ޚަބަރު

ހުޅުމާލޭގައި 15 ޕާކިން ޢިމާރާތް ތަރައްޤީކުރުމަށް ހުޅުވާލާއިފި


  • ޕާކިން ބިލްޑިން ތަރައްޤީކުރަނީ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގައާއެކު

  • މިމަސައްކަތް ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ވިދާޅުވޭ

ހުޅުމާލޭގައި 15 ޕާކިން ޢިމާރާތް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، ޕާކިން ބިލްޑިންތަކަކީ ހުޅުމާލޭގައި އޮތް ޕާކިންގ މައްސަލައަށް ޙައްލު ހޯދުމަށާއި، އުޅަނދުތައް ރައްކަތެރިކޮށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށެވެ. އެޗްޑީސީން ވިދާޅުވީ ޕާކިން ޢިމާރާތްތަކުގައި ވިޔަފާރި އުސޫލުން ދޫކުރާ ޔުނިޓުތައްވެސް ހިމެނޭނެކަމަށެވެ. އަދި އެހެނިހެން މޮޑެލްތަކަށްވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. އެހެންނަމަވެސް މަޝްރޫޢު ދޫކުރުމުގައި އިސްކަންދޭނީ އިންޖިނިއަރިން ޕްރޮކިއުމަންޓް ކޮންސްޓްރަކްޝަން އަދި ފައިނޭސް މޮޑެލަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަންފާޅުކޮށްފައިވާނަމަ މަޝްރޫޢު ދިނުމުގައި އިސްކަންދޭނީ އެންމެ ރަނގަޅު ޕްރޮޕޯސަލް ބެލުމަށްފަހުކަމަށެވެ. މިމަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާއިހަމައަށް ވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ 15 ޕާކިން ޢިމާރާތަކީ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގައިގެ ޕާކިން ޢިމާރާތްތަކެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިތަންތަނުން ޕާކިންއަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީކުރާ އުސޫލުންނެވެ. ވިޔަފާރި އުސޫލުން ތަރައްޤީކުރާ ޕާކިން ޢިމާރާތްތަކުގެ މަސައްކަތް ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމާއި، އުޅަނދުތަކުގެ ޢުމުރު ކަނޑައެޅުމާއި، ޕާކިންއަށް ޚާއްސަ ސަރަޙައްދުތައް ކަނޑައެޅުން ހިމެނެއެވެ.