ޚަބަރު

ރަޝިޔާގެ ތެޔޮ ކާރުޚާނާތަކާއި އިންޖީނުގެތަކަށް ޔޫކްރެއިންގެ ވަރުގަދަ ޙަމަލާތަކެއް


ރަޝިޔާގެ ވެރިރަށް މޮސްކޯ ކައިރީގައި އޮންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި އިންޖީނުގެތަކަށް އަމާޒުކޮށް ޔޫކްރެއިނުން ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, މޮސްކޯއާއި ބޮޑެތި ރަށްތަކަށް ޙަމަލާ ދޭން ޔޫކްރެއިނުން އެތަކެއް ސަތޭކަ ޑްރޯން ބޭނުން ކޮށްފައިވާ ކަމަށާއި, އޭގެ ތެރެއިން 150އަށްވުރެ ގިނަ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

ރަޝިޔާއިން ދިފާޢުކޮށް ވައްޓައިލި ޑްރޯންތަކެއްގެ ބައިތަކެއް ޖެހި, ތިވިޔޭ ސަރަޙައްދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއް ކަމުގައިވާ މޮސްކޯ އޮއިލް ރިފައިނަރީއާއި ކާނާކަވާ އިންޖީނުގޭގައި ރޯވެ, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެއީ, ރަޝިޔާގައި ހުންނަ އެންމެ ގިނައިން ހަކަތަ އުފައްދާ އެއް އިންޖީނުގެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޙަމަލާ ދޭން ބޭނުން ކޮށްފައިވާ 158 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމަށާއި, އޭގެ ތެރެއިން ނުވަ ޑްރޯން ދިފާޢު ކޮށްފައި ވަނީ ވެރިރަށް މޮސްކޯ ކައިރިން ކަމުގައެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބްޔާނިން ވިދާޅުވީ އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މޮސްކޯ ކައިރީގައި އޮންނަ ތެޔޮ ސާފު ކުރާ ކާރުޚާނާތަކަށް ކަމުގައެވެ. ޙަމަލާތަކުގައި މޮސްކޯ އޮއިލް ރިފައިނަރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި އަލިފާން ނިއްވާ އިދާރާއިން ބުންޏެވެ.

އެއް ފަހަރާ ގިނަ ޢަދަދެއްގެ ޑްރޯން ބޭނުންކޮށް ދީފައިވާ ޙަމަލާތަކާ ގުޅިގެން މޮސްކޯގެ ވައިގެ އުދުހުންތަކަށް ބުރޫ އެރިއެވެ. މި ގޮތުން, ވުނޫކަވާ, ދޮމާޖިޔަދަވާ އަދި ޜޫކޮވްސްކީ ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށް, އުދުހުންތައް މެދުކަނޑައިލިއެވެ. ވައިގެ އުދުހުންތައް އަލުން ފަށާފައި ވަނީ އެތަކެއް ގަޑިއިރެއް ފަހުން ކަމުގައި ރަޝިޔާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާ, ރަސެވިޔާތުސެޔާއިން ބުންޏެވެ.

ރަޝިޔާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގައި ގެޒްޕްރޮމް ނިޔެފްތު ކުންފުނިން ހިންގާ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ގެއްލުންވިއެވެ. އަދި, ތިވިޔޭ ސަރަޙައްދުގައި ހުންނަ ކާނާކަވާ އިންޖީނުގެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތިވިޔޭ ސަރަޙައްދުގެ ގަވަރުނަރު އީގޯރް ރުދީނިޔާ ވިދާޅުވީ, ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ނުވާ ކަމަށާއި, ގޭސް ސަޕްލައިއަށް ވެސް އަސަރު ކޮށްފައި ނުވާ ކަމުގައެވެ.

ރަޝިޔާގެ ގިނަ ސަރަޙައްދުތަކަކަށް އެއް ފަހަރާ ޙަމަލާ ދޭން ޔޫކްރެއިނުން މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކޫރްސްކް, ބްރިޔަންސްކް, ވަރޯނިޝް އަދި ބިޔެލްގޮރޮދު ހިމެނެއެވެ. އެ ސަރަޙައްދުތަކަށް ޙަމަލާ ދޭން ޔޫކްރެއިނުން ގިނަ ޢަދަދެއްގެ ޑްރޯން ބޭނުން ކުރިއެވެ. މީގެ އިތުރުން ކަލޫގާ, ލީޕިތްސްކު އަދި ރިޒަޔިން ސަރަޙައްދަށް ވެސް ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަ ކުރިއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.

ޔޫކްރެއިނުން ރަޝިޔާއަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައި މި ވަނީ, ޔޫކްރެއިންގެ އިރުމަތީގައިވާ ސަރަޙައްދުތަކަށް އަތްގަދަ ކުރަން ރަޝިޔާގެ ފައުޖުތަކުން ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ދެ އަވަށަކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ޕޯކްރޮވްސްކުގެ އިރުދެކުނުން 21 ކިލޯމީޓަރު ދުރުގައި އޮތް ޕްތައިޚައްޔާ ހިމެނެއެވެ. ރަޝިޔާގެ ފައުޖުތަކުން އެ އަވަށަށް ވެރިވެގަނެފައި ވަނީ ޕޯކްރޮވްސްކު ހިފުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އެ ސަރަޙައްދުގެ ހާލަތު ވަރަށް ނުރައްކާތެރިވެފައިވާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު އޮލެކްސަންދްރަ ސިރްސްކީ ވިދާޅުވިއެވެ. ރަޝިޔާއިން އެންމެ ވަރުގަދަ ޙަމަލާތަކެއް މި ވަގުތު އަމާޒު ކުރަމުން ދަނީ ޕޯކްރޮވްސްކަށް ކަން އޭނާ ކަށަވަރު ކޮށްދެއްވިއެވެ. "ދުޝްމަނުން [ރަޝިޔާއިން] އެންމެ ވަރުގަދަ ޙަމަލާތައް އަމާޒު ކުރަމުންދާ ސަރަޙައްދުގެ ހާލަތު ވަރަށް ނުރައްކާތެރި. ނަމަވެސް, އެ ކަމާ މެދު އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން މި ދަނީ އަޅަމުން،" އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ އިރުމަތީގައިވާ ރަށްތަކަށް އަތްގަދަ ކުރަން ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދެމުން މި ދަނީ, ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް ޔޫކްރެއިންގެ ސިފައިން އެއްގަމު މަގުން އަރައިގަނެފައިވާ ދަނޑިވަޅެއްގައެވެ. އޮގަސްޓު 6ވަނަ ދުވަހު ފެށި އަސްކަރީ އޮޕަރޭޝަނެއްގެ ދަށުން ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ކޫރްސްކުގެ 100އެއްހާ އަވަށް ހިމެނޭހެން 1,200އެއްހާ އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އެ ސަރަހައްދުތައް މިނިވަން ކުރުމަށް ވެސް ރަޝިޔާގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.