ޚަބަރު

ޖަރުމަނުވިލާތުގައި ދިރިއުޅޭ އަފްޣާން ކުށްވެރިން އަނބުރާ ޤައުމަށް ފޮނުވައިލަން ފަށައިފި


ޖަރުމަނުވިލާތަށް ހިޖުރަ ކޮށްފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ މީހުން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ޖަރުމަނުވިލާތުގެ ސަރުކާރުން މި ގޮތަށް އަމަލު ކުރަން ފަށާފައި މި ވަނީ, އެ ޤައުމުގެ ސަރަޙައްދީ އިންތިޚާބުތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ޤައުމަށް ހިޖުރަ ކޮށްފައިވާ މީހުންނާ ގުޅިގެން އުފެދިފައިވާ މައްސަލަތަކަކީ ވޯޓުލާ މީހުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލަތަކެކެވެ.

އެކި ކުށްތަކުގެ ދަޢުވާ ސާބިތުވެފައިވާ އަފްޣާނިސްތާނުގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވައިލުން ޖަރުމަނުވިލާތުގެ ސަރުކާރުން މެދުކަނޑައިލާފައި ވަނީ ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ފޭރިގަތް ހިސާބުންނެވެ. އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއަށްފަހު, އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރުމަށް ޓަކައި ޖަރުމަނުވިލާތުން ވަނީ އެ ޤައުމުގައި ދިރިއުޅޭ އަފްޣާނިސްތާން ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވައިލުން މެދުކަނޑައިލާފައެވެ.

ނަމަވެސް, އަފްޣާނިސްތާނުން ޖަރުމަނުވިލާތަށް ހިޖުރަ ކޮށްފައިވާ މީހުންގެ ތެރެއިން ކުށްކުރާ މީހުންގެ ޢަދަދު އިތުރުވެ, އެ ޤައުމުގެ އަމަންއަމާން ކަމާއި ސުލްޙަމަސަލަސް ކަމަށް ނުރައްކާވުމާ ގުޅިގެން, އެ ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އަނބުރާ ޤައުމަށް ފޮނުވައިލުމަށް ވެރިކަން ކުރާ ކޯލިޝަން ސަރުކާރަށް ވަނީ ބާރު ބޮޑުވެފައެެވެ. ދާދި ފަހުން ފެސްޓިވަލެއް ކުރިއަށް ދިޔަ ސަރަޙައްދެއްގައި އައިއެސް ޖަމާޢަތަށް ނިސްބަތްވާ ބަޔަކު ވަނީ ވަޅީގެ ޙަމަލާތަކެއް ދީފައެވެ. އަދި, އެ ޤައުމަށް ހިޖުރަ ކޮށްފައިވާ ޖަރުމަނުވިލާތުގެ މީހަކު ޖޫން މަހު ދިން ޙަމަލާއެއްގައި ފުލުހަކު ވަނީ މަރުވެފައެވެ.

ޖަރުމަނުވިލާތުގެ މީޑިޔާތަކުން ބުނީ, އޮގަސްޓު 30ވަނަ ދުވަހު އަފްޣާނިސްތާނުގެ 28 ކުށްވެރިން އަނބުރާ ޤައުމަށް ފޮނުވައިލާފައިވާ ކަމުގައެވެ. އެ މީހުން އަނބުރާ ކާބުލަށް ފޮނުވައިލާފައި ވަނީ ޠާލިބާނުންނާ އެކު ސިއްރިޔާތުގައި ކުރި މަޝްވަރާތަކަކަށް ފަހުއެވެ.

"ކުށްތަކަށް އަރައިގަންނަ އަފްޣާނިސްތާނުގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވައިލާނެ ކަން އަޅުގަނޑު ވާނީ އިޢުލާނު ކޮށްފައި. އެ ކަން ޢާންމުކޮށް އަންގައި އިޢުލާނު ކޮށްފައި ނެތް ނަމަވެސް, އަޅުގަނޑުމެން މި ދިޔައީ އެ ކަމަށް ތައްޔާރުވަމުން،" ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒް ވިދާޅުވިއެވެ. އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިވެރިންނަށް ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. ނަމަވެސް, އެއީ ކޮން ފަރާތްތަކެއް ކަން ހާމަ ކޮށްފައެއް ނެތެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން ބައިވެރިންގެ ގޮތުގައި އިޝާރާތް ކޮށްފައި ވަނީ ޤަޠަރަށް ކަމުގައި ޤަޠަރުން ހިންގާ އަލް ޖަޒީރާ ޓީވީން ރިޕޯޓު ކުރިއެވެ. ޤަޠަރުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ, އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ޠާލިބާނުންނާ އެކު މަޝްވަރާތައް ބޭއްވުމަށް ޤަޠަރުން ޖަރުމަނުވިލާތަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމުގައެވެ. އަދި, އެ ކަމަށް އިސްވެ އެދިފައި ވަނީ ޖަރުމަނުވިލާތުން ކަން ވެސް ޤަޠަރުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލު ހާމަ ކޮށްފައިވެއެވެ.

ޠާލިބާނުންނާ އެކު ޖަރުމަނުވިލާތުން މަޝްވަރާތަކެއް ބޭއްވި ކަން ހާމަވުމާ އެކު ބައެއް ފަރާތްތަކުން ވަނީ ޖަރުމަނުވުލާތުގެ ސަރުކާރަށް ފާޑުކިޔާފައެވެ. އޭގެ ތެރޭގައި, އެ ޤައުމަށް ހިޖުރަ ކުރާ ރެފިއުޖީންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ޖަމުޢިއްޔާ, ޕްރޯއެސީލް ހިމެނެއެވެ. އެ ޖަމާޢަތުން ބުނީ, ޠާލިބާނުންނާ އެކު މަޝްވަރާތައް ބޭއްވުމަކީ, ޖަރުމަނުވިލާތުގެ ސަރުކާރުން ޠާލިބާނުންގެ ސަރުކާރު ބަލައިގަތުމުގެ ގޮތުގައި ދެކުމުގެ ފުރުޞަތު އޮތް ކަމުގައެވެ.

ނަމަވެސް, ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ބުނީ, ޠާލިބާނުންނާ އެކު ގުޅުން ގާއިމު ކޮށްފައި ނުވާނެ ކަމަށާއި, އެ ފަދަ ނިޔަތެއްގައި ޠާލިބާނުންނާ އެއްވެސް މަޝްވަރާއެއް ބާއްވާފައި ނުވާނެ ކަމުގައެވެ.

އަފްޣާނިސްތާނާއި ސޫރިޔާގެ ދާޚިލީ ހާލަތާ ގުޅިގެން ޖަރުމަނުވިލާތަށް ހިޖުރަކޮށް, އެ ޤައުމުގެ ޙިމާޔަތަށް އެދެމުންދާ މީހުންގެ ޢަދަދު ދަށްވާން ފަށާފައިވާ ކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. 2023ވަނަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ޖަރުމަނުވިލާތުގެ ޙިމާޔަތަށް އެދި ހުށަހަޅާފައިވާ ރެފިއުޖީންގެ ޢަދަދު 140,783އަށް އަރައެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ޢަދަދު ވަނީ 19.7 އިންސައްތަ ދަށްވެފައެވެ.