ފަލަސްޠީިނުގެ ހުޅަނގު އައްސޭރިއަށް އަރައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 24އަށް އުފުލިއްޖެއެވެ. ޔަހޫދީ ފައުޖުގެ ސިފައިން ދަނީ ބަރުހަތިޔާރާ އެކު ހުޅަނގު އައްސޭރީގެ ޖަނީނާއި ޡުލްކަރްމުގެ އިތުރުން ޠޫބަސްގައި ހަރަކާތްތެރިވަމުންނެވެ. އެ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެގަނެފައި ވަނީ އޮގަސްޓު 28ވަނަ ދުވަހުއެވެ.
އެއީ ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގެ ރަށްތަކުގައި ހިންގާ އެ ފަދަ އެންމެ ބޮޑު އަދި ނުރައްކާތެރި ޢުދުވާނެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތައް ކަމުގައިވާ ޙަމާސާއި އިސްލާމިކް ޖިހާދުގެ އިތުރުން ފަތްޙުގެ މުޖާހިދުން ދަނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ކުރިމަތިލަމުންނެވެ. އަދި, އެ މީހުންނާ ދެކޮޅަށް ވަރުގަދަ ޖިހާދެއް ކުރަމުންނެވެ.
ހުސްވި ހަފުތާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 24އަށް އުފުލިފައިވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޢާންމުން ހިމެނެއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ, ޖަނީންގައި ދިރިއުޅޭ ކުޑަ ކުއްޖެއްގެ ބޮލަށް ޔަހޫދީ ފައުޖުން ބަޑި ޖަހާފައިވާ ކަމުގައެވެ. ހަސްފަތާލަށް ގެންގޮސް އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޞިއްޙީ ޚިދުމަތްތެރިން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔަހޫދީ ފައުޖުގެ ސިފައިންނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްޠީނުގެ މުޖާހިދުން ވަނީ, ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީން ދިރިއުޅޭ ދެ ސަރަޙައްދަކަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން ޔަހޫދީން ދިރިއުޅޭ ގޫޝް އެޓްޒިޔޯން އަވަށުގައި ހުންނަ ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީގައި ކާރު ބޮމެއް ގޮއްވައިލަން އުޅުނު މީހަކު ޔަހޫދީ ފައުޖުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި, ކަރްމީ ޓްޒޫ އަވަށުގައި ޔަހޫދީ ސިފައިންގެ ބަޔެއްގެ ގައިގައި ކާރަކުން ޖައްސަން އުޅުނު އިތުރު މީހަކު ޝަހީދު ކޮށްލާފައެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އެ ހާދިސާތަކުގައި ދެ މީހަކު ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި, ޙަމާސުން ވަނީ ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރަން މުޖާހިދުންނަށް ގޮވައިލާފައެވެ. ނަމަވެސް, ޙަމާސުން އެ ދެ ޙަމަލާގެ ޒިންމާ އުފުލާފައެއް ނެތެވެ. އެ ޙަމަލާތަކާ ގުޅިގެން, ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮތް އަލް-ޚަލީލަށް ވެސް ޢުދުވާންތައް ފުޅާކޮށް, ޢާންމުން ދިރިއުޅޭ ގެދޮރަށް ރޭޑު ޖަހަން ފަށާފައެވެ. މުޖާހިދުން ވަނީ ޙަލީލަށް އެރި ޔަހޫދީ ފުލުހުންގެ ދެ މީހުން މަރައިލާފައެވެ. އަދި, އިތުރު މީހަކު ޒަޚަމު ކޮށްލާފައެވެ.
ޖަނީން ރެފިއުޖީ ކޭމްޕުގައި ޢުދުވާން ހިންގަމުންދާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ އެ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް ވެސް ކަނޑައިލާފައެވެ. އަދި, ބުލްޑޯޒަރުތައް ބޭނުން ކޮށްގެން އެ މީހުން ދަނީ ޢާންމުން ދިރިއުޅޭ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ގެއްލުން ދެމުންނެވެ. އދއިން ވަނީ ޖަނީން ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
2023 ޖަނަވަރީ 1ން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހުދީ ޢާންމުން ހިންގާފައިވާ ގަތުލުއާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 861އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 14,196އަށް އުފުލިފައެވެ.
މީގެ 10 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅުވައި ހުޅަނގު އައްސޭރީގައި ހިންގާ ގަތުލުއާންމުތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރުކޮށް ފުޅާ ކޮށްފައެވެ. ޣައްޒާ ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރިން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 660އަށް އަަރައެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަހީދު ކޮށްލާފައި ވަނީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ދިން ނިރުބަވެރި ޙަމަލާތަކުގައެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,691އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,060އަށް އުފުލިފައެވެ.