ޚަބަރު

އެމެރިކާއިން ޢިރާޤުގައި ރޭޑު ޖަހައި އައިއެސްގެ ނިރުބަވެރިންތަކެއް މަރައިލައިފި


އެމެރިކާއާއި ޢިރާޤުގެ އަސްކަރިއްޔާއިން ހިންގި ގުޅިފައިވާ ޙަރަކާތެއްގައި ހައްދުފަހަނަ އެޅި ނިރުބަވެރި އައިއެސް ޖަމާޢަތުގެ 15 މެންބަރުން މަރައިލައިފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ގާއިމު ކޮށްފައިވާ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ޙަރަކާތްތައް ވިލަރެސްކުރާ ޔޫއެސް ސެންޓްރަލް ކޮމާންޑު (ސެންޓްކޮމު)ން ބުނީ, އަސްކަރީ އޮޕަރޭޝަން ހިންގާފައި ވަނީ ޢިރާޤުގެ ހުޅަނގުގެ ރަށެއްގައި ކަމުގައެވެ.

ދެ ޤައުމުގެ ސިފައިން ގުޅިގެން ރޭޑު ޖަހާފައި ވަނީ އައިއެސްގެ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުން ދިޔަ މަރުކަޒަކަށެވެ. އެ އޮޕަރޭޝަނުގައި ޢާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ސެންޓްކޮމުން ބުންޏެވެ. ނަމަވެސް, އައިއެސްގެ ހަނގުރާމަވެރިން ވަނީ އެމެރިކާއާއި ޢިރާޤު ސިފައިންނަށް އަމާޒުކޮށް ރައްދު ޙަމަލާދީ, އެމެރިކާ ސިފައިންގެ ހަތް މީހުން ޒަޚަމު ކޮށްލާފައެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމުގައި ސެންޓްކޮމުން ބުންޏެވެ.

ޢިރާޤުގެ ބައެއް ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ އައިއެސްގެ ހަނގުރާމަވެރިން ދޭތެރެދޭތެރެއިން ދަނީ ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޢިރާޤުގައި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް އައިއެސްގެ ހަނގުރާމަވެރިން ދާދި ފަހުން ދީފައިވާ ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ފަސް މީހުން ޒަޚަމު ކޮށްލާފައިވެއެވެ.

ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެ ޤައުމުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަތިޔާރު އެޅި ޖަމާޢަތްތަކުން ދޭ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. ޙަމަލާތައް އިތުރު ކޮށްފައި ވަނީ ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ.

އޭގެ ފަހުން ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް 60އެއްހާ ޙަމަލާއެއް ދީފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވެސް ތަފާތު 80އަށްވުރެ ގިނަ ޙަމަލާއެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި ބާރުގަދަ ރޮކެޓާއި ޑްރޯން ފަދަ ހަތިޔާރު ވަނީ ބޭނުން ކޮށްފައެވެ.

2014 ވަނަ އަހަރު އައިއެސް ޖަމާޢަތާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވާން އެމެރިކާއިން ފޮނުވި ސިފައިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އަދިވެސް ޢިރާޤާއި ސޫރިޔާގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އެ ގޮތުން ސޫރިޔާގައި އެމެރިކާގެ 900 ސިފައިން އަދި ޢިރާޤުގައި އެމެރިކާގެ 2,500 ސިފައިން އަދިވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.

ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތް ފައްޓަވާފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި, މި ފެށޭ ސެޕްޓެންބަރު މަހުގެ ތެރޭގައި ޢިރާޤުން އެމެރިކާ ސިފައިން ފޭބުމަށް އެ ޤައުމުން ވަނީ މުހުލަތެއް ކަނޑައަޅާފައެވެ. ނަމަވެސް, އެމެރިކާއާއި ޢިރާޤުގެ ސިފައިން ހިންގި ރޭޑަށް ފަހު ޢިރާޤުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ, އެމެރިކާ ސިފައިން އެ ޤައުމުން ފޭބުމަށް ދީފައިވާ މުހުލަތު ފަސް ކޮށްފައިވާ ކަމުގައެވެ. އެ ކަމުގެ ސަބަބެއް ބަޔާން ކޮށްފައެއް ނެތެވެ.