ޚަބަރު

ރަޝިޔާއަށް އިތުރު ޙަމަލާތައް ދޭން ޔޫކްރެއިނުން އެމެރިކާގެ އެހީތެރިކަމަށް އެދެނީ


ޔޫކްރެއިނުން ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމުގެ ހުއްދައަށް ޔޫކްރެއިނުން އަނެއްކާ ވެސް އެދެފިއެވެ. އެ ކަމާ މެދު މަޝްވަރާ ކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ވޮޝިންގޓަނަށް ވަފުދެއް ފޮނުއްވާފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދެމުން ދަނީ އެމެރިކާއިންނެވެ.

2022 ފެބުރުވަރީ 24ގައި ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ވަނީ ޔޫކްރެއިނަށް 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޮނުވާފައެވެ. އޭގެ ތެރޭގައި ނުރައްކާތެރި މިސައިލްތަކާއި ރޮކެޓުތަކުގެ އިތުރުން, ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުން ކުރާނެ ހަތިޔާރު ވެސް ހިމެނެއެވެ. އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ޔޫކްރެއިނަށް ފޮނުވަން ފަށާފައިވާއިރު, އެމެރިކާގެ ރުހުމާ އެކު އެ ތަކެތި ފޯރު ކޮށްދެމުން ދަނީ ނޭޓޯގެ މެންބަރު ޤައުމުތަކުންނެވެ.

އެމެރިކާއިން ޔޫކްރެއިނަށް ގިނަ ޢަދަދެއްގެ ހަތިޔާރު ފޯރު ކޮށްދެމުން ދިޔަ ނަމަވެސް, ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުުމަށް އެ ހަތިޔާރުތައް ބޭނުން ކުރުން އޮތީ މަނާ ކޮށްފައެވެ. ޒެލެންސްކީ ވިދާޅުވީ އޮގަސްޓު 30ވަނަ ދުވަހު އެކަނިވެސް ރަޝިޔާއިން ގައިޑެޑް ބޮން ބޭނުން ކޮށްގެން ޔޫކްރެއިންގެ ހަރްކިވަށް ދިން ޙަމަލާތަކުގައި ޢާންމުންގެ ހަ މީހުން މަރައިލައި, އިތުރު 97 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އަދި, އެ ފަދަ ޙަމަލާތައް ހުއްޓުވޭނީ އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދީގެން ކަމުގައެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް މި ދަނީ މި ކަމާ މެދު އަޅުގަނޑުމެންގެ ބައިވެރިންނާ ވާހަކަ ދައްކަމުން. އެ ކަމަށް [ރަޝިޔާއަށް ޙަމަލާ ދޭން އެމެރިކާގެ ހަތިޔާރު ބޭނުންކުރުމުގެ] ހުއްދަ ދޭން ބާރު އަޅަމުން،" ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާއިން ޔޫކްރެއިންގެ ޢާންމުން ދިރިއުޅެމުންދާ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް ހުއްޓުވޭނީ "ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކާއި, މަރުކަޒުތަކާއި, ހަތިޔާރު ފޮނުވަން ބޭނުން ކުރަމުންދާ މަގުތަކަށް ޙަމަލާ ދީގެން" ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި, ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުން ފޯރު ކޮށްދީފައިވާ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ޒެލެންސްކީ ވަނީ އެ ޤައުމުތަކަށް ވެސް ތަކުރާރުކޮށް ގޮވައިލައްވާފައެވެ. "ޔޫކްރެއިންގެ ރައްޔިތުންނާއި ޤައުމު ދިފާޢު ކުރުމުގެ ފުރިހަމަ ޤާބިލު ކަން އަޅުގަނޑުމެންނަށް ބޭނުންވޭ. ދުރު-ރާސްތާ ހަތިޔާރު ބޭނުން ކުރުމުގެ [ރަޝިޔާއަށް ޙަމަލާ ދިނުމުގެ] ހުއްދަ ދޭން ޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ. ވޮޝިންގޓަނަށް ދަތުރު ކޮށްފައިވާ ޔޫކްރެއިންގެ ވަފުދުން މި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވޮޝިންގޓަނަށް ގޮސްފައިވާ ޔޫކްރެއިންގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޤައުމުގެ ދިފާޢީ ވަޒީރު ރުސްތެމް އުމެރޮވެވެ. ދަތުރުގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. "ރަޝިޔާގެ ބިރުވެރި ކަމުން އަޅުގަނޑުމެންގެ ރައްޔިތުން ދިފާޢު ކުރަން ޤާބިލު ކަން އިތުރު ކުރަން ޖެހޭ ދާއިރާތައް އަޅުގަނޑުމެން އެތަކެއް ފަހަރަކު ސާފުކޮށް ކިޔައިދީފިން. [އެމެރިކާ ސަރުކާރުން] އެ ސަބަބުތައް އަޑުއަހާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.

މި މަހު ނިއު ޔޯކްގައި ބާއްވާ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަން ޒެލެންސްކީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ބައިޑަނާ ބައްދަލު ކުރައްވައި, އެ ކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި, ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލަމުންދާ ކަމަށް ބުނާ ރޭވުން ވެސް އޭނާ ބައިޑަނާ ހިއްސާ ކުރައްވާނެއެވެ.

ޔޫކްރެއިންގެ އިޤުތިޞާދީ ވަޒީރު ޔޫލިޔާ ސުވެރްދެންކޯ ވިދާޅުވީ, ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެމެރިކާގެ އެހީތެރި ކަމަށް އެދިފައިވާނެ ކަމުގައެވެ. ޔޫކްރެއިންގެ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި, ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އެ ކަމުގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރު ކޮށްދޭން ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ވަނީ 800 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖެއް އިޢުލާނު ކޮށްފައެވެ.

ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަން ޔޫކްރެއިނުން މަސައްކަތް ކުރަމުން މި ދަނީ, ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އެ ޤައުމުގެ ސިފައިން އަރައިގަނެފައިވާ ދަނޑިވަޅެއްގައެވެ. އޮގަސްޓު 6ވަނަ ދުވަހު ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިންގެ ލަޝްކަރަކުން ކޫރްސްކަށް އަރައި ދެމުންދާ ޙަމަލާތަކުގައި އެ ސަރަޙައްދުގެ 100 އަވަށެއް ހިމެނޭ ގޮތުން 1,200އެއްހާ އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ވަނީ އަތްގަދަ ކޮށްފައެވެ. ރަޝިޔާގެ ސިފައިން ދަނީ އެ އަވަށްތައް މިނިވަން ކޮށް, ޔޫކްރެއިންގެ ފައުޖުތައް ފަހަތަށް ޖައްސަން މަސައްކަތް ކުރަމުންނެވެ.