ޚަބަރު

ރީޖަނަލް އެއަރޕޯޓްސް އެމްއޭސީއެލްގެ ދަށަށް، އިތުރު ބައެއް ކުންފުނިތައްވެސް އެއްކޮށްލަނީ


  • ފަހި ދިރިއުޅުން ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް

ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާގުޅޭ މުހިންމު ނިންމުންތަކަކާގުޅޭގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

ކެބިނެޓު ބައްދަލުވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ކެބިނެޓުގައި މިއަދު މަޝްވަރާކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ރީޖަނަލް އެއަރޕޯޓްސް ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުންކަމަށެވެ. އެއީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް ބަދަލުކުރުން ނުވަތަ ދެކުންފުނި އެއްކޮށްލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރައްވާ ގޮތެއް ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު އަދި ކުރިއަރާފައިވާ ކުދި ބައެއް ޤައުމުތަކުގައިވެސް ކަންކުރާ އަދި ދުބާއީ ސިންގަޕޫރުފަދަ ތަންތާނގައިވެސް ކަންކުރާ ގޮތަށް، އިޤްތިޞާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތަޢާރަފްކުރުން. މިކަމަށް މަޝްވަރާކުރުމަށްވެސް އެޖެންޑާކޮށްގެން މިއުޅެނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއި، ކުންފުނިތައް އިތުރަށް ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށް ގެންނަވާ ބަދަލެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ އޮތީ ބަނގުރޫޓުވުމާ ގާތުގައިކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. މިއާއެކު ސަރުކާރުން ވަނީ ކުންފުނިތައް އިސްލާހުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ.