ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވާއި ބޮޑެތި ރަށްތަކަށް ވަރުގަދަ މިސައިލް ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔޫކްރެެއިންގެ ދިފާޢީ ވުޒާރާއިން ބުނީ, ކީވަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ބޭނުން ކުރި 10 ކްރޫޒް މިސައިލާއި 10 ބެލިސްޓިކް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މިސައިލްތަކުގެ ބައިތަށް ކީވްގައި ޢާންމުން ދިރިއުޅޭ ހިސާބުތަކަށް ވެއްޓި ދެ މީހުން ޒަޚަމުވިއެވެ.
ރަޝިޔާއިން ކީވަށް ޙަަމަލާ ދީފައި ވަނީ ދަންވަރުގެ ވަގުތުގައެވެ. ޙަމަލާ ދޭން ފެށުމާ އެކު ކީވްގައި އިންޒާރުގެ ރަނގަބީލު އަޅަން ފެށިއެވެ. ރަޝިޔާގެ ޙަމަލާތައް ދެ ގަޑިއިރެއްހާއިރަށް ދެމިގެން ދިޔަ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ރަޝިޔާގެ ޙަމަލާތަކާ ގުޅިގެން ޔޫކްރެއިނާ އިންވެގެން އޮތް ނޭޓޯގެ މެންބަރު ޤައުމެއް ކަމުގައިވާ ޕޮލެންޑުގައި ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިއެވެ. ޕޮލެންޑުން ވެސް ވަނީ އަސްކަރީ މަތިންދާބޯޓުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
ރަޝިޔާގެ ޙަމަލާތަކުގައި ކީވްގެ ފެން އުފައްދާ ކާރުޚާނާއެއްގެ އިތުރުން ބިމުއަޑީގެ މެޓްރޯލް ރޭލު ސްޓޭޝަނަކަށް ގެއްލުންވިއެވެ. ރަޝިޔާގެ ޙަމަލާތަކުން ރައްކާތެރި ކަން ހޯދުމަށް އެ ވަގުތު, އެ މެޓްރޯ ސްޓޭޝަންގެ ތެރޭގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ތިއްބެވެ. ކީވްގެ މޭޔަރު ވިތާލީ ކްލިޗްކޯ ވިދާޅުވީ, ރަޝިޔާއިން ބައެއް ޙަމަލާތައް އަމާޒު ކޮށްފައިވާ ސްވެތޯޝިންސްކީއަކީ ގިނަ ޢަދަދެއްގެ މަދަރުސާތަކާއި ޔުނިވަރސިޓީތައް ހުންނަ ސަރަޙައްދެއް ކަމުގައެވެ.
ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ހަރްކިވަށް ރަޝިޔާއިން ދިން ވަރުގަދަ ޙަމަލާތަކުގައި 47 މީހުން ޒަޚަމުވި ކަމުގައި ޔޫކްރެއިންގެ އޮފިޝަލުން ބުންޏެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެއެވެ. ހަރްކިވަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ފިހާރަބަރިއަކާއި ހަފުލާތައް ބާއްވާ މަރުކަޒަކަށެވެ. ޙަމަލާތަކުގައި އެ ދެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ހަރްކިވްގެ އޮފިޝަލުން ބުންޏެވެ.
ހަރްކިވަށް ދިން ޙަމަލާތަކާ ގުޅިގެން, ބަދަލު ހިފުމުގެ ގޮތުން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ފޮނުވަމުންދާ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރުމުގެ ހުއްދައަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އަނެއްކާ ވެސް ވަނީ އެދިލައްވާފައެވެ. ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައް ހުއްޓުވޭނީ, ރައްދުގައި ރަޝިޔާގެ ރަށްތަކަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީގެން ކަމަށް އޭނާ ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް, އެމެރިކާ އަދި ނޭޓޯގެ މެންބަރު ޤައުމުތަކުން ޔޫކްރެއިނަށް ފޮނުވަމުންދާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުން އޮތީ މަނާ ކޮށްފައެވެ.
"މި ބިރުވެރިކަން ހުއްޓުވަން ދުނިޔޭގައިވާ މި ކަމަށް ބޭނުންވާ ހުރިހާ ބާރެއް އެއް ތަން ކުރަން ޖެހޭ. މި ކަމަށް މާ މޮޅެތި ބާރުތަކެއް ބޭނުމެއް ނުވޭ. ހަމައެކަނި ބޭނުން ވަނީ, ޔޫކްރެއިން ދިފާޢު ކުރަން ބޭނުންވާ ކަންކަން ކޮށްދިނުމަށް [ހުޅަނގުގެ ޤައުމުތަކުގެ] ލީޑަރުންގެ ހިތްވަރު،" ޒެލެންސްކީ ވިދާޅުވިއެވެ.
ކީވާއި ޔޫކްރެއިންގެ ބޮޑެތި ރަށްތަކަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ, މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އެ ފަދަ ޙަމަލާތަކެއް ދިނުމަށް ފަހުގައެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދެ ދުވަހެއްގެ މަތިން 200އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ ހަތް މީޙުން މަރުވިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެ, އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޝިޔާއިން ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި ނަމަވެސް, ރަޝިޔާއިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
ކީވާއި ހަރްކިވަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ, ޔޫކްރެއިނުން ވެސް ރަޝިޔާގެ ވެރިރަށް މޮސްކޯއާއި ބޮޑެތި ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ޑްރޯން ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށެވެ. ޙަމަލާތަކުގައި ޔޫކްރެއިނުން ބޭނުން ކުރި 158 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
ޔޫކްރެއިނުން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮންނަ ކޫރްސްކު ސަރަޙައްދަށް ވެސް ސިފައިން ފޮނުވާފައެވެ. އޮގަސްޓު 6ވަނަ ދުވަހު ކޫރްސްކަށް އަރައި, އެ ސަރަޙައްދުގެ އަވަށްތަކަށް އަތްގަދަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސަން ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދުގެ 100އެއްހާ އަވަށް ހިމެނޭ ގޮތުން 1,200އެއްހާ އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމަށް ޔޫކްރެއިނުން ބުނެއެވެ.
ރަޝިޔާއިން ވެސް ދާދި ފަހުން ވަނީ ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި އޮންނަ ޕޯކްރޮވްސްކު ކައިރީގައިވާ ދެ އަވަށަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޕޯކްރޮވްސްކުގެ އިރުދެކުނުން 21 ކިލޯމީޓަރު ދުރުގައި އޮތް ޕްތައިޚައްޔާ ހިމެނެއެވެ. ރަޝިޔާ ސިފައިންގެ މި ވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޕޯކްރޮވްސްކަށް އަތްގަދަ ކުރުމެވެ.