މުޖާހިދުންނާ ދެމެދު ނުތަނަވަސް ކަމެއް އުފެދުނެވެ.
ލުބްނާންގެ ދެކުނުގައިވާ ސަރަޙައްދުތަކުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް, އެ ސަރަޙައްދުގެ ފުރިހަމަ ބާރު އޮތީ ޙިޒްބުاللهގެ މުޖާހިދުންގެ އަތުގައެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން އެމެރިކާއިން ބޭނުން ވަނީ ޙިޒްބުاللهއަށް ފިއްތުންތައް ކުރިމަތި ކުރުމަށެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން ޙިޒްބުاللهން ޒަޔަނިސްޓު ދަޢުލަތުގެ އުތުރުގެ ރަށްތަކަށް ދެމުންދާ ނުރައްކާތެރި އަދި ވަރުގަދަ ޙަމަލާތަކުގައި ޔަހޫދީންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޙިޒްބުاللهގެ ޙަމަލާތައް ދިފާޢު ކުރަން ޔަހޫދީ ފައުޖު ނުކުޅެދިފައިވާއިރު, އިސްރާއީލުގެ އުތުރުގައިވާ ރަށްތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހި, ޔަހޫދީންގެ އިޤުތީޞާދަށް ވެސް ވަނީ އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަން ފަށާފައެވެ.