ޚަބަރު

ޙަމާސް ޖަމާޢަތާ ސުލްޙަވާން ގޮވައިލައި ޔަހޫދީން މަގުތައް ފުރައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ފަހު އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ގޮވައިލައި ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ. ޔަހޫދީ ޢާންމު ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ގޮސް މަގުތަކަށް ނިކުމެ އެ ޤައުމުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫގެ އިސްތިޢުފާއަށް ގޮވަން ފަށާފައި ވަނީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ.

ޤުދުސް އަދި ޔަހޫދީންގެ ވެރިރަށް ތެލް އަވީވުގެ މަގުތަކުގައި ނިރުބަވެރި ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންގެ ޢަދަދު 500,000އަށްވުރެ ގިނައެވެ. އެ މީހުން ބުނީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މަރުވަމުން ދަނީ އަނިޔާވެރި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ކަމުގައެވެ. އަދި, ޢުދުވާން ހުއްޓުމަކަށް ގެނެސް, އަސީރުން މިނިވަން ކުރަން ކުރަމުންދާ މަޝްވަރާތައް ފޭލު ކޮށްލަން އޭނާ މަސައްކަތް ކުރާތީ ކަމުގައެވެ.

އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ބައިވެރިން ވަނީ ޤުދުސްގެ މަގުތައް ފުރައިލައި, އެއްގަމު ދަތުރުފަތުރަށް ހުރަސް އަޅާފައެވެ. އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އެއްވެސްފައި ވަނީ, ޤުދުސްގައި ހުންނަ ހައްދުފަހަނަ އެޅި ނަތަންގާހޫގެ ގެ ކައިރިއަށެވެ. ވެރިރަށް ތެލް އަވީވުގެ މަގުތައް ފުރައިލާފައިވާ މުޒާހަރާގެ ބައިވެރިން ވެސް ގޮވަމުން ދަނީ އަނިޔާވެރި ނަތަންޔާހޫގެ އިސްތިޢުފާއަށެވެ.

ޙަމާސްގެ މުޖާހިދުން ޔަހޫދީންގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ, އަޅުވެތިކަމަށް ކެތް ނުކުރެވިގެން ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ތެދުވެ މީގެ 10 މަސް ކުރިން ދިން ނުރައްކާތެރި ޙަމަލާއެއްގައެވެ. އޭގެ ތެރެއިން ބައެއް މީހުން މިނިވަން ކުރި ނަމަވެސް ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 101 އަސީރުން ތިބި ކަމަށް ބެލެވެއެވެ. ޙަމާސްގެ ޙަމަލާއާ ގުޅިގެން ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ދީފައިވާ ޙަމަލާތަކުގައި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި އަސީރުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުން ހުއްޓުވަން ޔަހޫދީ ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެ މީހުންނާ ދެކޮޅަށް ޕުރެޝަރުގައި ފެން ޖަހައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. ޔަހޫދީންގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފުލުހުން ވަނީ 30އެއްހާ މީހުން ހައްޔަރު ކޮށްފައެވެ. އެ ކަމާ ގުޅިގެން އެ ޤައުމުގެ ލޭބަރ ޕާޓީން ވެސް ވަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖަށް ނިކުމުތުމަށް ވަޒީފާ އަދާ މީހުންނަށް ގޮވައިލާފައެވެ.

ނިރުބަވެރި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ މުޒާހަރާތަކުގައި ބައިވެރިވާން ޔަހޫދީންގެ ޓްރޭޑް ޔޫނިއަންތަކުން ވެސް ވަނީ ނިންމާފައެވެ. އަދި, ޓްރޭޑް ޔޫނިއަން ފެޑެރޭޝަންގެ ވެރިޔާ އަރްނޮން ބަރް-ދަވީދު ވަނީ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް 24 ގަޑިއިރުގެ އިހުތިޖާޖެއް ކުރުމަށް ޔޫނިއަންތަކުގެ މެންބަރުންނަށް ގޮވައިލާފައެވެ. އޭނާ ވަނީ ޔަހޫދީންގެ މައި ބެން ގޫރިޔޮން ވައިގެ ބަނދަރު ބަންދު ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ޙަމާސާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރުގެ ތެރެއިން ވެސް ދަނީ ގޮވައިލަމުންނެވެ. އެ ކަމަށް ބާރު އަޅަމުންދާ އެކަކަކީ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕީދު ވެސް ވަނީ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ވީހާ ވެސް ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވުމަށް ގޮވައިލާފައެވެ. މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން, އެއީ ޣައިރު ޤާނޫނީ އެއްވުންތަކެެއްގެ ގޮތުގައި ކަނޑައަލައިދިނުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗް ވަނީ އެ ޤައުމުގެ އެޓަރނީ ޖެނެރަލްގެ ކިބައިން އެދިފައެވެ.

ހަ އަސީރުންގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ދެކުނުގައި ޙަމާސުން ބިނާ ކޮށްފައިވާ ބިންގަރާހެއްގެ ތެރެއިންނެވެ. އެ މީހުން މަރައިލާފައި ވަނީ ޙަމާސްގެ މުޖާހިދުން ކަމަށް ޔަހޫދީ ފައުޖުން ތުހުމަތު ކުރި ނަމަވެސް, ޙަމާސުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. ޙަމާސްގެ އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވީ, އެ މީހުން މަރުވީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ޖައްބާރު ނަތަންޔާހޫ ދެކޮޅު ހެދުމުގެ ސަބަބުން ކަމުގައެވެ.

"އެ މީހުންގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ނަތަންޔާހޫ. މިއީ, ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުން ނުވަތަ ނަތަންޔާހޫއާ ދެމެދު އިސްރާއީލުގެ ރައްޔިތުން ކޮންމެ ވެސް އެއް ގޮތެއް ނިންމަންވީ ވަގުތު،" ޛަހްރީ ވިދާޅުވިއެވެ. ނަމަވެސް, އަނިޔާވެރި ނަތަންޔާހޫ ދަނީ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި ޣައްޒާ ޢުދުވާން ނިމުމަކަށް ގެންނަން ދެކޮޅު ހަދަމުންނެވެ. އޭނާ ބުނީ, ޙަމާސްގެ ކިބައިން އަސީރުން މަރައިލުމުގެ ބަދަލު ހިފާނެ ކަމުގައެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,738އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,154އަށް އުފުލިފައެވެ.