ޔަހޫދީންގެ އަޅުވެތި ކަމަށް ކެތް ނުކުރެވިގެން, ދެކޮޅު ހެދުމުގެ ގޮތުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު ދަޢުލަތަށް ދިން ކުއްލި ޙަމަލާގެ ތެރެއިން ރަހީނު ކުރި އިތުރު ހަ މީހެއްގެ ހަށިގަނޑު ޔަހޫދީ ފައުޖުން ހޯދައިފިއެވެ. ޔަހޫދީ ފައުޖުން ބުނީ އެ ހަ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ދެކުނު ރަފަޙްގައި ޙަމާސުން ބިނާ ކޮށްފައިވާ ބިންގަރާހެއްގެ ތެރެއިން ކަމުގައެވެ. އަދި, އެ މީހުން މަރައިލާފައިވާތާ ގިނަ އިރުތަކެއް ފާއިތުވެފައި ނުވާ ކަމުގައެވެ.
އެ ހަ މީހުންގެ ހަށިގަނޑު އަނބުރާ ޒަޔަނިސްޓުންގެ ދަޢުލަތަކަށް ގެންގޮސްފައިވާއިރު, އެ މީހުން މަރައިލާފައި ވަނީ ޙަމާސުން ކަމަށް ޔަހޫދީ ފައުޖުން ކުރާ ތުހުމަތުތަކަށް އެ ޖަމާޢަތުން ރައްދު ދީފައެއް ނެތެވެ. ފެނިފައިވާ ހަށިތަކުގެ ތެރޭގައި އެމެރިކާއާއި އިސްރާއީލުގެ ޕާސްޕޯޓު އޮތް މީހަކު ވެ ހިމެނޭތީ, އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "އަޅުގަނޑަށް ކުއްލި ސިހުމެއް ލިބި ރުޅިގަނޑު ފަޅައިގެން ދިޔަ،" ބައިޑަން ވިދާޅުވިއެވެ.
"އެއީ އެންމެ 23 އަހަރުގެ މީހެއް. [އޭނާ މަރައިލުމުގެ] ކުށަށް ޙަމާސްގެ އިސްވެރިން ބޮޑު އަގެއް ދައްކަން ޖެހޭނެ،" ޙަމާސަށް އިންޒާރު ދެއްވަމުން ބައިޑަން ވިދާޅުވިއެވެ. މީގެ 10 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރައަކީ އެމެރިކާއެވެ. ޢުދުވާންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައިޑަން ގެންދަވަނީ ޔަހޫދީންނަށް ފަނާކުރަނިވި ހަތިިޔާރު ފޯރު ކޮށްދެމުންނެވެ.
އޮގަސްޓު 19ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ އަަސީރުންގެ ތެރެއިން އިތުރު ހަ މީހެއްގެ ހަށިގަނޑު ހޯދާފައެވެ. އެ މީހުންގެ ހަށިތައް ވެސް ފެނިފައި ވަނީ ޣައްޒާގެ ދެކުނު ޚާން ޔޫނިސްގައި ބިނާ ކޮށްފައިވާ ބިންގަރާހެއްގެ ތެރެއިންނެވެ. އެ ހަ މީހުން މަރުވީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފެއް ނޫނެވެ. ނަމަވެސް, އެ މީހުން މަރުވީ, ޔަހޫދީ ފައުޖުން ޚާން ޔޫނިސަަށް މެދުކެނޑުމެއް ނެތި ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ ޢާންމުންގެ މީހަކު ވެސް ހޯދައި, ސަލާމަތް ކޮށްފައެވެ. ބަދަވީ ދަރިކޮޅަށް ނިސްބަތްވާ 52 އަހަރުގެ ޤާޔިދު ފަރްޙާން އަލް-ޤާޟީ ފެނިފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއްގައި ބިނާ ކޮށްފައިވާ ބިންގަރާހެއްގެ ތެރެއިންނެވެ.
ރަހީނު ކޮށްފައިވާ އަސީރުންނަށް ޙަމާސްގެ މުޖާހިދުން އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދެމުންދާ ކަމަށް ޔަހޫދީން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް, އަލް-ޤާޟީ ހަސްފަތާލަށް ގެންގޮސް ހަދާފައިވާ ތަހްލީލުތަކުން, އޭނާއަށް އެއްވެސް އަނިޔާތަކެއް ދީފައިވާ ކަން ކަށަވަރު ކުރެވިފައެއް ނެތެވެ. އަދި, އޭނާގެ ޞިއްޙީ ހާލު ރަނގަޅު ކަމުގައި ޑޮކްޓަރުން ވެސް ހާމަކޮށްފައިވެއެވެ.
ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ޢާއިލާތަކުގެ މެންބަރުން ހިމެނޭ ހޮސްޓޭޖް ފެމިލީސް ފޯރަމުން ބުނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާންތަކެއް ހިންގައިގެން ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި 100އެއްހާ އަސީރުން މިނިވަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމުގައެވެ. އަދި, ޢުދުވާންތައް ވަގުތުން ހުއްޓައިލަން އެއްބަސްވާން އެ ޖަމުޢިއްޔާއިން ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ގޮވައިލާފައެވެ.
ޣައްޒާ ޢުދުވާން ހިންގުމުގެ ޙަޤީޤީ މަޤުޞަދަކީ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމް އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށް ނެތިކޮށްލުން ކަން މުޅި ދުނިޔެ ވެސް ޤަބޫލު ކުރެއެވެ. އެ ޢުދުވާން ހުއްޓައިލަން ގޮވައިލައި އިސްރާއީލުގެ ރައްޔިތުން ވެސް ދަނީ އަޑު އުފުލަމުންނެވެ. ޢުދުވާނާއި އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަދި, އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,691އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,060އަށް އުފުލިފައެވެ.