ޚަބަރު

މޮންގޯލިޔާއިން ޕުޓިން ހައްޔަރު ކޮށްފާނެތީ އެއްވެސް ހާސްކަމެއް ނެތް: ރަޝިޔާ


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހައްޔަރު ކޮށްދިނުމަށް މޮންގޯލިޔާގެ ސަރުކާރުގެ ކިބައިން ޔޫކްރެއިނުން އެދެފިއެވެ. މޮންގޯލިޔާގެ ސަރުކާރުގައި ޔޫކްރެއިނުން މި ކަމަށް އެދިފައި މި ވަނީ, ސެޕްޓެންބަރު 3ވަނަ ދުވަހު އޭނާ މޮންގޯލިޔާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޕުޓިން ހައްޔަރު ކުރުމަށް އެދި ޔޫކްރެއިނުން މޮންގޯލިޔާ ސަރުކާރުގައި އެދިފައި ވަނީ, އޭނާ ހައްޔަރު ކުރުމަށް ޖިނާޢީ ކުށްތަކާ ބެހޭ އދގެ އެންމެ މަތީ ކޯޓު (އައިސީސީ)ން ނެރެފައިވާ އަމުރާ ހަވާލާދީއެވެ.

އައިސީސީން ޕުޓިން ހައްޔަރު ކުރުމަށް އަމުރު ކޮށްފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ކުޑަކުދިންތަކެއް, އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންގޮސްފައިވާ ކަމަށް ނިންމައި, އެއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހުއެވެ. ޕުޓިން ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރެފައި ވަނީ 2023ވަނަ އަހަރުގެ މާރިޗު މަހުއެވެ.

އައިސީސީގެ އަމުރާ އެކު، އެ ކޯޓުގެ މެންބަރު ޤައުމަކަށް ޕުޓިން ދަތުރުކުރައްވައިފިނަމަ އޭނާ ހައްޔަރުކޮށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީގެ އޮފީހަށް އޭނާ ހާޒިރުކުރުމުގެ ބާރު އެ ޤައުމަކަށް ލިބިގެންދާނެއެވެ. މޮންގޯލިޔާއަކީ އައިސީސީގައި ހިމެނޭ 124 މެންބަރު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ނަމަވެސް, ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ބުނީ ޕުޓިން މޮންގޯލިޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޭނާ ހައްޔަރު ކޮށްފާނެ ކަމާ މެދު ކަންބޮޑު ނުވާ ކަމުގައެވެ.

"އައިސީސީން ނެރެފައިވާ އަމުރާ އެއްގޮތަށް ޕުޓިން ހައްުޔަރުކޮށް, ދަ ހޭގުގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މައި އޮފީހާ އޭނާ ހަވާލު ކޮށްދިނުމަށް މޮންގޯލިޔާގެ ސަރުކާރަށް ގޮވައިލަން،" ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި މޮންގޯލިޔާގެ ސަރުކާރަށް ގޮވައިލާފައިވެއެވެ.

މި ގޮވައިލުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާނު ދްމީތްރީ ޕިސްކޯފް ވިދާޅުވީ "މި ވަގުތު ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް" ކަމުގައެވެ. އަދި, މޮންގޯލިޔާއަކީ ރަޝިޔާގެ ގާތް ރަޙުމަތްތެރިއެއް ކަމަށާއި, ދެ ޤައުމުގެ ދެމެދުގައި ކާމިޔާބު މަޝްވަރާތަކެއް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އައިސީސީގެ އަމުރާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކޮށްފައިވާނެ ކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ.

އޮކްޓޫބަރު 1ވަނަ ދުވަހު މެކްސިކޯގެ އިންތިޚާބީ-ރައީސް ކްލައުދިޔާ ޝެއިންބައުމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަަށް އެ ޤައުމުން ވެސް ވަނީ ޕުޓިންއަށް ދަޢުވަތު އަރުވާފައެވެ. ޔޫކްރެއިނުން ވަނީ, މެކްސިކޯއަށް ޕުޓިން ވަޑައިގެންނެވުމުން އޭނާ ހައްޔަރު ކޮށްދިނުމަށް އެދި މެކްސިކޯ ސަރުކާރުގައި ވެސް އެދިފައެވެ. ނަމަވެސް, މެކްސިކޯން ވަނީ އެ އެދުމަށް އިންކާރު ކޮށްފައެވެ.

"ތިޔަ ކަމެއް ނުވާނެ. ތިޔަ ކަން ކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ ކިބައިގައެއް ނޫން،" ޔޫކްރެއިންގެ އެދުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އަންދްރޭސް މަނުއޭލް ލޯޕޭޒް އޮބްރާދޯ ވިދާޅުވެފައިވެއެވެ. ޝެއިންބައުމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޕުޓިންއަށް ދަޢުވަތު އަރުވާފައިވީ ނަމަވެސް, އޭނާ އެ ދަޢުވަތު ޤަބުލު ކުރައްވާފައިވާ ކަން ސާފެއް ނޫނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ކުޑަކުދިން, އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. ނަމަވެސް, ރަޝިޔާއިން ބުނީ އެ ކުދިން ރަޝިޔާއަށް ދިރިއުޅުން ބަދަލު ކޮށްފައި ވަނީ އިންސާނިއްޔަތަށް ޓަކައި ހިންގާ ޚާއްޞަ ޕުރޮގުރާމެއްގެ ދަށުން ކަމުގައެވެ.

ޕުޓިންގެ އިތުރުން ރަޝިޔާގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މާރިޔާ ލްވޯވާ-ބެލޯވާއާ ދެކޮޅަށް ވެސް އައިސީސީން އަމުރު ނެރެފައިވެއެވެ. އޭނާއާ މެދު ވެސް އުފުލާފައި ވަނީ ޕުޓިންއަށް އުފުލާފައިވާ ދަޢުވާއެވެ. ނުރުހުމުގައި ޔޫކްރެއިނުގެ ކުޑަކުދިން ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގެ ދަޢުވާއެވެ.