ފަލަސްޠީނުގެ ޣައްޒާގައި ނުރައްކާތެރި ޕޯލިޔޯ ބަލި ޖައްސާ ވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި, އެ ސަހަރުގެ 2.3 މިލިލަން މީހުން މިއަދު ތިބީ ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ފެށުމުގެ ކުރިން ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލާނެ ކަމުގެ އުންމީދުގައެވެ. ޣައްޒާގައި ޕޯލިޔޯ ޖައްސާ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ކޮށްފައި ވަނީ ހުސްވި ޖުލައި މަހެވެ.
ޣައްޒާގައި ޕޯލިޔޯ ޖައްސާ ނުރައްކާތެރި ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޣައްޒާގެ ޞިއްޙީ ނިޒާމާއި, ސާފު ބޯފެން ލިބުމާއި ނަރުދަނާ ނިޒާމު ސުންނާފަތި ކޮށްލުމާ ގުޅިގެންނެވެ. އެ ނުރައްކާތެރި ބަލި ޖެހިފައިވާ 12 މަހުގެ ތުއްތު ކުއްޖަކު ޣައްޒާގެ ދަޔިރް އަލް-ބަލަޙުން ފެނިފައި ވަނީ އޮގަސްޓު 23ވަނަ ދުވަހުއެވެ. މިއީ, ފާއިތުވި 25 އަހަރުގެ ތެރޭގައި ޣައްޒާއިން މި ބަލީގެ ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.
ޕޯލިޔޯ ޖެހިފައިވާ ތުއްތު ކުއްޖަކު ފެނުމާ އެކު އދން ވަނީ ޣައްޒާގެ ކުޑަކުދިންނަށް އަމާޒު ކޮށްގެން ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ފެށުމަށް ނިންމާފައެވެ. އެ ކެމްޕޭން ފެށުމުގެ ތައްޔާރީތައް ކުރަމުންދާއިރު, ޑަބްލިޔުއެޗްއޯން ބުނީ ޣައްޒާގައި ދިރިއުޅޭ 640,000 ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާ ކަމުގައެވެ. އަދި, އދން ވަަނީ އެ ކެމްޕޭން ހިންގުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން މެދުކަނޑައިލަން ގޮވައިލާފައެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ގެ ތަރުޖަމާނު ޖޫލިޔެޓް ތޫމާ ވިދާޅުވީ މި ފެށޭ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހު ވެކްސިން ކެމްޕޭން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އެއީ, 25 އަހަރަށް ފަހު ޣައްޒާއިން ޕޯލިޔޯ ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވުނު ފުރަތަމަ ކުއްޖާ ކަމުގައިވާ ޢަބްދުއްރަޙްމާން އަބޫ އަލް-ޖަދިޔާނަށް އެއް އަހަރު ފުރޭނެ ދުވަހެވެ.
"އަޅުގަނޑުގެ ދަރިފުޅަށް އެ ބަލި ޖެހިފައިވާ ކަމުގެ ޚަބަރާ އެކު ކުއްލި ސިހުމެއް ލިބުނު. ހަނގުރާމައިގެ ތެރޭގައި, ފުރަބަންދުގެ ތެރޭގައި, މި ހާލަތުގެ މެދުގައި, އެއްވެސް ބޭހެއް ވެސް ނެތް, މުޅިން ހާސްކަމާއި ސިހުން. އެއީ އަޅުގަނޑުގެ ތުއްތު ދަރިފުޅު. ފަރުވާ ލިބުމަކީ އޭނާގެ ޙައްޤެއް. ހިނގައިބިނގައިވެ އުޅުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއް. އެ ގޮތަށް ފޭލިގެއްގެ ތެރޭގައި އޮންނަން ޖެހުމަކީ އިންސާފެއް ނޫން،" އެ ކުއްޖާގެ މަންމަ ނީފީން އަބޫ އަލް-ޖަދިޔާން ބުންޏެވެ.
ޣައްޒާގެ އާބާދީގައި ހިމެނޭ ގިނަ ޢަދަދެއްގެ ތުއްތު ކުދިންނާއި ކުޑަކުދިން މި ވަގުތު ވަނީ ޕޯލިޔޯގެ ނުރައްކާތެރި ކަމަށް ހުށަހެޅިފައެވެ. އެއް ސަބަބަކީ, ޔަހޫދީ ފައުޖުގެ ހަރުކަށި ފުރަބަންދާ އެކު އެ ކުދިންނަށް ފައިދާހުރި ކާނާ ނުލިބުމެވެ. އަދި, މެލްނިއުޓްރިޝަން ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތައް ޢާންމުވުމެވެ. ޣައްޒާގެ ހުރިހާ ތުއްތު ކުދިންގެ މައިން މި ވަގުތު އިންތިޒާރު ކުރަމުން ދަނީ އެ ކުދިންނަށް ވެކްސިން ޖަހައިދެވޭނެ ދުވަހަކަށެވެ. އަދި, އެ ކުދިންގެ ފުރާނަ ސަލާމަތް ކުރެވޭނެ އަލި މަގަކަށެވެ.
ޣައްޒާގެ ތުއްތު ކުދިންނަށް މި ނުރައްކާތެރި ހާލަތު މެދުވެރިވެފައިވީ ނަމަވެސް, ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ޢުދުވާންތައް ހުއްޓައިލަން ދެކޮޅު ހަދަމުންނެވެ. އޭނާ ބުނީ, ވެކްސިން ޖަހައިދޭށޭ ކިޔާފައި ޢުދުވާންތަކާއި ގަތުލުއާންމުތައް ހުއްޓައިލެވެން ނެތް ކަމުގައެވެ. އެހެން ބުނުމަށް ފަހު, އޭނާ ވަނީ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާ ކޮށްފައެެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ބަސްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒަތު އަލް-ރަޝަޤު ވިދާޅުވީ, އެ ސަހަރުގެ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް އދން ހިންގާ ކެމްޕޭނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރު ކޮށްދޭނެ ކަމުގައެވެ. އަދި, އެ ކެމްޕޭނަށް ހުރަސް އަޅަން އަނިޔާވެރި ނަތަންޔާހޫ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ޢުދުވާން ފުޅާ ކުރުމުގެ ގޮތުން ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަހަރަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ 68 މީހުން ޝަހީދު ކޮށްލާފައެވެ. އަދި 77 މީހުން ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން, ޚާން ޔޫނިސްގައި ފޭލިގެތަކުގައި ދިރިއުޅޭ ރެފިއުޖީންނަށް އަމާޒުކޮށް ދިން ޙަމަލާތަކެއްގައި ފަސް މީހުން ޝަހީދު ކޮށްލައި ޑަޒަނަކަށް ވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,602އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,855އަށް އުފުލިފައެވެ.