ޢިރާޤުގެ ހަކަތައިގެ ސިނާޢަތަށް އެމެރިކާގެ އިތުރު އިންވެސްޓަރުން ހޯދުމުގެ ގޮތުން, ޤުދުރަތީ ގޭސް ވަޅުތައް ހޯދައި ސާފު ކުރުމުގެ މަޝްރޫޢުތަކެއް ބިޑަށް ލާން ނިންމައިފިއެވެ. ޢިރާޤުގެ ތެލާ ބެހޭ ވަޒީރު ޙަޔާން ޢަބްދުލްޣަނީ ވިދާޅުވީ, އެމެރިކާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރެއްގައި, ގޭސް ވަޅުތައް ހޯދައި ތަރައްޤީ ކުރަން ކަނޑައަޅާފައިވާ 10 ސަރަޙައްދަކަށް އިންވެސްޓު ކުރުމަށް އެމެރިކާގެ ކުންފުނިތަކަށް ފުރުޞަތު ހުޅުވައިލާނެ ކަމުގައެވެ.
އެއީ, ޢިރާޤުގެ ހަކަތައިގެ ސިނާޢަތަށް އެމެރިކާގެ އިތުރު އިންވެސްޓަރުން ހޯދުމަށް ކުރަމުުންދާ މަސައްކަތްތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. ޤުދުރަތީ ގޭސް ވަޅުތައް ހޯދައި ތަރައްޤީ ކުރުމުގެ ލައިސަންސް ދޫކުރުމަށް ޢިރާޤުން ދާދި ފަހުން ހިންގާފައިވާ ޕުރޮގުރާމުތަކުގެ ދަށުން ޗައިނާގެ އިންވެސްޓަރުންނަށް ލައިސެންސް ދޫކޮށްފައިވެއެވެ.
ޢިރާޤުން ދަނީ, ޤުރުދަތީ ގޭސް އުފެއްދުމުގެ ސިނާޢަތް ކުރިއަރުވައި, ގޭސް އުފައްދާ މިންވަރު އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. ޢިރާޤުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, ޢަބްދުލްޣަނީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި, ގޭސް ހޯދައި ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 10 ސަރަޙައްދަކަށް އިންވެސްޓަރުން ހޯދުމަށް ބިޑަށް ލާނެ ކަމުގައެވެ.
ޢަބްދުލްޣަނީ ވިދާޅުވީ, ޢިރާޤުގެ ދެކުނުގައި އޮތް އަލް-ފަޔިޙާއު ތެޔޮ ވަޅުތަކުން ގޭސް ހޯދުމަށް ހިންގާ މަޝްރޫޢެއް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އެ މަޝްރޫޢުގެ ދަށުން ދުވާލެއްގެ މައްޗަށް 125 ކިޔުބިކް މީޓަރުގެ ގޭސް އުފެއްދޭނެ ކަމަށް އެ ޤައުމުގެ ތެލާ ބެހޭ ވުޒާރާއިން ޤަބޫލު ކުރެއެވެ. ޢިރާޤަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑު އިންސައްތައެއް މި ވަގުތު އިމްޕޯޓު ކުރަނީ އީރާނުންނެވެ. ނަމަވެސް, އިތުރު 13 ތެލާއި ގޭސް ވަޅަކުން ނަފާ ހޯދުމަށް ހިންގާ އައު މަޝްރޫޢުގެ ދަށުން, ޢިރާޤުން އުފައްދާ ތެލާއި ގޭހުގެ މިންވަރު އިތުރުވެގެން ދާނެ ކަމަށް އެ ޤައުމުން ޤަބޫލު ކުރެއެވެ.
ޢިރާޤުގެ ތެލާއި ގޭސް ސާފު ކުރުމުގެ ސިނާޢަތް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާއިން އޭޕްރިލް މަހު ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި, ތެޔޮ ސާފު ކުރާ ކާރުޚާނާތަކުން ކޮންމެ އަހަރަކު 18 މިލިިޔަން ކިޔުބިކް މީޓަރުގެ ގޭސް ބޭކާރުވެ, ގެއްލިގެން ދެއެވެ.
ޢިރާޤުގެ އިރުމަތީ އަލް-މަންޞޫރިއްޔާ ގޭސް ވަޅުތައް ތަރައްޤީ ކުރުމަށް އެ ޤައުމުން 2021ވަނަ އަހަރު ޗައިނާގެ ކުންފުންޏަކާ ހަވާލު ކޮށްފައިވެއެވެ. އެ މަޝްރޫޢުގެ ދަށުން, 4.5 ޓްރިލިޔަން ކިޔުބިކް މީޓަރުގެ މަންޞޫރިއްޔާ ގޭސް ވަޅުތައް ތަރައްޤީ ކުރުމަށް ޗައިނާގެ ދަޢުލަތުގެ ކުންފުނި, ސައިނޯޕެކާ ހަވާލު ކޮށްފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޢިރާޤުގެ ތެޔޮ ވަޅުތަކުގައި 145.02 ބިލިޔަން ފީފާގެ ތެޔޮ ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ވަގުތު ޢިރާޤުން ސާފު ކުރަނީ ދުވާލެއްގެ މައްޗަށް 4 ބިލިޔަން ފީފާގެ ތެލެވެ. ނަމަވެސް, ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ޢަދަދު 6 ބިލިޔަން ފީފާއަށް އިތުރު ކުރަން އެ ޤައުމުގެ ތެލާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޢިރާޤުން ދުވާލެއްގެ މައްޗަށް 3.3 ބިލިޔަން ފީފާގެ ތެޔޮ އެކްސްޕޯޓު ކުރެއެވެ. އޭގެ ތެރެއިން 1.18 ބިލިޔަން ފީފާގެ ތެޔޮ އެކްސްޕޯޓު ކުރަނީ ޗައިނާއަށެވެ.