ޚަބަރު

ޔަހޫދީ ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ވިލާތުގެ އިއްތިހާދުން މަޝްވަރާ ކުރަނީ


ފަލަސްޠީނުގެ މުސްލިމުންނާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރަމުންދާ ޔަހޫދީންގެ ހައްދުފަހަނަ އެޅި ވަޒީރުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެފް ބޮރެއި ހުށަހަޅުއްވައިފިއެވެ. ވަކި ޤައުމެއްގެ ބަޔަކާ މެދު ނަފުރަތު އުފެއްދުމުގެ ގޮތުން ވާހަކަތައް ފެތުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީންގެ ބަޔެއް ވަޒީރުން ހިންގަމުންދާ ދަށުދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ބޮރެއި ވިދާޅުވީ, ފަލަސްޠީނުގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ފަތުރަމުންދާ ޒަޔަނިސްޓު ދަޢުލަތުގެ ވަޒީރުންގެ ނަންތައް އީޔޫން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ލިސްޓުގައި ހިމެނުމާ މެދު އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުން ދެކޭ ގޮތް ބެލުމަށް ހުށަހަޅުއްވާފައިވާނެ ކަމުގައެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފައްދަން މަސައްކަތް ކުރަމުން ދަނީ ޔަހޫދީންގެ ކޮން ވަޒީރުންނެއް ކަން ބޮރެއި ހާމައެއް ނުކުރައްވައެވެ. ނަމަވެސް, ދާދި ފަހުން އޭނާ ވަނީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރާއި ނިރުބަވެރި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުޓްރިޗަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. ބޮރެއި ވިދާޅުވީ, ފަލަސްޠީނުގެ މުސްލިމުންނާ މެދު ނަފުރަތު އުފައްދައި, ހަނގުރާމައިގެ ކުށްތައް ހިންގުމަށް ހިތްވަރުދޭ މެސެޖުތައް އެ ދެ މީހުން ފަތުރަމުންދާ ކަމުގައެވެ. އަދި, އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމުގައެވެ.

ފަލަސްޠީނުގެ މުސްލިމުންނާ މެދު ނަފުރަތު އުފައްދައި, އެ މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގުމަށް ހިތްވަރު ދިނުމުގެ މައްސަލަ ބޮރެއި ވިލާތުގެ އިއްތިހާދުގެ މެންބަރު ޤައުމުތަކަށް ހުށަހެޅުއްވި ނަމަވެސް, އެ ކަމަށް މާ ބޮޑު ތަރުހީބެއް އަދި އަހަންމިއްޔަތު ކަމެއް ލިބޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ. އެއް ސަބަބަކީ, ވިލާތުގެ އިއްތިހާދުގެ މެންބަރުންގެ ގޮތުގައި ހިމެނޭ ގިނަ ޤައުމުތަކަކީ ޔަހޫދީންގެ މަދަދުގާރުން ކަމުގައިވުމެވެ. ކަމާ ގުޅޭ މާހިރުން ބުނީ, ޔަހޫދީންގެ ހައްދުފަހަނަ އެޅި ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ވިލާތުގެ އިއްތިހާދުގެ 27 މެންބަރުންގެ ތާޢީދު ލިބޭނެ ކަމަށް ނުދެކޭ ކަމުގައެވެ.

ނަމަވެސް, އަޔަލެންޑުން ވަނީ ބޮރެއިގެ ހުށަހެޅުމަށް ތާޢީދު ކުރާނެ ކަން ހާމަ ކޮށްފައެވެ. އެއީ, ވިލާތުގެ އިއްތިހާދުގެ މެންބަރު ޤައުމުތަކުގެ ތެރެއިން ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށާއި, ފަލަސްޠީނުގެ މިނިވަން ކަމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރަމުންދާ ޤައުމެވެ.

"ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން މަސައްކަތް ކުރަމުންދާ މީހުންނާއި އެ ކަަމަށް އެއްބާރުލުން ދޭ މީޙުންނާ ދެކޮޅަށް, އަދި އިސްރާއީލުގެ މިނިސްޓަރުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން ބޮރެއި ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އަޅުގަނޑުމެން ފުރިހަމައަށް ތާޢީދު ކުރާ ނަން،" އަޔަލެންޑުގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވިއެވެ.

މި ކަމާ މެދު ބޮރެއި ކަންބޮޑުވުން ފާޅު ކުރައްވައި, މަޝްވަރާތަކެއް ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެއެވެ. އަދި, ޔަހޫދީންގެ ނިރުބަވެރި ވަޒީރުންނާ މެދު އީޔޫގެ އަދި ވިލާތުގެ ޤައުމުތަކުގެ ބައެއް އިސް ބޭފުޅުން ދެކޭ ގޮތާއި, ޔަހޫދީ ވަޒީރުންގެ އަމަލުތަކާ ދެކޮޅަށް އުފެދިފައިވާ ރުޅިވެރި ކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.