ރަޝިޔާއިން ދެމުންދިޔަ ވައިގެ ޙަމަލާތަކެއް ދިފާޢު ކުރަން މަސައްކަތް ކުރަމުން ދިޔަ ޔޫކްރެއިންގެ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި, އޭގެ ޕައިލެޓު މަރުވެއްޖެއެވެ. އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ނޭޓޯގެ މެންބަރު ޤައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭން ފަށާފައި ވަނީ ދާދި ފަހުންނެވެ. އަދި, ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުން އެ މަރުކާގެ މަތިންދާބޯޓުތައް ބޭނުން ކުރަން ފަށާފައި ވަނީ މި މަހުގެ ކުރީކޮޅެވެ. މިއީ, ޔޫކްރެއިންގެ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ފުރަަތަމަ ފަހަރެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ, އެ މަތިންދާބޯޓު ވެއްޓިފައި ވަނީ ކްރޫޒް މިސައިލްތަކެއް ބޭނުން ކޮށްގެން ރަޝިޔާއިން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކެއް ދިފާޢު ކުރަން އުޅުމުގެ ތެރޭގައި ކަމުގައެވެ. އަދި, އުޅަނދު ވެއްޓުމުގެ ކުރިން, ޙަމަލާގައި ރަޝިޔާއިން ބޭނުން ކުރި ހަތަރު ކްރޫޒް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައެވެ. ޔޫކްރެއިންގެ ވެރިރަށް ކީވާއި ބޮޑެތި ރަށްތަކަށް ޙަމަލާ ދޭން ރަޝިޔާއިން ވަނީ 200އެއްހާ މިސައިލާއި ޑްރޯން ބޭނުން ކޮށްފައެވެ.
އެމެރިކާގެ ދިފާޢީ އިދާރާގެ އޮފިޝަލުން ބުނީ, ޔޫކްރެއިންގެ އަސްކަރީ މަތިންދާބޯޓު ވެއްޓިފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާއިން އެ ބޯޓަށް އަމާޒުކޮށް ދީފައިވާ ޙަމަލާއެއްގެ ސަބަބުން ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި, ބޯޓު ވެއްޓިފައި ވަނީ ޔޫކްރެއިންގެ ޕައިލެޓަށް ގޯހެއް ހެދިގެން, ނުވަތަ މެކޭނިކަލް މައްސަލައެއް ކުރިމަތިވެގެން ކަމަށް ބެލެވޭ ކަމުގައެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުން ޔޫކްރެއިނަށް މިހާތަނަށް ފޯރުކޮށްދީފައި ވަނީ އެ މަރުކާގެ ކިތައް މަތިންދާބޯޓު ކަން ސާފެއް ނޫނެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, އެފް-16 މަރުކާގެ މަތިންދާބޯޓު ބޭނުން ކުރުމުގެ ތަމްރީނު ފުރިހަމަ ކޮށްފައިވާ ޕައިލެޓުންގެ ޢަދަދު އެ ޤައުމުގައި މަދު ކަމުގައެވެ. އަދި, ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލައި ކާމިޔާބީ ހޯދަން ބޭނުންވާ މިންވަރަށް އެ ޤައުމުގެ އަސްކަރިއްޔާގައި އެ މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ނެތް ކަމުގައެވެ. އެފް-16އަކީ އެމެރިކާގައި އުފައްދާ ފަހުގެ ޒަމާނީ އަސްކަރީ މަތިންދާބޯޓެކެވެ.
ޒެލެންސްކީ ވަނީ, އެފް-16 މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި ޕައިލެޓު, އޮލެކްސީ މެސްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. "އޮލެކްސީ މަރުވީ ރަޝިޔާގެ ނުރައްކާތެރި މިސައިލްތަކުގެ ކިބައިން ޔޫކްރެއިންގެ ރައްޔިތުން ސަލާމަތް ކުރުމަށް ހިތްވަރާ އެކު ހަނގުރާމަ ކުރަމުން ދަނިކޮށް،" ޒެލެންސްކީ ވިދާޅުވިއެވެ.
އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ލިބުމުގެ ކުރިން ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން ގޮސްފައި ވަނީ ކުރީގެ ރޫސީވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ދުވަސްވެފައިވާ އަސްކަރީ މަތިންދާބޯޓުތަކެވެ. ނޭޓޯއިން މިހާތަނަށް ފޯރުކޮށްދީފައިވާ މަދު ޢަދަދެއްގެ އެފް-16 މަރުކާގެ މަތިންދާބޯޓުތައް ބޭނުން ކޮށްގެން އެ ޤައުމަށް ހަނގުރާމައިގެ އޮއިވަރު ބަދަލު ކޮށްލެވޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ނަމަވެސް, ދާދިފަހުން ޔޫކްރެއިންގެ ލަޝްކަރަކުން ވަނީ ރަޝިޔާގެ ހުޅަނގު ކޫރްކްސް ސަރަޙައްދަށް ސިފައިން ފޮނުވައި ރަޝިޔާއަށް ސިހުން ގެނުވި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ކޫރްސްކަށް އެރި ޔޫކްރެއިންގެ ފައުޖުން ދަނީ އެ ސަރަޙައްދުގެ ރަށްތަކާއި އަަވަށްތަކަށް އަތްގަދަ ކުރަމުންނެވެ. މި ގޮތުން, 100އެއްހާ އަވަށާ އެކު, އެ ސަރަޙައްދުން 1,200 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައި ޔޫކްރެއިނުން ބުންޏެވެ.