ޚަބަރު

އެމްޕޮކްސް ވެކްސިން ގަންނަން ޔުނިސެފުން ބޮޑު އޯޑަރެއް ޖަހައިފި


އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބައްޔަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ބޮޑު އޯޑަރެއް ޖަހައިފިއެވެ. އެމްޕޮކްސް ވެކްސިން ހޯދަން ޔުނިސެފުން މަސައްކަތް ކުރަމުން ދަނީ ގެވީ ވެކްސިން އެލަޔަންސާއި, އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އާ ގުޅިގެންނެވެ.

ޔުނިސެފުން ބުނީ, ވެކްސިން އުފެއްދޭ މިންވަރަށް ބަލައި 2025 އަހަރުގެ ޑިސެންބަރާ ދެމެދު އެމްޕޮކްސް ވެކްސިންގެ 12 މިލިޔަން ޑޯޒް ހޯދުމަށް އޯޑަރު ޖަހާފައިވާނެ ކަމުގައެވެ. އަދި, ވެކްސިން އުފައްދާ ކުންފުނިތަކާ އެކު ޚާއްޞަ އެއްބަސްވުންތަކެއް އެކުލަވައިލާނެ ކަމުގައެވެ. އެ އެއްބަސްވުންތަކުގެ ދަށުން, ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ޤައުމުތަކަށް ވެކްސިން ފޯރު ކޮށްދިނުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށިގެންދާނެ ކަމުގައި ވެސް ޔުނިސެފުން ބުންޏެވެ.

މީގެ އިތުރުން, މިހާރު ވެސް ތައްޔާރުކޮށް ގުދަން ކޮށްފައިވާ ވެކްސިން ސްޓޮކުތައް ހޯދަން ބައެއް ކުންފުނިތަކާއި މުއްސަނދި ޤައުމުތަކުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައި ވެސް ޔުނިސެފުން ބުންޏެވެ. އޭގެ ތެރޭގައި ވެކްސިން އެލަޔަންސާއި ޕޭން އެމެރިކަން ހެލްތް އޮގަނައިޒޭޝަން ހިމެނެއެވެ. އެ އިދާރާތަކުން ވެކްސިން ޑޯޒުތައް ހަދިޔާ ކުރުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް ޔުނިސެފުން ހާމަ ކުރިއެވެ.

އެމްޕޮކްސަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ އައު ވެކްސިންތަކަށް ހުއްދަ ދިނުމަށް ވެސް ޑަބްލިޔުއެޗްއޯން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން, ބެވޭރިޔަން ނޯޑިކް ކުންފުންޏާއި ޖަޕާނުގެ ކޭއެމް ބަޔޮލޮޖިކްސް ކުންފުނިން އުފައްދާފައިވާ އައު ދެ ވެކްސިނަކާ ގުޅޭ މަޢުލޫމާތު ޑަބްލިޔުއެޗްއޯން ދިރާސާ ކުރަމުންދާ ކަން ޔުނިސެފުން ހާމަ ކުރިއެވެ. އަދި, ސެޕްޓެންބަރު މަހުގެ މެދެއްހާ ހިސާބުގައި އެ ދެ ވެކްސިނަށް ލައިސަންސް ދޫކުރުމާ މެދު ޑަބްލިޔުއެޗްއޯން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޕްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޑަބްލިޔުއެޗްއޯން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. އަދި, އެ ޤައުމާ އިންވެގެން އޮތް ގިނަ ޤައުމުތަކަކަށް ބަލި ވަނީ ފެތުރިފައެވެ.

ކޮންގޯގައި މި އަހަރުގެ ތެރޭގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 18,000ން މައްޗަށް އުފުލިފައިވާ ކަމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޮސް ހާމަ ކުރެއްވިއެވެ. ބަލި އެންމެ ފަހުން ފެނިފައިވާ ޤައުމުތަކުގެ ތެރެއިން ބުރުންޑީން ވެސް ބަލި ޖެހިފައިވާ 150 މީހުން ދެނެގަނެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން, ޕާކިސްތާނާއި ސްވިޑެނާއި ތައިލެންޑުން ވެސް ބަލި ޖެހިފައިވާ ބަޔަކު ވަނީ ދެނެގަނެވިފައެވެ.

2023 ޖަނަވަރީގައި ކޮންގޯގައި އެމްޕޮކްސް ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ މަރުވެފައެވެ. މިއީ, އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ޢާންމުކޮށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް, ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ސައިންސްވެރިންނަށް އެންމެ ފުރަތަމަ މި ބަލި ދެނެގަނެވިފައި ވަނީ 1958ވަނަ އަހަރުއެވެ. މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ވެސް ކޮންގޯއިންނެވެ. އެއީ, ރާމާމަކުނުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޢާންމު ގޮތެއްގައި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ.

ނަމަވެސް, 2022ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން މި ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އެމްޕޮކްސަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. އެމްޕޮކްސް ޖެހިފައިވާ މީހުންގެ ފުށުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ހީކެރުވުމާއި, ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި, ބައެއް މީހުންގެ މޫނާއި, އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ.