ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީން ފައުޖުން ހުޅަނގު އައްސޭރިއަށް އަރައި ޢުދުވާން ހިންގަން ފަށާފައި ވަނީ މީގެ ތިން ދުވަސް ކުރިން އޮގަސްޓު 28ވަނަ ދުވަހުއެވެ.
ހުޅަނގު އައްސޭރީގެ ޖިނީންގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ޝަހީދު ކޮށްލާފައި ވަނީ ވަސީމް ޙާޒިމެވެ. އޭނާއަކީ, ޖިނީންގައި ހަރަކާތްތެރިވާ ޙަމާސްގެ މުޖާހިދުންގެ އިސް ކޮމާންޑަރު ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ. ޙާޒިމް ޝަހީދު ކޮށްލަން އޭނާ ދަތުރު ކުރަމުން ދިޔަ ކާރަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ޑްރޯން ޙަމަލާގައި ޙަމާސްގެ އިތުރު ދެ މުޖާހިދުން ޝަހީދުވިއެވެ. ޙަމާސުން ވަނީ ޝަހީދު ކޮށްލާފައިވާ ތިން މުޖާހިދުންނަކީ އެ ޖަމާޢަތުގެ އަލް-ޤައްސާމް ބްރިގޭޑްސްގެ މެންބަރުން ކަން ކަށަވަރު ކޮށްދީފައެވެ.
މަންޒަރު ފެނުނު މީހުން ބުނީ, ޔަހޫދީންގެ އަސްކަރީ ޑްރޯނަކުން ޙަމާސްގެ ތިން މެންބަރުން ޝަހީދު ކޮށްލަން ޙަމަލާ ދީފައި ވަނީ, އެ މީހުން ދަތުރު ކުރަމުން ދިޔަ ކާރު ފަހައި ޔަހޫދީ ފައުޖުގެ އަސްކަރީ އުޅަނދެއް ދުއްވަމުން ދަނިކޮށް ކަމުގައެވެ. އަދި, އެ ސަރަޙައްދަށް ދަތުރު ކުރުމަށް އެމްބިޔުލާންސްތަކުން ކުރި މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން, އެ ތިން މީހުންގެ ހަށިގަނޑު ގެންގޮސްފައިވާ ކަމުގައި ވެސް މަންޒަރު ފެނުނު މީހުން ބުންޏެވެ.
ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން ބަރުހަތިޔާރާ އެކު ހެލިކޮޕްޓަރުތަކާއި ޑްރޯންތަކުގެ ޙިމާޔަތާ އެކު އަރައި ހުޅަނގު އައްސޭރީގައި މި ވަގުތު ހިންގަމުންދާ ގަތުލުއާންމަކީ ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި އެ މީހުން ހިންގާ މި ފަދަ އެންމެ ބޮޑު އަދި ނުރައްކާތެރި ޢުދުވާނެވެ. އެ މީހުން ދަނީ ޖަނީނާއި ޡުލްކަރްމުގެ އިތުރުން ޠޫބަސްގައި ހަރަކާތްތެރިވަމުންނެވެ. އަދި, މަގުތަކުން ފެންނަ ކޮންމެ މީހަކަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.
ހުޅަނގު އައްސޭރީގައި މި ވަގުތު ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 20އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. 2023 ޖަނަވަރީ 1ން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހުދީ ޢާންމުން ހިންގާފައިވާ ގަތުލުއާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 861އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 14,196އަށް އުފުލިފައެވެ.
ހުޅަނގު އައްސޭރީގައި މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ކޮމާންޑަރެއް ވެސް ޝަހީދު ކޮށްލާފައިވެއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ޠުލްކަރްމުގައި ހިންގި ގަތުލުއާންމެއްގައެވެ. އަދި, މުޖާހިދުން ކަމަށް ޝައްކު ކުރެވޭ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ޔަހޫދީ ފައުޖުން ދަނީ ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ހުޅަނގު އައްސޭރީގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ވެސް ގެއްލުން ދެމުންނެވެ. އެ މީހުންގެ ޢަމަލުތަކާ އެކު ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
މީގެ 10 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅުވައި ހުޅަނގު އައްސޭރީގައި ހިންގާ ގަތުލުއާންމުތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރުކޮށް ފުޅާ ކޮށްފައެވެ. ޣައްޒާ ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރިން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 660އަށް އަަރައެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަހީދު ކޮށްލާފައި ވަނީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ދިން ނިރުބަވެރި ޙަމަލާތަކުގައެވެ.
ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ, އަމިއްލަ ފުރާނަ ދިފާޢު ކުރުމުގެ ޙައްޤު ޔަހޫދީންނަށް ލިބިގެންވާ ކަން ޤަބޫލު ކުރެވުނު ނަމަވެސް, ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް ބަލައިގަންނަން ދަތި ކަމުގައެވެ. އަދި, ހުޅަނގު އައްސޭރީގެ ޢާންމު ރައްޔިތުންގެ ގެދޮރާއި މުދަލާއި ޢުމްރާނީ ވަސީލަތްތަކަށް ޔަހޫދީ ފައުޖުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމުގައެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,602އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,855އަށް އުފުލިފައެވެ.