ނިއު ޒިލެންޑަށް ހުޅަނގުގެ ދޮން ނަސްލުގެ މީހުން ވެރިވެގަތުމުގެ ކުރިން ސުރެން އެ ޤައުމުގައި ދިރިއުޅެމުން ދިޔަ އަސްލު މައޮރީ ދަރިކޮޅުގެ މީހުންގެ ރަސްގެފާނު ޓޫހެއިޓިޔަ ޕޯތަތައު ތެ ފެރޮފެރޮ ހަތްވަނަ އަަވަހާރަވެއްޖެއެވެ. ރަސްގެފާނު ޓޫހެއިޓިޔަ އަވަހާރަވެފައި ވަނީ ހިތުގެ ބަލީގެ ސަރޖަރީއަކަށް ފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުން 69 އަހަރުގައެވެ. އޭނާ އަވަހާރަވީ މައޮރީ ދަރިކޮޅުގެ ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގެންނެވިތާ 18 އަހަރު ފަހުންނެވެ.
މައޮރީ ދަރިކޮޅުގެ ރަސްކަމާ ޓޫހެއިޓިޔަ ހަވާލުވެ ވަޑައިގަތީ, މަންމާފުޅު އަދި ރާނީ ދައެމް ތެ އަތައިރަނގުކާހޫ އަވަހާރަވުމާ ގުޅިގެން 2006ވަނަ އަހަރުއެވެ. ރަސްކަމުގެ މަޤާމަކީ ރަމްޒީ މަޤާމެއް ނަމަވެސް, އެއީ ނިއު ޒިލެންޑުގެ އަސްލު ދަރިކޮޅުތަކުގެ މީހުން އެއްބައިވަންތަކޮށް, ހުޅަނގުގެ ދޮން މީހުންގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އެކުލަވައިލި ކިންގީތަންގާ ނުވަތަ ކިންގ މޫވްމަންޓް ހަރަކާތުގެ އެންމެ އިސްވެރިޔާއެވެ.
ރަސްގެފާނު ޓޫހެއިޓިޔަ އަވަހާރަވުމާ ގުޅިގެން ނިއު ޒިލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޮން ވަނީ މައޮރީ ދަރިކޮޅުގެ މީހުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. "ރަސްގެފާނު ޓޫހެއިޓިޔައަކީ ކިންގީތަންގާ ހަރަކާތުގެ ސަގާފަތާއި އާދަކާދަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް،" ލަކްސޮން ވިދާޅުވިއެވެ. ރަސްގެފާނު ޓޫހެއިޓިޔަ އަވަހާރަވުމުން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ވެސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
ރަސްގެފާނު ޓޫހެއިޓިޔަ އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ނިއު ޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަސިންދާ އާޑަރން ވިދާޅުވީ ރަސްގެފާނު ޓޫހެއިޓިޔައަކީ މައޮރީ ދަރިކޮޅުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް, ހަމަހަމަ ކަމާއި އިންސާފު ދަމަހައްޓަކައި, ތަރައްޤީ ގެނެސް ދިޔުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ލާމަސީލު ބޭފުޅެއް ކަމުގައެވެ. ރަސްގެފާނު ޓޫހެއިޓިޔަ ފަސްދާނުލާން ހަމަޖެހިފައި ވަނީ އޭނާގެ އުފަން ރަށުގައެވެ. އޭނާގެ ޖަނާޒާ ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމުގައި ނިއު ޒިލެންޑުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.