ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ އިންޑަސްޓްރީތަކުގެ ބޭފުޅުންގެ އަޑު އަހައިގެން ކަންކަން ބައްޓަންކުރުން: ރައީސް


  • ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ބައްދަލުކުރައްވާނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާ

  • އޭގެފަހުން ގެދޮރުވެރިކަމާ ބެހޭ އެކިއެކި ޔޫނިއަންތަކާ އެއްކޮށް ބައްދަލުކުރައްވާނެ

ސަރުކާރު އަމާޒަކީ އަދި ސިޔާސަތަކީވެސް އިންޑަސްޓްރީތަކުގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިގެން ކަންކަން ބައްޓަންކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކޮމިޓީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފުރަތަމަ ބައްދަލުކުރައްވާނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާއެވެ. މިބައްދަލުކުރެއްވުމަށް އެޔޫނިއަންގެ އިސްބޭފުޅުން ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށްދިއުން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް މިބައްދަލުކުރެއްވުމުން ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ދެން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ގެދޮރުވެރިކަމާއި ގުޅޭ ބައެއް ޖަމްޢިއްޔާތަކާއެވެ. އެގޮތުން ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީގެ އިތުރުން މާލޭ ރަށްވެހިންގެ ޖަމިއްޔާތައް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަރާތްތަކަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ތަމްސީލުކުރާ ޖަމްޢިއްޔާތަކެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް މިބައްދަލުކުރެއްވުމުން އެނގިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެފަރާތްތަކުން ހިއްސާކުރުމަށް ބޭނުންވާ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކާ އެބޭފުޅުން ބޭނުންވާ ވަރަކަށް ވަގުތު ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ގެދޮރުވެރިކަމުގެ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާކަންކަމުގައިވެސް ރަނގަޅު ނަތީޖާއަކަށް ދިޔުމަށް މިފަރާތްތަކުގެ މަޝްވަރާގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.