ޚަބަރު

ޙަމާސުން ރަހީނު ކުރި ޔަހޫދީ ސިފައިންގެ މީހެއްގެ ހަށިގަނޑު ހޯދައިފި


ޔަހޫދީންގެ އަޅުވެތި ކަމަށް ކެތް ނުކުރެވިގެން, ދެކޮޅު ހެދުމުގެ ގޮތުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު ދަޢުލަތަށް ދިން ކުއްލި ޙަމަލާގެ ތެރެއިން ރަހީނު ކުރި ޔަހޫދީ ސިފައިންގެ މީހެއްގެ ހަށިގަނޑު ހޯދައިފިއެވެ. ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުން ބުނީ, ޔަހޫދީ ސިފައިންގެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ކަމުގައެވެ. އަދި, އޭނާގެ ހަށިގަނޑު މިހާރު އިސްރާއީލަށް ގެންގޮސްފައިވާ ކަމުގައެވެ.

ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ ޢާންމުންގެ މީހަކު ވެސް ހޯދައި, ސަލާމަތް ކޮށްފައެވެ. ބަދަވީ ދަރިކޮޅަށް ނިސްބަތްވާ 52 އަހަރުގެ ޤާޔިދު ފަރްޙާން އަލް-ޤާޟީ ފެނިފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއްގައި ބިނާ ކޮށްފައިވާ ބިންގަރާހެއްގެ ތެރެއިންނެވެ.

ރަހީނު ކޮށްފައިވާ އަސީރުންނަށް ޙަމާސްގެ މުޖާޙިދުން އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދެމުންދާ ކަމަށް ޔަހޫދީން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް, އަލް-ޤާޟީ ހަސްފަތާލަށް ގެންގޮސް ހަދާފައިވާ ތަހްލީލުތަކުން, އޭނާއަށް އެއްވެސް އަނިޔާތަކެއް ދީފައިވާ ކަން ކަށަވަރު ކުރެވިފައެއް ނެތެވެ. އަދި, އޭނާގެ ޞިއްޙީ ހާލު ރަނގަޅު ކަމުގައި ޑޮކްޓަރުން ވެސް ހާމަކޮށްފައިވެއެވެ.

ޙަމާސްގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފަށާފައެވެ. އެ ޢުދުވާނުގެ މައިގަނޑު މަޤުޞަދަކީ ޙަމާސް ޖަމާޢަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތް ނެތިކޮށްލައި, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިިނިވަން ކުރުން ކަމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެއެވެ. ނަމަވެސް, މިއީ އިސްރާއީލުގެ ޢާންމު ރައްޔިތުން ވެސް ގަބޫލު ކުރާ ސަބަބުތަކެއް އަދި ބަހަނާތަކެއް ނޫނެވެ.

ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ޢާއިލާތަކުގެ މެންބަރުން ހިމެނޭ ހޮސްޓޭޖް ފެމިލީސް ފޯރަމުން ބުނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާންތަކެއް ހިންގައިގެން ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި 100އެއްހާ އަސީރުން މިނިވަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމުގައެވެ. އަދި, ޢުދުވާންތައް ވަގުތުން ހުއްޓައިލަން އެއްބަސްވާން އެ ޖަމުޢިއްޔާއިން ވަނީ ބިރުބަވެރި ނަތަންޔާހޫއަށް ގޮވައިލާފައެވެ.

"މި ކަމަށް އޮތް ހަމައެކަނި ޙައްލަކީ އެއްބަސްވުމެއް އެކުލަވައިލުން. މިހާރު ހުށަހަޅާފައިވާ އެއްބަސްވުމަށް ރުހުން ދޭން ޙަމާސް ޖަމާޢަތަށް ވެސް ބާރު އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަޅުގަނޑުމެން ގޮވައިލަން. ޢުދުވާން ހިންގައިގެން ބާކީ ތިބި އަސީރުން މިނިވަނެއް ނުކުރެވޭނެ،" އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޣައްޒާ ޢުދުވާން ހިންގުމުގެ ޙަޤީޤީ މަޤުޞަދަކީ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމް އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށް ނެތިކޮށްލުން ކަން މުޅި ދުނިޔެ ވެސް ޤަބޫލު ކުރެއެވެ. އެ ޢުދުވާން ހުއްޓައިލަން ގޮވައިލައި އިސްރާއީލުގެ ރައްޔިތުން ވެސް ދަނީ އަޑު އުފުލަމުންނެވެ. ޢުދުވާނާއި އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަދި, އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޢުދުވާންތައް ހުއްޓައިލުމަށް ހައްދުފަހަނަ އެޅި ނަތަންޔާހޫ ދެކޮޅު ހަދަމުން ދަނީ ސިޔާސީ ބޭނުންތަކެއްގައި ކަމުގައެވެ. އޭގެ ތެރޭގައި އޭނާގެ ސިޔާސީ ހަޔާތް ކުރިއެރުވުމާއި, ވެރިކަމުގައި ދެމިހުރުން ހިމެނެއެވެ. ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމުގެ ކުރިން ނަތަންޔާހޫ ޣައްޒާ ޢުދުވާންް ހުއްޓައިނުލާނެ ކަމަށް ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އެއް ސަބަބަކީ, އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެމެރިކާގެ ވެރިކަން ލިބިއްޖެ ނަމަ ޔަހޫދީންނަށް އިތުރު އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ދެކުމެވެ. އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އައު ދައުރަކަށް ޓްރަމްޕް އިންތިޚާބުވެއްޖެ ނަމަ, އެމެރިކާއާއި ޔަހޫދީންނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ނިރުބަވެރި ނަތަންޔާހޫ ޤަބޫލު ކުރާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އަދި ބައިވެރިއަކީ އެމެރިކާއެވެ. އަދި, ރައީސް ޖޯ ބައިޑަނެވެ. މުސްލިމުންގެ ގެދޮރާއި ހަސްފަތާލުތަކަށް އަމާޒުކޮށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޮނުވަމުންދާ ނުރައްކާތެރި ހަތިޔާރުތަކެވެ. އަދި, ޢުދުވާންތައް މެދުކެނޑުނަ ނުދިނުމަށް އެމެރިކާއިން ދަނީ އެއްވެސް ހިފެހެއްޓުމަށް ނެތި ޔަހޫދީންނަށް ފަނާކުރަނިވި ހަތިޔާރު ފޯރު ކޮށްދެމުންނެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,602އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,855އަށް އުފުލިފައެވެ.